04 ޑިސެމްބަރ 2016 - 09:16

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ބޭސްފަރުވާއަށް އިންޑިއާ އަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން ކަރެކްޝަނުން އަދި ވަކި އެއްޗެކޭ މީޑިއާއަކަށް ނުބުނެ އެވެ.
މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ ކަރެކްޝަނަލް ސާވިސްއިން ހުއްދަ ދިނީ އިންޑިއާގައި ފަރުވާ ހޯދަން 10 ދުވަހުގެ މުއްދަތެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ދަނީ ފުރަން ވާއިރަށް ކުރަން ޖެހޭ ކަންކަން ކުރަމުން،" ނަޒޫ ވިދާޅުވި އެވެ.
ފުލުހުންގެ އަމުރަށް ކިޔަމަންނުވުމުގެ ދެ މައްސަލައެއް ސާބިތުވެ 10 މަހަށް ޖަލަށް ލާފައިވާ މަހްލޫފް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މި ދިނީ، އޭނާ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެ ހުއްދަ ލިބޭތޯ އާއިލާ އިން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ވެސް ވަނީ ލަފާ ދީފަ އެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި މަހުލޫފްގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
މަހުލޫފްގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށް، ޖަލުގައި ހުރެ އޭނާގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އާއި މަހްލޫފްގެ އާއިލާއިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވި އިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ.
މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.