ރިސޯޓު ބީލަން ކާމިޔާބު ކުރީ ނާޝިޒުގެ ކުންފުނިން އެކަނި
ރިސޯޓު ބީލަން ކާމިޔާބު ކުރީ ނާޝިޒުގެ ކުންފުނިން އެކަނި

ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން ހުޅުވައިލި ފުރުސަތުގައި ޝަރުތު ހަމަވާ ބީލަމެއް ހަމައެކަނި ހުށަހެޅީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކުންފުނިން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރިސޯޓުގެ ގޮތުގައި 16 ރަށެއް ތަރައްގީ ކުރަން މިދިޔަ އޭޕްރީލް މަހު ހުޅުވައިލި ފުރުސަތުގައި ބީލަން ހުށަހެޅީ ހަތް ރަށަކަށް ކަމަށެވެ. އެ ކަމަށް 13 ބީލަން ހުށަހެޅި ނަމަވެސް އިވެލުއޭޝަން ކޮމިޓީން ވަނީ ބީލަމުގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބަލައި 12 ބީލަމެއް ޑިސްކޮލިފައިކޮށްފަ އެވެ.

ނާޝިޒްގެ ކުންފުނިން ރިސޯޓް ތަރައްގީ ކުރަނީ ހއ. ވެލިފިނޮޅުގައި ކަމަށް ވާއިރު، ޓޫރިޒަމް މިނިސްޓްރީން ބުނީ، އަންނަ މަހުގެ ކުރީކޮޅު އަނެއްކާ ވެސް ރަށްތަކެއް ހުޅުވައިލާނެ ކަމަށެވެ.

ރިސޯޓް ތަރައްގީ ކުރަން މި ފަހަރު ހުޅުވައިލީ އާންމުކޮށް ރަށްތައް ދޭ އަގަށް ވުރެ ކުޑަ ރޭޓުތަކެއްގަ އެވެ. އެކުއިޒިޝަން ކޮސްޓުން 30 ޕަސެންޓް ޑިސްކައުންޓަކާ އެކު މި ރަށްތައް ހުޅުވައިލި އިރު ބޭރުގެ ބައެއް ފަރާތްތައް ވެސް ބީލަން ހުށަހަޅާފައިވެ އެވެ.

ރިސޯޓް ތަރައްގީ ކޮށްގެން ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 130 މިލިއަން ރުފިޔާ ހޯދަން ވަނީ ހިމަނައިފަ އެވެ.