އަތްނުލެވޭހާ ގާތުގައި
އަތްނުލެވޭހާ ގާތުގައި

ލޯބިވަނީ ކިހިނެއް ހެއްޔެވެ؟ ލޯބިވެވުނީމައި އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އުމުރުން ބާރަ އަހަރުއްސުރެ ހިތުގައި އުފެދިފައިވާ އެ ދެ ސުވާލަށް ޖަވާބެއް ނުލިބުނެވެ. އަހަންނަށް ފެނުނު އެންމެ ރީތި ފިރިހެނަކީ ހޮލީވުޑްގެ ފިލްމީތަރިއެކެވެ. އޭނަގެ ނަން އެނގުނީ ވެސް ވަރަށް ފަހުންނެވެ. ހީކުރެވުނެވެ. ލޯތްބަކީ އެއީއެވެ. ދެކޭހިތް ވުމެވެ. ބައްދަލުކުރާހިތް ވުމެވެ. ވާހަކަދައްކާ ހިތް ވުމެވެ. ފެނުމުން އުފާ ވުމެވެ. އެ ވިސްނުން ޖެހުނީ ބަދަލުކުރާށެވެ. އަހަރެންނަކީ އުޅޭ މީހެއްކަން ނުދަންނަ މީހެއްދެކެ ލޯތްބެއް ނުވެވޭނެއެވެ.

ކިޔަވަން އުޅުނުއިރު ބައްދަލުވި ހުރިހާ ފިރިހެންކުދިންނަކީ ވެސް އަހަރެންގެ ރައްޓެހިންނެވެ. އެ ގުޅުމަށް ދެވޭނެ އެހެން ނަމެއް ނެތެވެ. އަހަރެންގެ ހިތުގެ ނާރުތަކާ ކުޅެލެވޭ ކަހަލަ ފިރިހެނަކު ނުފެނިގެން އުޅެނިކޮށް ބޮޑު އަންހެންކުއްޖަކަށް އަހަރެން ވިއެވެ. ހިތުން އަހަންނަކީ ވަރަށް ކެރޭ ކުއްޖެކެވެ. ބާރަށް ހުނުމަކީ، ކެރޭކަން އަންގަން އަހަރެން ބޭނުންކުރާ އުކުޅެކެވެ. ޙަޤީޤަތަކީ މުޅިން އެހެން އެއްޗެކެވެ. އަހަންނަކީ ފިނޑި، އިހުސާސްތައް ފާޅުނުކުރާ އަންހެނަކީމެވެ. އަހަރެން އުޅެނީ ފިކުރު ނުކުރާކަމަށް ހެދިގެންނެވެ. ގޭތެރޭގައި ކޮންމެ މައްސަލައެއް ޖެހުނަސް ވެހެވެ. ކޮންމެ ދެމަފިރިއަކު ވެސް ޒުވާބު ކުރާނެއެވެ. އަހަރެންގެ މައިންބަފައިން ވެސް ކަންކަމާ ރުޅިއައިސް ޒުވާބުކުރެއެވެ. އެ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް އަހަރެން ހަދަމެވެ. އެކަމަކު، އެ މީހުން ދައްކާ ވާހަކަތައް އަހަރެން އަޑުއަހަމެވެ. ވަރަށް ފުންކޮށް ވިސްނަމެވެ. ކޮޓަރީގައި އެކަނިމާއެކަނި އިނދެގެންނެވެ. އަހަރެން އިންތިޒާރުކުރީ މީހަކާ އިނދެގެން ގެއިން ނުކުމެވޭނެ ދުވަހަކަށެވެ.

އަހަރެން އެންމެ ގަޔާވި ދެވަނަ މީހަކީ ހާޝިމްބެއެވެ. މަންމަގެ ކޮއްކޮއެކެވެ. ތިން ކުދިންގެ ބައްޕައެކެވެ. ކުރާނީ ކީއް ހެއްޔެވެ؟ އެއީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ހާޝިމްބެއަކީ ވަރަށް ހެޔޮ މީހެކެވެ. ދަރިންނާއި އަހަރުމެންނާ ތަފާތެއް ނުކުރެއެވެ. ލޯބިވާން އެ އަށް ވުރެ ރަނގަޅު މީހަކީ ކޮބައިހެއްޔެވެ؟ އެއްވެސް މީހެއް ގާތަކު އަހަރެން އެ ވާހަކައެއް ނުބުނަމެވެ. ހިތުގެ ހާލު މީހަކަށް ނާންގާހާ ހިނދަކު އެއީ ކުށެއް ނޫނެވެ. އެ ލޯބީގެ ނިރަށް އަހަރެން ފެނެއް ނުދެމެވެ. އަހަރެންގެ މޮޔަ ހިތަށް ކުރެވުނު ސިޔާސަކަމަކަށް ހަދައިފައި ނިންމައިލީއެވެ.

އަހަރެންގެ އެއްބަނޑުއެއްބަފާ ދައްތައަކީ އަހަންނާ ދިމާ އިދިކޮޅު މީހެކެވެ. ވަރަށް އަވަހަށް ރުޅިއަންނާނެއެވެ. އެއް މިނެއްޓުގައި އުފާވެފައި އަނެއް މިނެއްޓުގައި ފޫހިވެދާނެއެވެ. އެއްވެސް ކަމެއް ހިތުގައި ފޮރުވުމަކީ އޭނަގެ މިޒާޖެއް ނޫނެވެ. ފަހުން ކޮންމެ ނަތީޖާއެއް ނުކުތަސް، މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ވެހެވެ. ބޭނުން އެއްޗެއް ބޭނުން މީހަކާ ދިމާއަށް ދައްތަ ބުނެލައެވެ. ބައެއް ފަހަރު އަހަރެންގެ ސިކުނޑި ސުމަކަށް ދެއެވެ. ދައްތަ ކުރާ ކަންތައްތަކުގެ ސަބަބުން ބޮޑެތި މައްސަލަތައް އުފެދޭތީއެވެ. އަނެއްބައި ފަހަރު ހިތަށްއަރައެވެ. އަހަންނަށް ވެސް އެ ސިފަ ލިބުނު ނަމައެވެ. އެހާ ކެރޭ މީހަކަށް އަހަރެން ވެސް ވި ނަމައެވެ. ހުރިހާ އެއްޗެއް ސިކުނޑީގައި ވަޅުލަންޖެހުމަކީ ކިހާ ވޭންހުރި ކަމެއް ހެއްޔެވެ؟ އަހަރެން ރޯތަން އެކަކަށް ވެސް ނުފެންނާނެއެވެ. ދައްތަ ރޯން ފަށައިފިއްޔާ ހުއްޓައެއް ނުލާނެއެވެ. އިރުކޮޅެއްވާއިރަށް ހޮޑުލާން ފަށައެވެ. އެ ހިސާބުން ދެން ޖެހޭނީ ހޮސްޕިޓަލަށް ގެންދާށެވެ. އެތަކެއް ވަގުތެއް އެ ކަމުގައި ބޭކާރުވެގެން ދެއެވެ. ދައްތަ ހިތުގައިނުޖެއްސުމަށް ޑޮކްޓަރު އަބަދުވެސް އެދެއެވެ. ދައްތަ އުފަލުގައި ބެހެއްޓުމަށް ނަޞޭޙަތް ދެއެވެ. އެ ކަން ކުރުމުގައި މަންމަ އާއި ބައްޕަ އަވަދިނެތި އުޅެނިކޮށް، އަނެއްކާ ވެސް އޮންނަނީ އެ ދުވަސް އައިސް ޖެހިފައެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ. އޮފީސް ނިމުނުތާ އެތައް އިރެއް ވީއިރު ވެސް ވާރޭއެއް ނުހުއްޓިއެވެ. ޓެކްސީއެއް ނުލިބުނެވެ. ކައިރި ފިހާރަޔަކުން ކުޑައެއް ގަތީމެވެ. ކުޑަ ހިފައިގެން ވިއްސަކަށް ފިޔަވަޅު ނޭޅެނީސް، އައި ވައިރޯޅިއެއްގައި ކުޑައިގެ ދުނިތައް ހަލާކުވިއެވެ. އިސްތަށިގަނޑު ތެމިއްޖެއްޔާ އަހަރެންނަށް ރޯގާޖެހޭނެއެވެ. ސައިނަސްގެ މައްސަލަ އެހާ ބޮޑެވެ. އަވަހަށް ގޮސް ފިހާރަޔަކަށް ވަނީމެވެ. އަރީން އެންމެ ފުރަތަމަ ފެނުނީ އެ ފިހާރައިންނެވެ. އޭނަ ވެސް އެ ތަނަށް ވަދެހުރީ ވާރެއިން ހިޔާވުމަށެވެ. ކުރާނެ ކަމެއް ނެތި، އެއްތަނެއްގައި ތިބެންޖެހުމަކީ އުނދަގޫ ކަމެކެވެ. ޚާއްޞަކޮށް، އެއް އުމުރުގެ ރީތި ފިރިހެނަކު ގާތުގައި ހުރި ނަމައެވެ. ހިތަށްއެރިއެވެ. ދުވަހަކު ވެސް ވާރޭ ހުއްޓައިނުލާނެ ނަމައެވެ. އަރީނަށް ނުބަލަން ވަރަށް މަސައްކަތް ކުރީމެވެ. ފިހާރައިގައި ހުރި ހެދުންތައް ބަލާކަމަށް ހެދުނީމެވެ. ދެ ފަހަރަކު އަހަރުމެން ދެ މީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެއްފަހަރު އަރީން ހިނިތުންވެލިއެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އެއީ، އެހެން ދިމާވި ފުރަތަމަ ފަހަރެވެ. ހިނިތުންވެލަން ވެސް އަހަންނަށް ނޭނގުނެވެ. ފަހުން އެ ކަމާ ދެރަވިއެވެ. އަލުން އަރީން ބަލައިލާނެ ނަމައޭ ހިތަށްއެރިއެވެ. ނޭނގޭކަމަށް ހަދައިފައި އަރީން ގާތަށް ވެސް އަހަރެން ދިޔައީމެވެ. އެންމެ ފަހަރަކު ނަމަވެސް ބަލައިލާތޯއެވެ. އެ ފުރުޞަތެއް ނުލިބިގެން އުޅެނިކޮށް ވާރޭ ހުއްޓައިލިއެވެ. އެ ހިސާބުން ދެ މީހުން ވަކިވީއެވެ.

ދެވަނަ ފަހަރު އަރީން ފެނުނީ ފުޅަނދު ބަލަން ބާލުޚާނާއަށް ނުކުމެ ހުއްޓައެވެ. އެއީ، ގޭގެ ތިންވަނަބުރިއެވެ. އަރީން ހުރީ ކެމެރާއެއް ހިފައިގެންނެވެ. އަހަރެން ގާތުގައި މަންމަ އާއި ދައްތަ ވެސް ތިއްބެވެ. އަހަރެން ބެލީ އަރީނަށެވެ. ރޭގަނޑުގެ ވަގުތެވެ. މަގުމަތީގެ ކާރުބާރު ބޮޑުކަމުން މައްޗަށް ބަލާނީ ކާކު ހެއްޔެވެ؟ އަހަރެން ބާލުޚާނާގެ ބޮކި ދިއްލައިލީމެވެ. އެ ކަމާ ދައްތަ ޝަކުވާކުރިއެވެ. ވަރަށް ގިނަ ބަހަނާ ދެއްކީމެވެ. މަދިރިން ސަލާމަތްވުމަށް ކަމުގައި ހެދުނީމެވެ. ތަޅުންގަނޑުގައި ހިނިތަކެއް އުޅޭތީކަމަށް ހެދުނީމެވެ. ކުރަތްޕެއް އަތުވެދާނެތީ ކަމަށް ބުނެގެން ވެސް އަހަންނަކަށް ކުރިއެއް ނުލިބުނެވެ. ދައްތަ ގޮސް ބޮކި ނިއްވައިލިއެވެ. އެހެންނަމަވެސް، ދެން ބަލައިލިއިރު އަރީންގެ ކެމެރާ ހުރީ އަހަރުމެންނާ ދިމާއަށެވެ. ހިތަށްއެރިއެވެ. ފަހަރެއްގައި އަހަރެންގެ ފޮޓޯއެއް ނަގަނީކަމަށް ވެދާނެއެވެ. ހިނިތުންވެލީމެވެ. މޫނުގައި އަނގައެއް "ކުރަހައިލައިގެން" އެތައް އިރަކު ހުރީމެވެ.

"އޭ! އެހެރަ މީހާ ކީއްވެގެންތަ އަހަރުމެން ފޮޓޯނަގަނީ؟" ދައްތަ ޝަކުވާކުރިއެވެ. "ވަރަށް ފޫހިވޭ! ރީތި މީހެއް ނަމަވެސް ރަނގަޅެއްނު. މަ ނުވެސް ހުންނާނަން މި ތާކު. ނޯންނާނެ ބެލްކަންޏަށް ނުކުމެލެވެން ވެސް. މަންމަ ވެސް ވަދޭ އެތެރެއަށް."

"އެންމެ ރީތި ފުޅަނދު ނުވެސް އާދެއެއްނު ދަރިފުޅާ!" މަންމަގެ ރާގުގައި ވަނީ އޯގާތެރިކަމެވެ.

"ހެވޭ!" ދައްތަގެ ރާގުގައި ހަރުކަށިކަން ފިޔަވައި އެހެން އެއްޗެއް ނެތެވެ. "ވަންނަންވީ!"

ދައްތަ އެތެރެއަށް ވަނެވެ. ދައްތަ ރުއްސުމަށްޓަކައި މަންމަ އެތެރެއަށް ވަނެވެ. އަރީންގެ ސަމާލުކަން އަހަންނަށް ހޯދިއްޖެކަން އެ ރޭ އެނގުނެވެ. އަހަރެން ބަލަންހުއްޓައި ވެސް، އިރުއިރުކޮޅާ އޭނަ ކެމެރާ ދިއްކުރިއެވެ. އަނެއްކާ އޭނަ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ފޯނު ނަގައިފައި އަހަރެންގެ ފޯނު ނަންބަރު ޖަހައިލީމެވެ. އެ ނަންބަރު ފެންނަ ގޮތަށް ފޯނު ހިފަހައްޓައިލައިގެން ހުރީމެވެ. ހީކުރީމެވެ. އަހަރެންގެ މަޤްޞަދު އަރީނަށް އެނގޭނެއެވެ. އަރީން ކެމެރާ ބެލިއެވެ. ފޯނު ނެގިއެވެ. އެކަމަކު، އަހަންނަކަށް ނުގުޅިއެވެ. މަންމަ ގޮވަން ފެށުމުން އަހަރެން ވެސް ޖެހުނީ އެތެރެއަށް ވަންނާށެވެ.

ޖެހިގެންއައި ދުވަހު ވެސް އަރީންގެ ފޯނުކޯލެއް ނައެވެ. މެސެޖެއް ވެސް ނައެވެ. އަހަރެންގެ ރޭވުން ނާކާމިޔާބުވީ ކަމަށް ނިންމީމެވެ. ވީ ގޮތް އެނގުނީ، އަރީން ހުރި ތަނުގައި ހުއްޓިފައި އަހަރެން މަތި ބަލައިލީމައެވެ. އަހަރެންގެ ފޯނެއް އަރީނަކަށް ނުފެންނާނެއެވެ. އަހަރެން ހުރި ދިމާގައި ހުރި ގަސްތަކެއްގެ ފަތްތައް ހުރީ، ތިރިން ބަލާ މީހަކަށް ހުރަހަކަށްވާ ކަހަލަ ގޮތަކަށެވެ. ވީ ފޫހިން މުޅި ދުވަހުގެ މޫޑު، ނުތަނަވަސްކަމަށް ބަދަލުވިއެވެ. މަންމައަށް އެ ކަން ފާހަގަވިއެވެ. ސުވާލުތައް ކުރިމަތި ކުރިއެވެ. އެ ދުވަހު ވެސް މަންމަ އާއި ބައްޕަގެ ޒުވާބުގަނޑެއް ހިނގައިފައިވާތީ މަންމަ ޝައްކު ކުރީ އެ ސަބަބެވެ. އަހަރެން ވީ ގޮތް ކިޔައިދިނީމެވެ. މަންމަ ހޭން ފެށިއެވެ.

"އެއީ ދެން އެ ވަރުގެ ކަމެއްތަ؟" މަންމަ ބުނެލިއެވެ. "ވާންހުރި ކަމެއް ވާނެ. ނުވާންހުރި ކަމެއް ނުވާނެ."

އެ ވަގުތު އަހަރެން ހުރީ ފޫހިވެފައެވެ. މަންމަ ދެއްކި ވާހަކަ ގަބޫލެއް ނުވެސް ކުރަމެވެ. އެކަމަކު، މަންމަ ބުނީ ވަރަށް ބޮޑު ތެދެކެވެ. ވާންހުރި ކަމެއް، ކޮންމެވެސް ގޮތަކުން ވާނެއެވެ. ދައްތަޔާ އެކުގައި ހުޅުމާލެއަށް ދާންވެގެން ފެރީއަށް އަރައިފައި އަހަންނަށް އިށީނދެވުނީ އަރީނާ ޖެހިގެންނެވެ. އެކަމަކު، އަހަންނަށްވުރެ ގިނައިން އަރީނާ ވާހަކަދެއްކީ ދައްތައެވެ. ކުއްލިއަކަށް ދައްތައަށް އަރީން މާ ކަމުދިޔައީއެވެ. އެ ދަތުރުގައި އަރީން އުޅުނީ އަހަރުމެންނާ އެކީގައެވެ. ނޫނެކެވެ. ދައްތަޔާ އެކީގައެވެ. އަހަންނަކީ އެ ތަނުގައި ހުރި ބުދެކެވެ. ބޭކާރު މީހެކެވެ. އެއްގޮތަކީ، އަހަރެން ކުރި އިޝާރާތްތައް އަރީނަށް ތަރުޖަމާކުރަން ނޭނގުމެވެ. އަނެއްގޮތަކީ، އަރީންގެ ޚިޔާލު ފަހުން ބަދަލުވުމެވެ. ނުލާހިކު ރީތިކޮށް އޮތް ލޯބީގެ އުދަރެސް، މާޔޫސްކަމުގެ ކަޅު ވިލާތަކުން ބައްދައިލީ ކުއްލިއަކަށެވެ. އެސްފިޔަޖަހައިލައިފައި ހުޅުވައިލާހާ އަވަހަށެވެ.

މި ރެއަކީ ދައްތަގެ ކައިވެނީގެ ޙަފުލާ ކުރިޔަށްދާ ރެއެވެ. މުޅި ގެއަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. އަހަރެންގެ ހަޔާތަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އަރީންގެ އަތުގައި ހިފަހައްޓައިލައިގެން ދައްތަ ހުރިއިރު، އަހަރެންގެ އަތުތެރެއިން އަރީންގެ އަތް ދޫވެގެންދިޔަ ގޮތް އަދިވެސް އަހަންނަކަށް ނޭނގެއެވެ. އަރީން ފުރަތަމަ ފެނުނީ އަހަންނަށެވެ. ފުރަތަމަ ލޯބިވީ ވެސް އަހަންނެވެ. މަންމައަށް ހުރިހައިކަމެއް އެނގެއެވެ. ދައްތައާ ދެކޮޅަށް އެއްޗެއް ބުނަން މަންމަ ބޭނުން ނުވަނީއެވެ. ބޮޑު ހައިޖާނަކަށް ވާނެތީއެވެ. އެހެންނޫނަސް، ގަދަކަމުން އަރީންގެ ލޯތްބެއް އަހަންނަކަށް ނުހޯދޭނެއެވެ. ހިތަށްއަރައެވެ. އެއީ، ކީއްވެގެން ދިމާވާ ގޮތެއް ހެއްޔެވެ؟ ލޯބިވާ މީހާއަށް އެ ލޯބި ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ އެ ކަމާ ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނަނީ ކީއްވެގެން ހެއްޔެވެ؟ ކުރިއަށް އޮތް ދުވަސްތަކުގައި އަރީން އުޅޭނީ އަހަރެންގެ ލޯކުރިމަތީގައެވެ. އަހަންނާ ގާތުގައެވެ. ވަރަށް ގާތުގައެވެ. އެކަމަކު އަހަރެން އުޅޭނީ ދުރުގައެވެ. ވަރަށް ދުރުގައެވެ.

ނިމުނީ