އުތުރު ކޮރެއާ އިން އަނެއްކާ ވެސް މިސައިލެއްގެ އަޖުމަ ބަލައިފި
އުތުރު ކޮރެއާ އިން އަނެއްކާ ވެސް މިސައިލެއްގެ އަޖުމަ ބަލައިފި

އުތުރު ކޮރެއާ އިން އިއްޔެ އަނެއްކާ ވެސް މިސައިލެއްގެ އަޖުމަ ބަލައިފި ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

އެ ގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި، މިފަހަރު އަޖުމަބެލީ އެންމެ ފަހުން ތަރައްގީކުރި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެކެވެ. އެ މ "ސްޓްރެޓީޖިކް ހަތިޔާރެއް" ކަމަށް ސިފަކުރަމުން އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އެ މިސައިލްގެ ސަބަބުން އެ ގައުމުގެ އަސްކަރީ ދިފާއީ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެއްޖެ އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު މަޝްރޫއު ހުއްޓައިލުމަށް ގޮވާލައި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އެ ގައުމަށް ފިއްތުންތައް ކުރިމަތި ކުރަމުން ދާއިރު ވެސް، އެ ގައުމުގެ އަސްކަރީ މަޝްރޫއުތަކަށް މަޑުޖެހުމެއް ނާދެ އެވެ. އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކުރާތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.

ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި މިސައިލްގެ އަޖުމަބެލުމުގެ ގޮތުން އުދުއްސައިލި ފުރަތަމަ މިސައިލް ވެސް، އޭގެ ނިޔަމިކަމުގެ ނިޒާމުގެ ފުރިހަމަކަން ސާބިތުކޮށްދިނެވެ. އަދި މިސައިލް އޭގެ ހަރުން އުދުއްސައިލުމުން ވަރަށް ސާބިތު ގޮތެއްގައި ދަތުރުކޮށް އޭގެ އަމާޒަށް ވާސިލުވި ކަމަށް ވެސް ނޫސް އޭޖެންސީން ބުންޏެވެ.

ހްވާސޮންގް-8 ގެ ނަން ދީފައިވާ އެ މިސައިލަކީ ދިޔާ ހަކަތައިން ހިންގާ އިންޖީނުން ދަތުރުކުރާ ގޮތަށް، 2017 ވަނަ އަހަރުގެ ފަހުން އުތުރުކޮރެއާ އިން ތަރައްގީކުރި ފުރަތަމަ މިސައިލެވެ. އިންޓަނޭޝަނަލް ކޮލެޖް އޮފް މެނޭޖްމަންޓް ސިޑްނީގެ ސީނިއާ ލެކްޗަރާ ލިއޮނިޑް ޕެޓްރޯވް ވިދާޅުވާ ގޮތުގައި، މިބާވަތުގެ އިންޖީނުން ދަތުރުކުރާ މިސައިލަކީ އާންމު ގޮތެއްގައި އަޑަށް ވުރެ 5-7 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ.

"ހަގީގަތުގައި ވެސް އެއީ ވަރަށް ބާރުގަދަ ހަތިޔާރެއް. އެ ބާވަތުގެ މިސައިލް އުފައްދައި ކާމިޔާބުކަމާ އެކު އަޖުމަ ބެލުމަކީ އުތުރު ކޮރެއާ ވަރަށް ފަހުރުވެރިވާނެ ކަމެއް،" ލިއޮނިޑް ޕެޓްރޯވް ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން އިއްޔެ އަޖުމަބެލި މިސައިލަކީ، މިމަހުގެ ތެރޭގައި އެ ގައުމުން އަޖުމަބެލި ތިން ވަނަ މިސައިލެވެ. މިމަހުގެ 15 ވަނަ ދުވަހު ދެ ކޮރެއާ އިން ވެސް ވަނީ ބެލެސްޓިކް މިސައިލް އަޖުމަބަލައިފަ އެވެ. އެ ދުވަހު އުތުރުކޮރެއާ އިން އަޖުމަބެލި މިސައިލް އުދުއްސައިލީ ރޭލެއްގެ ތެރެއިންނެވެ. ދެކުނު ކޮރެއާ އިން އަޖުމަބެލި މިސައިލް އުދުއްސައިލީ، ކަނޑުއަޑީގައި އޮތް ސަބްމެރިންއަކުންނެވެ.

ދެކުނު ކޮރެއާގައި ހުންނަ އެއުހާ ވުމަންސް ޔުނިވަސިޓީގެ، ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ އެސޯސިއޭޓް ޕްރޮފެސަރު ލެއިފް-އެރިކް އީސްލޭ ވިދާޅުވި ގޮތުގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލްގެ ދުވެލީގެ ބާރުކަމުންނާއި، އޭގެ މިސްރާބު އިރުއިރުކޮޅުން ބަދަލުކުރާތީ، އެބާވަތުގެ މިސައިލްތައް ރާޑަރުގެ އެހީގައި ދެނެގަތުމަކީ ވެސް އުނދަގޫ ކަމަކަށްވެ އެވެ. އެހެންކަމުން އެ ފަދަ މިސައިލުން ދިފާއުވުމަކީ ވެސް އުނދަގޫ ކަމެކެވެ.