ޔާމީންގެ އަތުން ފަސް މިލިއަން ޑޮލަރު ހޯދަން ކުރި ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފި
ޔާމީންގެ އަތުން ފަސް މިލިއަން ޑޮލަރު ހޯދަން ކުރި ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފަސް މިލިއަން ޑޮލަރު ނުދެއްކެވުމުން އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލް އޮފީހުން ސިވިލް ކޯޓުގައި އުފުލި ދައުވާ ބަލައިގަނެ އަންނަ ހަފުތާއަށް އަޑު އެހުމެއް ތާވަލްކޮށްފި އެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވުމުން ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާއިން) ޖޫރިމަނާ ކުރި އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމުގައި އެންގި ފައިސާ އެ މަނިކުފާނު މިހާތަނަށް ނުދައްކަވަ އެވެ.

އޭޖީ އޮފީހުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން ބަލައިގަނެ އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:20އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތީ "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން ކަމަށް އޭޖީ އޮފީހުން މިއަދު ބުންޏެވެ.

އޭޖީ އޮފީހުން ހުށަހެޅި މައްސަލައިގައި އެދުނީ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކެވުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ މައްސަލަ ހުށަހެޅީ، ޓެކްސް ނޫނީ ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ފައިސާ، އެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ދައުވާ ކުރުމުގެ އިހްތިޔާރު އޭޖީ އޮފީހަށް ލިބިގެންވާ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނާ މާއްދާގެ ދަށުންނެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ޖޫން 26، 2021 ގައި ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ވެސް އެ ފައިސާ ދެއްކުމަށް އެދުނެވެ.

ޔާމީން ޖަލަށްލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.

ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށާފައިވާއިރު، އެ މައްސަލައިގެ ތެރެއިން އެމަނިކުފާނު ވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. އެކަމަކު، އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.