03 ޑިސެމްބަރ 2016 - 20:33

ފަހަތުން އަރައި 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިރޭގެ މެޗުން މޮޅުވެ، ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 13 މެޗުން 30 ޕޮއިންޓާ އެކު އެވެ. މާދަމާރޭ ރަށުންބޭރުގައި ބޯންމައުތު އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ. ސިޓީ ތިން ވަނައިގައި އޮތީ 13 މެޗުން 30 ޕޮއިންޓާ އެކު އެވެ.
ޗެލްސީން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ އެގާރައިގައި ނިމެންޔާ މަޓިޗްގެ ބަދަލުގައި ސެސް ފަބްރެގަސް ހިމަނައިގެންނެވެ. ޗެލްސީގެ ފަރާތުން މެޗު ފެށިގެން ރަނގަޅު ކުޅުމެއް ފެނުނުއިރު އެޑެން ހަޒާޑް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ.
ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ލީޑުނަގަން ރަނގަަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ސިޓީން ލީޑު ނެގީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ޗެލްސީގެ ކެޕްޓަން ގެރީ ކޭހިލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޖީސަސް ނަވާސް އަރިމަތިން ނަގައިދިން ހުރަސް ގޯލަށް ވަނީ ކޭހިލް ފައިގައި ޖެހިފަ އެވެ.
ޗެލްސީން ދެ ވަނަ ހާފަށް ފަހު ވަނީ ޕެޑްރޯ ރޮޑްރިގޭޒްގެ ބަދަލުގައި ވިލިއަން ކުޅެން އަރުވައިފަ އެވެ. ވިލިއަންއާ އެކު ކައުންޓަ އެޓޭކުގައި ޗެލްސީ ނުރައްކާކުރަން ފެށި އެވެ.
ދެ ވަނަ ހާފް ފެށިގެން ލީޑު ފުޅާކުރަން ސިޓީގެ ކެވިން ޑިބްރޭނާ އާއި އަގުއޭރޯ އަދި ޑޭވިޑް ސިލްވާ އަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިން އަތުން ވަނީ ބޭކާރުވެފަ އެވެ. ސިޓީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާ އަކަށްވީ ޗެލްސީ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ. ފަބްރެގަސް މަތިން ނަގައިދިން ބޯޅައެއް ސިޓީ އޭރިއާ ތެރެއިން މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ކޮސްޓާ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ސިޓީގެ ނިކޮލަސް އޮޓަމެންޑީ ކައިރިން ނައްޓާލުމަށް ފަހު އެވެ.
ޗެލްސީން އެއްވަރުކުރުމާ އެކު ސިޓީން ކުރިއަށް ޖެހިގެން ދެ ވަނަ ފަހަރަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. އޭރިއާ ތެރެއިން އަގުއޭރޯ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ޗެލްސީ އަށް ލީޑު ނަގައިދިނީ މެޗުގެ 70 ވަނަ މިނިޓްގައި ވިލިއަން އެވެ. ކައުންޓަ އެޓޭކެއްގައި ކޮސްޓާ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ވިލިއަން ތިރިތިރިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ޗެލްސީން ލީޑުނެގުމާ އެކު ސިޓީ ބަދަލުތަކެއް ގެނެސްގެން ކުޅުން ރަނގަޅު ކުރަން މަސައްކަތްކުރި ނަމަވެސް ޗެލްސީން ވަނީ މެޗުގެ ފަހު މިނިޓްގައި ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ކައުންޓަ އެޓޭކެއްގައި ތިން ވަނަ ލަނޑު ކާމިޔާބުކުރީ ހަޒާޑް އެވެ.
ސިޓީން މި މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ. މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ޑޭވިޑް ލުއިޒަށް ފައުލުކުރުމުން އަގުއޭރޯ އަށް ރަތް ކާޑު ދެއްކިއިރު، އެ ވަގުތު ދެ ޓީމު ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ސިޓީގެ ފެނާންޑީނިއޯ އަށް ވެސް ރަތް ކާޑު ދެއްކި އެވެ. ފެނާންޑީނިއޯ އަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ފަބްރެގަސް ކަރުގައި އަތްއަޅައި ކޮއްޕާލުމުންނެވެ.
މިރޭގެ މެޗުން ސިޓީ ބަލިވިއިރު މިއީ އަމިއްލަ ދަނޑުގައި ލީގުގައި އެ ޓީމަށް މޮޅެއް ނުހޯދި ނިމުނު ހަތަރު ވަނަ މެޗެވެ. މި މެޗުގެ ކުރިން އެ ޓީމު ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި މޮޅާ އެކު ޗެލްސީން ވަނީ ލީގުގައި ޖެހިޖެހިގެން އަށް މޮޅު ހަމަކޮށްފަ އެވެ.