04 ޑިސެމްބަރ 2016 - 09:14

ލަންޑަން (ޑިސެމްބަރު 4) - އަލެކްސިސް ސަންޗޭޒްގެ ހެޓްރިކާ އެކު 5-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް އާސެނަލް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގު އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު ޗެލްސީ އެވެ. އާސެނަލް ރޭގެ މޮޅާ އެކު ވަނީ 14 މެޗުން 31 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގެ ތިން ވަނައިގައި 13 މެޗުން 30 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، އެ ޓީމު ރަށުންބޭރުގައި މިރޭ ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން ދެ ވަނަ އަށް އެރޭނެ އެވެ.
ރޭގެ މެޗުގައި އާސެނަލަށް ލީޑު ނަގައިދިނީ ސަންޗޭޒް ދިން ބޯޅައަކުން މެޗުގެ 24 ވަނަ މިނިޓްގައި މެސުޓް އޮޒިލް އެވެ. މި މެޗުގައި ޖެހި އަނެއް ފަސް ލަނޑު ވެސް ފެނިގެންދިޔައީ ފަހު 20 މިނިޓް ތެރޭގަ އެވެ. ސަންޗޭޒްގެ ފަރާތުން ހެޓްރިކެއް ފެނުނުއިރު، އަނެއް ލަނޑު ޖެހީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ.
ރޭގެ ތިން ލަނޑާ އެކު ސަންޗޭޒް ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ޗެލްސީގެ ޑިއޭގޯ ކޮސްޓާއާ ހަމަކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ލީގުގައި މިހާތަނަށް 11 ލަނޑު ޖަހައިފަ އެވެ.
ވެންގާ ބުނީ މިއީ ފަހަކަށް އައިސް އާސެނަލްގެ ފަރާތުން ފެނުނު އެންމެ ފުރިހަމަ ކުޅުން ކަމަށެވެ.
"އެއްވެސް ޝަކުވާއެއް ކުރާކަށް ޖާގައެއް ނެތް. ކޮންމެ ކުޅުންތެރިޔަކު ވެސް ދެއްކީ ހަމަ ވަރަށް ފުރިހަމަ ކުޅުމެއް. މިއީ ފަހަކަށް އައިސް ފެނުނު އެންމެ ރަނގަޅު މެޗު،" ވެންގާ ބުންޏެވެ.
ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެންޑީ ކެރޯލް އެވެ. މިއީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރު ހުރުމަށް ފަހު ކެރޯލް އެނބުރި ކުޅުމަށް އައިސް ޖެހި ފުރަތަމަ ލަނޑެވެ.
ރޭގެ ބައްޔާ އެކު ވެސްޓް ހޭމް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ކުޅުނު 14 މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ 17 ވަނައިގަ އެވެ.