ގާޒީ އަލީ ނަސީރު ބަދަލުކުރީ ފެލިދޫ ކޯޓަށް
ގާޒީ އަލީ ނަސީރު ބަދަލުކުރީ ފެލިދޫ ކޯޓަށް

ސުލޫކީ މައްސަލައެއް ސާބިތުވެފައިވާ، ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް، އޭނާ ބަދަލުކުރަން ނިންމާފައި ވަނީ ވ. ފެލިދޫ މެޖިސްޓްރޭޓު ކޯޓަށް ކަމަށް މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ހުރި މަގާމަށް ވުރެ ދަށް ދަރަޖައިގެ މަގާމަކަށް ބަދަލުކުރުމަކީ ފަނޑިޔާރަކަށް އެޅޭނެ ފިޔަވަޅެއް ކަމަށް ޖޭއެސްސީގެ ގާނޫނުގައި އޮވެ އެވެ. އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ނިންމީ އެ ފިޔަވަޅު އަޅައި މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރުމަށެވެ.

ޖޭއެސްސީގެ އެސްޖީ އިޒްމީރާ ޝިޔާމް މިއަދު "މިހާރު" އަށް ވިދާޅުވީ ކޮމިޝަނުން ދިން ފުރުސަތުތަކުގެ ތެރެއިން އަލީ ނަސީރު އިހްތިޔާރު ކުރެއްވީ، ވ. ފެލިދޫ މެޖިސްޓްރޭޓު ކޯޓަށް ބަދަލުވުމަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީން އޭނާއަށް ތިން ރަށެއްގެ ނަން ހުށަހަޅައި އެއިން ކޮންމެ ވެސް އެއް ރަށެއް އިހްތިޔާރު ކުރަން ފުރުސަތު ދިނެވެ.

އަލީ ނަސީރުގެ މައްޗަށް ސާބިތުވީ، އަލީ ނަސީރު ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީ އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމެވުމުން ބެލި ސުލޫކީ މައްސަލައެކެވެ.

ގާޒީ އަލީ ނަސީރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުގެ ކުރިން ވެސް އޭނާ މެޖިސްޓްރޭޓްކަން ކުރެއްވި އެވެ.

މިއީ ފިޔަވަޅެއްގެ ގޮތުން ގާޒީއެއްގެ މަގާމުގެ ފެންވަރު ދަށް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ފިޔަވަޅު އެޅީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ގާޒީ އަހުމަދު ޝަރީފަށެވެ. އޭނާ އެ ކޯޓުން ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ.