ކުއްޖަކު ކޮނޑަށް ލައިގެންދިޔަ މަންމައަށް އާންމުންގެ ޖަމިއްޔާއިން ޓެކްސީއެއް ހަމަޖައްސައިދެނީ
ކުއްޖަކު ކޮނޑަށް ލައިގެންދިޔަ މަންމައަށް އާންމުންގެ ޖަމިއްޔާއިން ޓެކްސީއެއް ހަމަޖައްސައިދެނީ

ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްގައި އުޅޭ އަންހެނަކު ކުޑަ ކުއްޖަކު ކޮނޑުގައި ސްކޫލަށް އުފުލާ ވީޑިއޯއެއް އާންމުވެފައިވަނިކޮށް ކުދިން ސްކޫލަށް ގެންދާ ވަގުތާއި ސްކޫލު ނިންމާފައި ގެއަށް އަންނަ ވަގުތު އެމީހުންނަށް ޓެކްސީއެއް ހަމަޖެއްސުމަށް އާންމުންގެ ޖަމިއްޔާ (ކޮތަރުކޮށި) އިން ނިންމައިފި އެވެ.

ކޮތަރުކޮށީގެ ނަމުން މަޝްހޫރު އާންމުންގެ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް މިދުއަމް ސައުދު، މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ވީޑިއޯގައި ކުއްޖާ އުފުލައިގެންދާ އަންހެން މީހާއާ އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ.

އެ އަންހެން މީހާގެ ދެ ކުދިން ތިބޭ ކަމަށާއި ވީޑިއޯ ނެގި ދުވަހު އެތަނުން އެއް ކުއްޖަކު ސްކޫލަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު ވީޑިއޯ އާންމުކުރިއިރު މި ފެންނަނީ އެންމެ ކުއްޖެއް. އެ ދުވަހު އަނެއް ކުއްޖާ ސްކޫލަކަށް ނުދޭ. ކޮނޑަށް ލައިގެން އެ ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް،" މިދުއަމް ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ހިނގާފައި ނުވަތަ ދަރިފުޅު ކޮނޑަށް ލައިގެން ހުޅުމާލޭ ފޭސް އެކެއްގެ ބަސް ސްޓޮޕަކާ ހަމައަށް މި ކުދިން ގޮވައިގެން މަންމަ ދެ އެވެ. އަދި އަނބުރާ ފްލެޓަށް ވެސް އަންނަނީ ހިނގައިފަ އެވެ.

ކޮންމެ ދުވަހަކު ޓެކްސީގައި ދަތުރުކުރުމަށް ފައިސާ ނެތުމުން މި ހާލުގައި އެ އާއިލާ އުޅެމުން އަންނައިރު މިހާތަނަށް ފޭސް ދޭކަށް ބަހުގެ ހިދުމަތެއް ނުފަށަ އެވެ. އަދި ފެށޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

މިދުއަމް ވިދާޅުވީ ފޭސް ދޭކަށް ބަހުގެ ހިދުމަތް ފެށެންދެން އެ ކުދިން ސްކޫލަށް ދިއުމަށް ޓެކްސީގެ ހިދުމަތް ލިބޭނެ އިންތިޒާމު އެ ޖަމިއްޔާއިން ހަމަޖައްސާނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ސްޕޮންސާކޮށްދެނީ. ސްކޫލަށްދާ ގަޑިއާއި ނިމޭ ގަޑީގަ އޭނާ [މަންމަ] ބޭނުންވާ ބަސް ސްޓޮޕަކަށް ހުއްޓާ ގޮތަށް މި އިންތިޒާމު ހަމަޖެހިގެންދާނެ،" މިދުއަމް ވިދާޅުވި އެވެ.

ފޭސް ދޭކަށް މިހާތަނަށް ބަހުގެ ހިދުމަތް ފަށާފައިނުވި ނަމަވެސް އެތަނަށް ގާތްގަނޑަކަށް 60 އެއްހާ އާއިލާ މި މަހުގެ ތެރޭގައި ބަދަލުވެ، ދިރިއުޅެމުން އެބަދެ އެވެ. ބަހުގެ ހިދުމަތް ނުފެށި ލަސްވުމަކީ ފްލެޓުގައި އުޅޭ މީހުންގެ ކަންބޮޑުވުމެކެވެ.