29 ސެޕްޓެމްބަރ 2021 - 15:43

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ފައިނަލް ސްކޮޑަށް ނެގި ފޯވަޑް މުހައްމަދު ނާއިމް އާއި އަލީ ހައިސަމް (ޗުމްޕު) އަށް އަނިޔާގެ ސަބަބުން ފުރުސަަތު ގެއްލި، މާޒިޔާގެ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) ޓީމުގައި ހިމަނައި، މުބާރާތުގައި ވާދަކުރާ 23 ކުޅުންތެރިން ފައިނަލް ކޮށްފި އެވެ.
ގައުމީ ޓީމް ގަތަރުގައި ކުރިޔަށްދިޔަ ޓްރެއިނިން ކޭމްޕް ނިންމާލާފައި ރާއްޖެ އައުމުގެ ކުރިން ވަނީ ކޭމްޕުގައި ބައިވެރިވި 29 ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިން އުނިކޮށް 24 ކުޅުންތެރިންނަށް މަދުކޮށްފަ އެވެ. އުނިކުރި ފަސް ކުޅުންތެރިންގެ ތެރޭގައި ޔާމްބެ ހިމެނެއެވެ.
ކޭމްޕްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗްތަކުގައި ނާއިމް އާއި ޗުމްޕު އަށް އަނިޔާވި ނަމަވެސް މި ދެކުޅުންތެރިން ޓީމުގައި ހިމެނީ، އަނިޔާގެ ކަންކަން ރަނގަޅަށް ދިރާސާކޮށްފައި 23 ކުޅުންތެރިންގެ ސްކޮޑް ފައިނަލް ކުރަން ކަމަށް މީގެ ކުރިން ގައުމީ ޓީމްގެ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ.
ގަތަރުގައި މިމަހު 21 ވަނަ ދުވަހު އެގައުމުގެ ލުސައިލް އެފްސީއާ ކުޅެ 4-3 އިން މޮޅުވި މެޗުގައި ޗުމްޕުގެ އުކުޅުވަޅަށް އަނިޔާވި އިރު އެމެޗުގައި ޗުމްޕު ވަނީ ދެ ގޯލު ޖަހައި، ޕެނަލްޓީއެއް ވެސް ހޯދައިދީފަ އެވެ. ނާއިމްގެ ފަޔަށް އަނިޔާވީ ހޮނިހިރު ދުވަހުގެ ރޭ ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ކްލަބް ލެވެލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔާމްބެ އަށް އެންމެ ފަހުން ގައުމީ ޓީމުން ޖާގަ ދިނީ 2015 ވަނަ އަހަރު ނިއުޒިލޭންޑުގެ ކޯޗް ރިކީ ހާބަޓް އެވެ. ހާބަޓްގެ އިރުޝާދުގެ ދަށުން ޔާމްބެ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ގައުމީ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ.
ދިވެހި ލީގުގައި 2010 ވަނަ އަހަރު ވާދަކުރި ތޮއްޑޫ ފުޓުބޯޅަ ކުލަބުގައި އުމުރުން 17 އަހަރުގައި ފުރަތަމަ ޑިވިޝަން ފުޓުބޯޅަ ކުޅެން ފެށި ޔާމްބެ 2014 ވަނަ އަހަރު މާޒިޔާއަށް ބަދަލުވުމުގެ ކުރިން ވަނީ ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ނިއުރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. އަދި 2012 ވަނަ އަހަރު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އުރުބާނީ ވަނީ އެ އަހަރު ޔާމްބެއަށް ފުރަތަމަ ފަހަރަށް ސީނިއާ ޓީމުން ވެސް ޖާގަ ދީފަ އެވެ.
ގޯލްކީޕަރުން: މުހައްމަދު ފައިސަލް، މުހައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު (ނާޖީ)
ޑިފެންޑަރުން: އަކުރަމް އަބްދުލް ގަނީ، ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ގާސިމް ސައްމާމް (ސަންމޭ)، މޫސާ ޔާމީން (ޔާމްބެ)
މިޑްފީލްޑަރުން: އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ހުސައިން ނިހާން (ނިހާޓް)، އިބްރާހިމް އައިސަމް (ޓޯނީ)، އަސްހަދު އަލީ (އަޑޭ)، އިސްމާއިލް އީސަ (މެސީ)
ފޯވަޑުން: އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އުމެއިރު، ހަމްޒާ މުހައްމަދު (ހަމްޕު)، އަސަދުﷲ އަބްދުﷲ (އަސައްކޮ)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަސަން ރާއިފް އަހުމަދު (ހަންނަ)