ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުންގެ ދިގު ކިޔޫއެއް
ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުންގެ ދިގު ކިޔޫއެއް

ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގެ މެޗުތަކުގެ ޓިކެޓް ގަންނަން ސަޕޯޓަރުން ގަލޮޅު ދަނޑުކައިރީގައި ކިޔު ދަމާލައިފި އެވެ.

ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުންގެ ދިގު ކިޔޫއެއް
ޓިކެޓް ގަންނަން ދިވެހި ސަޕޯޓަރުންގެ ދިގު ކިޔޫއެއް

މިއަދު މެންދުރު ފަހު 2 ޖެހިއިރު ޓިކެޓް ވިއްކަން ފަށެއިރު އޭގެ ގަޑިއެއްހާއިރު ކުރިން ވެސް ކިޔުގައި ޖެހުނު މީހުން ތިއްބެވެ. މިއަދު ވިއްކަމުން ދަނީ ފުރަތަމަ ދުވަހުގެ ދެ މެޗުގެ ޓިކެޓެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އެވެ. އެރޭ ކުޅޭ މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.

ރާއްޖޭގެ މެޗުގެ ޓިކެޓް ވިއްކަމުން ދަނީ އޮލިމްޕަސް ފަޅީގައި ހުންނަ ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުންނެވެ. ބަންގްލަދޭޝް/ ލަންކާ މެޗުގެ ޓިކެޓް ވިއްކަނީ ދަނޑުގެ އިރު ދެކުނު ފަޅީގެ ކައުންޓަރުންނެވެ.

- ކޮންމެ މީހަކަށް ވިއްކާނީ ފަސް ޓިކެޓް

- ގަންނަ ކޮންމެ ޓީކެޓަކަށް އައިޑީ ކާޑާއި ވެކްސިން ކާޑު ދައްކަން ޖެހޭ

- ސިޑިބަރި ޓިކެޓް ވިއްކަނީ 75ރ.

- ގޮނޑިބަރިން ޓިކެޓް ވިއްކަނީ 100ރ.

ދަނޑަށް މެޗު ބަލަން ވަދެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ސަޕޯޓަރުންނަށެވެ. މުބާރާތުގައި ވާދަކުރާނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ޓީމެވެ. އެހެންވެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ބޫޓާން މުބާރާތުގައި ވާދަނުކުރަނީ އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

- އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

- އޮކްޓޯބަރު 1 (ރޭގަނޑު): ނޭޕާލް - ދިވެހިރާއްޖެ

- އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

- އޮކްޓޯބަރު 4 (ރޭގަނޑު): ސްރީ ލަންކާ - ނޭޕާލް

- އޮކްޓޯބަރު 7 (ހަވީރު): އިންޑިއާ - ސްރީ ލަންކާ

- އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

- އޮކްޓޯބަރު 10 (ހަވީރު): ދިވެހިރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 10 (ރޭގަނޑު): ނޭޕާލް - އިންޑިއާ

- އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

- އޮކްޓޯބަރު 13 (ރޭގަނޑު): އިންޑިއާ - ދިވެހިރާއްޖެ

- އޮކްޓޯބަރު 16 (ރޭގަނޑު): ފައިނަލް މެޗު

ހަވީރު ކުޅޭ މެޗުތައް ފަށާނީ 4 ޖަހާއިރު އެވެ. އަދި ރޭގަނޑުގެ ކުޅޭ މެޗުތައް ފަށާނީ 9 ޖަހާއިރު އެވެ. ފައިނަލް މެޗު ފަށާނީ ރޭގަނޑު 8 ޖަހާއިރު އެވެ.