އަޖޭގެ "މައިދާން" އަންނަ އަހަރުގެ ޖޫން 3 އަށް
އަޖޭގެ "މައިދާން" އަންނަ އަހަރުގެ ޖޫން 3 އަށް

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރަށް އިތުރު ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރް ސިފަކުރާ ފިލްމު "މައިދާން" އަށް އާ ތާރީހެއް ހަމަޖައްސައިފި އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ތާރީހުތައް ބަދަލު ކުރަމުން އައި ފިލްމު މިހާރު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 3 ގަ އެވެ. އެ ތާރީހާ އެކު ވަނީ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ. އާ ތާރީހު އިއުލާން ކުރުމުގެ ކުރިން އެންމެ ފަހުން ފިލްމަށް ހަމަޖެއްސި ތާރީހަކީ މި މަހުގެ 15 އެވެ.

"މައިދާން" އަކީ އިންޑިއާގެ ޒަމާނީ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގެ ޑައިރެކްޓަރަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ.

"މައިދާން" ގެ ކާސްޓްގައި ދެކުނުގެ ބަތަލާ ޕްރިޔަމަނީ އާއި ގަޖްރާޖް ރާއޯ އަދި ރުދުރަނިލް ގޯޝް ހިމެނެ އެވެ.

މި ފިލްމުގެ އިތުރުން އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" އާއި "ގަންގޫބާއީ ކަތިއަވާޅީ" އާއި "މޭޑޭ" އާއި "ތޭންކް ގޯޑް" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.