ޓިކްޓޮކްގައި ބަރަހަނާވި މީހާ ބަންދުން ދުލެއް ނުކުރި
ޓިކްޓޮކްގައި ބަރަހަނާވި މީހާ ބަންދުން ދުލެއް ނުކުރި

އަންހެން ހެދުން އަޅައިގެން ނަށަމުން ގޮސް ޓިކްޓޮކްގައި ބަރަހަނާވި ފިރިހެން މީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 12 ދުވަސް ޖަހައިފި އެވެ.

ވީޑިއޯގެ މައްސަލާގައި، 36 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ޖެހީ 15 ދުވަހެވެ. އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މުއްދަތު ހަމަވެގެން ބަންދު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 12 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މިމަހުގެ 8 ވަނަ ދުވަހު ޓިކްޓޮކްގައި ބަރަހަނާވި މީހާ އަކީ އަންހެން ހެދުން އަޅައިގެން ނަށައި އޭގެ ވީޑިއޯތައް އާންމުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާ މީހެކެވެ. އެކަމަކު އޭނާ އޭގެ ވީޑިއޯތައް ހެދުން ހުއްޓައެއް ނުލަ އެވެ.

ޓިކްޓޮކް ބޭނުންކުރުމުގެ އުސޫލު ބުނާ ގޮތުން ބަރަހަނާ މަންޒަރު ޓިކްޓޮކަށް ލުމަކީ މަނާ ކަމެކެވެ. އެހެންވެ ވީޑިއޯ އާންމުކުރުމުން، އޭނާގެ އެކައުންޓް ވަނީ ބޭންކޮށްފަ އެވެ.

ޖިންސީ ގުނަވަންތައް ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ ކަންކަމަށް ހިތްވަރު ދިނުން ފަދަ ކަންކަމަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން ވެސް އަދަބު ލިބޭ ކުށްތަކެވެ.