އައިޖީއެމްއެޗުން ބުނަނީ ބޮޑު ކިއޫ މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް
އައިޖީއެމްއެޗުން ބުނަނީ ބޮޑު ކިއޫ މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކަން ބޮޑު ކިއޫއެއް ހަދަން ޖެހެނީ ކޮވިޑް-19 އާ ގުޅިގެން އައި ދަތިތަކުގެ ސަބަބުން ކަމަށާއި މަހެއްހާ ދުވަސް ތެރޭގައި އެ މައްސަލަ ހައްލު ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނަނީ ބޮޑު ކިއޫ މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް
އައިޖީއެމްއެޗުން ބުނަނީ ބޮޑު ކިއޫ މަހެއްހާ ދުވަހުގެ ތެރޭގައި ހައްލުވާނެ ކަމަށް

މާލޭގައި ބޭސްފަރުވާގެ ހަރަދު އެއްކޮށް އާސަންދަ އިން ކަވަރު ކުރާ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗް ކަމަށްވާއިރު، އެ ހޮސްޕިޓަލުން ސްޕެޝަލިސްޓަކަށް ދައްކަން އެތައް ސަތޭކަ ބައެއްގެ ދިގު ކިއޫއެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ޖެހެ އެވެ. "މިހާރު" އިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާރު ވެސް ޑިޕާޓްމަންޓުތަކުގައި ޑޮކްޓަރަށް ދައްކަން ވެއިޓިންގައި ތިބި މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ އެވެ.

އެކަމުގެ ޝަކުވާ ބޮޑުވެ، އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އައިޖީއެމްއެޗަށް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން އައިޖީއެމްއެޗްގައި އެ މައްސަލަ ދިމާވެފައި ނެތް ކަމަށެވެ. ކުރީގެ ހިސާބުތަކަށް ބަލާއިރު ހުރިހާ ޑިޕާޓްމަންޓުތަކުގައި އޮތް ކިއޫ އެއްކޮށްލައިގެން ވެސް ތިބީ 500-600 މީހުން ކަމަށް ސިރާޖު ވިދާޅުވި އެވެ.

ނަމަވެސް ރާއްޖެ އަށް ކޮވިޑް ފެތުރުމާ ގުޅިގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުން ވަރަށް ބޮޑަށް ހުއްޓާލާފައިވާ ކަމަށާއި ވަރަށް ހާއްސަ ހާލަތެއްގައި ނޫނީ ސްޕެޝަލިސްޓުންނަށް ދައްކަމުން އައީ އޮންލައިންކޮށް ކަމަށް ސިރާޖު ވިދާޅުވި އެވެ. އެއަށް ފަހު ކޮވިޑްގެ ކަންކަން ހަމައަކަަށް އެޅެން ފެށުމުން ހޮސްޕިޓަލް ހުޅުވާލުމާއި، މާލެ ސަރަހައްދު ވެސް ހުޅުވާލުމާ ގުޅިގެން މުޅި ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އައިސް މި ދުވަސްވަރު ކިއޫތައް ދަމާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑުގައި އަޅުގަނޑުމެންގެ ޑޮކްޓަރުން 24 ގަޑިއިރު ވަރަށް ބުރަކޮށް މަސައްކަތް ކުރީ. އެހެންވެ ވަރުބަލިވެފައި ތިބި ޑޮކްޓަރުންނަށް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަރަކަށް ޗުއްޓީ ވެސް ދޭން. ދެމުން ދާތީވެ ޑޮކްޓަރުންގެ ނަމްބަރުތައް ވެސް މަދުވީ. އެހެންވެ ކިއޫ މައްޗަށް ދިޔައީ،" ސިރާޖު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކޮށް، ކުރިން އޮތް ހާލަތަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކޮންމެ ޑޮކްޓަރެއް ވެސް ދުވާލަކަށް ބަލަމުން އަންނަ ޕޭޝަންޓުންގެ އަދަދު ވަރަށް ގިނަ ކޮށްފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

އެތެރެ ހަށީގެ ޑިޕާޓްމަންޓުން ދުވާލަކަށް 70 ޕޭޝަންޓުން ބަލާ ކަމަށާއި އަންހެނުންނަށް ހާއްސަ ޑޮކްޓަރުން 50-60 ޕޭޝަންޓުން ބަލާނެ ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި ކަށީގެ ޑޮކްޓަރުން ވެސް ދުވާލެއްގެ މައްޗަށް ގިނަ ޕޭޝަންޓުންތަކެއް ބަލައި، ކިއޫ ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

"މޭޖާކޮށް އަޅުގަނޑު ގަބޫލު ކުރަނީ އެކަންވީ [ކިއޫ ދިގުވީ] ކޮވިޑާ ގުޅިގެން ކަމަށް. މުޅިން ހުއްޓާލާފައި އޮތް ކޮންސަލްޓޭޝަންތަކެއް، އަލުން ފަށައިގަތީމަ ހުރިހާ އެންމެން މި އަންނަނީ އެއްކޮށް. ޕްރައިވެޓް ތަންތަނަށް ދާނީ ވަރަށް މަދު، ޓެސްޓެއް ހަދަން ވިޔަސް ނަން ނޯޓު ކުރާނީ ހަމަ އައިޖީއެމްއެޗްގައި،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ކޮވިޑް-19 ހާލަތު ރަނގަޅުވުމުން ޗުއްޓީ އަށް ދިޔަ ޑޮކްޓަރުން ވެސް މިހާރު އަނބުރާ އަންނަމުންދާ ކަމަށެވެ. އަދި ކިއޫތައް މަދު ކުރަން ކޮންމެ ދުވަހަކު ގިނަ ޕޭޝަންޓުން ބަލާތީ ވަރަށް އަވަހަށް މައްސަލަ ހައްލު ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ކުރިޔަށް އޮތް 2-3 ހަފްތާ ތެރޭގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.