29 ސެޕްޓެމްބަރ 2021 - 15:26

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނެގުމަށްފަހު ބަދަލުގެ ގޮތުގައި ގޯތި ދޭން ނިންމީ ހެލްތު މިނިސްޓްރީގެ ބިމަކުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހެދި ދަރުބާރުގެ، އަދި ފަހުން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ކުރީގެ ކައުންސިލުން ދޫކުރި 35 ގޯއްޗެއް، އާ ކައުންސިލުން އަނބުރާ ނަގާފައިވެ އެވެ. އެއީ، ހޮސްޕިޓަލުގެ ބޭނުމަށް އެތާ ކައިރިން ބިން ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުން އަންގާފައިވާތީ އެވެ.
އެ މައްސަލަ ހޫނުވެ 14 މީހަކު ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރި ނަމަވެސް ދައުވާ ނުކުރާ މީހުންގެ ތެރެއިން ބައެއް މީހުންނަށް އެހެން ހިސާބަކުން ގޯތިތައް ދޭން ވަނީ ފަށައިފަ އެވެ. އެތަނުން ހަތް މައްސަލައެއްގައި ކޯޓުން ނިންމާފައިވަނީ ކައުންސިލްގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީގެ ތިން ބިމެއް އައްޑޫގައި އޮންނާނެ ކަމަށެވެ. އެއީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގި ބިމާއި ޓާޝަރީ ހޮސްޕިޓަލް އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކަނޑައެޅި ބިން އަދި އިކުއިޓޯރިއަލް ހޮސްޕިޓަލް ހިންގާ ބިމެވެ.
ކައުންސިލުން ފަހުން ގޯތި ބަދަލުކުރަން ނިންމީ މައުމޫންގެ ވެރިކަމުގައި، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ދޫކުރި ބިމަށެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ގޯތި ބަދަލުކުރުމާ ގުޅޭގޮތުން ކައުންސިލާ އެކު އެއްވެސް މުއާމަލާތެއް މިހާތަނަށް ކޮށްފައެއް ނުވާނެ އެވެ.
"އެ ބިމުގެ ރަޖިސްޓްރީ ބަދަލެއް ނުކުރޭ. އަދިވެސް އެއީ މިނިސްޓްރީގެ ބިމެއް،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ހެލްތު މިނިސްޓްރީގެ ބިމަކުން ގޯތި ދޭން ނިންމުމުން، އެކަން ހުއްޓުވަން އެއްވެސް ކަމެއްކުރި ކަމެއް އަދި ސާފެއްނުވެ އެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިކަމާ ބެހޭ ގޮތުން ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ.