އިރާގުގެ ގައުމީ ޓީމުގައި ހިމެނޭ ލާޑޯ: ދިވެހި ކުޅުންތެރިންނަކީ ހިތްވަރުގަދަ ބައެއް
އިރާގުގެ ގައުމީ ޓީމުގައި ހިމެނޭ ލާޑޯ: ދިވެހި ކުޅުންތެރިންނަކީ ހިތްވަރުގަދަ ބައެއް

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކޯޗިން ޓީމުގައި މަސައްކަތް ކުރި އެކަކީ ފިޓްނަސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ވަލްޑްމިއާ ކްރުނިޗް (ލާޑޯ) އެވެ. އެކި މުބާރާތްތަކުގައި އެކި ފަހަރުމަތިން ގައުމީ ޓީމާއެކު އޭނާ މަސައްކަތް ކުރި އެވެ.

އިރާގުގެ ގައުމީ ޓީމުގައި ހިމެނޭ ލާޑޯ: ދިވެހި ކުޅުންތެރިންނަކީ ހިތްވަރުގަދަ ބައެއް
އިރާގުގެ ގައުމީ ޓީމުގައި ހިމެނޭ ލާޑޯ: ދިވެހި ކުޅުންތެރިންނަކީ ހިތްވަރުގަދަ ބައެއް

ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ޑިކް އެޑްވޮކާޓްގެ ކޯޗިން ޓީމުގައި މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ، އޭޝިއާގެ ފުޓްބޯޅައިގެ ގަދަ އެއްބާރު އިރާގުގެ ގައުމީ ޓީމުގަ އެވެ. އިރާގަކީ އޭޝިއާގައި ލާޑޯ މަސައްކަތް ކުރާ ހަތަރު ވަނަ ގައުމީ ޓީމެވެ.

މާދަމާ ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ތައުރީފް ނޫން އެއްޗެއް ލާޑޯ އަތުގައި ނެތެވެ.

"ދިވެހި ކުޅުންތެރިންނަކީ ޑިސިޕްލިން އަދި ބުރަކޮށް މަސައްކަތް ކުރާ ބައެއް. އަދި އެ މީހުންނަށް ދޭ އިރުޝާދާ އެއްގޮތަށް އެކަން ކުރާ ބައެއްގެ ގޮތުގައި އަހަންނަށް ފާހަގަވީ. ކުޅުންތެރިންގެ މެދުގައި ރަނގަޅު މާހައުލެއް އޮތް. ރާއްޖޭގެ ކުޅުޅުންތެރިންނާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އިރާގުގެ ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕްގައި ހުރެގެން "މިހާރު" އާ ވާހަކަ ދައްކަމުން މޮންޓަނީގްރޯ އަށް ނިސްބަތްވާ ލާޑޯ ބުންޏެވެ.

ކުރީގެ ކޯޗު ޕީޓާ ޝެގަޓް ރާއްޖޭގައި މަސައްކަތް ކުރުމަކީ ދިވެހި ކުޅުންތެރިންނަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރި އެވެ. ލާޑޯ ބުނީ ރާއްޖޭގައި އޭނާ މަސައްކަތް ކުރި އިރު އޮތް މާހައުލަކީ އަބަދުވެސް ހަނދާން ހުންނާނެ ދުވަސް ވަރެއް ކަމަށެެވެ.

އިރާގުގެ ގައުމީ ޓީމާއެކު އޭނާ އެންމެ އަވަހަށް އޮތީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ލުބުނާންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ނިއުޓްރަލް ވެނޫއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ގަތަރުގެ ދޯހާގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ބަންގްލަދޭޝް އާއި ނޭޕާލް އެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ.

- އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

- އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 4 (ރޭގަނޑު): ސްރީ ލަންކާ - ނޭޕާލް

- އޮކްޓޯބަރު 7 (ހަވީރު): އިންޑިއާ - ސްރީ ލަންކާ

- އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ދިވެހިރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

- އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހިރާއްޖެ

- އޮކްޓޯބަރު 16 (ރޭގަނޑު): ފައިނަލް މެޗު

ހަވީރު ކުޅޭ މެޗުތައް ފަށާނީ 4 ޖަހާއިރު އެވެ. އަދި ރޭގަނޑުގެ ކުޅޭ މެޗުތައް ފަށާނީ 9 ޖަހާއިރު އެވެ. ފައިނަލް މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.