އިސްރަށްވެހިންނަށް ހުޅުމާލޭގައި ހަރަކާތްތަކެއް ބާއްވަނީ
އިސްރަށްވެހިންނަށް ހުޅުމާލޭގައި ހަރަކާތްތަކެއް ބާއްވަނީ

ކޮވިޑް-19 އާ ގުޅިގެން އިސްރަށްވެހިންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މިއަހަރުގެ އިސްރަށްވެހިންގެ ދުވަސް ހުޅުމާލޭގައި ފާހަގަކުރުމަށް އެޗްޑީސީން ނިންމައިފި އެވެ.

ހުޅުމާލޭގައި މި ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޑީސީ އާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާ
ގުޅިގެންނެވެ. ރުއްގަނޑު އެކެއް ސަރަހައްދުގައި އެ ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އިން 8:30 އަށެވެ.

އެޗްޑީސީން ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމުތައް ވެސް ބާއްވާނެ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާ ގިނަ މައުލޫމާތުތަކެއް ދިނުމާއި އެ މީހުންގެ ހަކުރު އަދި ލޭގެ ޕްރެޝަރު ބަލާލުން ފަދަ ހިދުމަތްތައް ވެސް އެ ދުވަހު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި އަހަރު އިސްރަށްވެހިންގެ ދުވަހުގެ ތީމަކީ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް" އެވެ. އެ ތީމާ ގުޅުވައިގެން ދިރާގުން ގިނަ ހިދުމަތްތަކެއް ވެސް ކުރިއަށްދާނެ އެވެ. އެޗްޑީސީން ބުނި ގޮތުގައި އެ ހިދުމަތްތައް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުވުމާއި މާނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާ އެކު ހޭލުންތެރިކަން އިތުރު ކުރުމެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން އެޗްޑީސީ އަށް ގުޅައިގެން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ދުވަހު އެ ސަރަހައްދަށް ދާ އެ އުމުރުފުރައިގެ މީހުންނަށް ވެސް ހަރަކާތުގައި ބައިވެރިވެވޭނެ އެވެ.