އަސްކޮއި ގްރޫޕްގެ 38 މީހަކަށް ވިސާ ހަމަނުޖެހިގެން އުމްރާއަށް ނުފުރުނު
އަސްކޮއި ގްރޫޕްގެ 38 މީހަކަށް ވިސާ ހަމަނުޖެހިގެން އުމްރާއަށް ނުފުރުނު

އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިއުމަށް ފައިސާ ދައްކާފައިވާ ބަޔަކު، އެއާޕޯޓަށް ފުރަން ދިޔައިރު ވެސް ވިސާ ހަމަނުޖެހިގެން ފުރުން ކެންސަލްވެއްޖެ އެވެ.

އެ ޖަމާއަތުގެ އިސްވެރިއަކު "މިހާރު"އާ ވާހަކަދައްކަވަމުން މިރޭ ވިދާޅުވީ އެ ޖަމާއަތުގެ ހަވާލުގައި އުމްރާއަށް މިއަދު ފުރަން ހަމަޖެއްސި މީހުންގެ ތެރެއިން 38 މީހަކަށް ފަހު ވަގުތު ވެސް ވިސާ ނުލިބިގެން ފުރުވާނުލެވުނު ކަމަށެވެ.

"ވިސާ ހަމަޖެހުނު 89 މީހުން ބޯޑިން އަށް ވެއްދިފަހުން. އެކަމަކު ޕާސްޕޯޓްތައް ލިބުނުއިރު ނަންތަކުގެ މައްސަލަތައް ވެސް ހުރި. އަދި ނަންތައް ރަނގަޅަށް ހުރި މީހުން ކުޑަ ޑިލޭއަކާއެކު ފުރުވާލަން ސައުދީ އެއާލަައިންގައި އަޅުގަނޑުމެން ދެންނެވިން. އެކަމަކު އެއްވެސް ވަރަކަށް އަޅުގަނޑުމެން ދެއްކި ވާހަކައެއް އަޑެއް ނޭހި،" އޭނާ ވިދާޅުވި އެވެ.

އެ ޖަމާއަތުން ވާހަކަދެއްކެވި އޮފިޝަލު ވިދާޅުވީ ވިސާގެ ކަންތައް ހަމަނުޖެހުނީ އެ ކުންފުނީގެ އިހުމާލުން ނޫން ކަމަށެވެ. އަދި މިއަދު ނުފުރުނު މީހުން ވެސް ވީއެންމެ އަވަހަކަށް ފުރުވާލަން އެއާލައިންތަކުން ޖާގަ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދާ މީހަކު ބުނީ މިއަދު ފުރި ބައެއް މީހުންގެ ފޮށިތައް ވެސް ނުފޮނުވުނު ކަމަށެވެ. އަދި ގްރޫޕްގެ މީހުންނަށް އެކަން އެނގުނީ އެހެން މީހަކު އެ ވާހަކަ ބުނުމުން ކަމަށް އޭނާ ބުންޏެވެ.

އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ގެންދިއުމަށް މިއަދު މެންދުރު 12:30 އެއާޕޯޓަށް މީހުން ގެންދިއުމަށްފަހު ނުފުރުނު މީހުން ފޮނުވާލީ ހަވީރު 5:00 ހާއިރު ކަމަށް ވެސް އެނގިފައިވެ އެވެ. އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ވަރަށް ގިނަ ބަޔަކު ޝަކުވާކޮށްފައިވެ އެވެ.

ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްގެ ހަވާލުގައި އުމްރާ އަށް އިއްޔެ ހެނދުނު ފުރަން ހަމަޖެހިފައިވާ ގިނަ ބަޔަކަށް ވިސާ ނުލިބިގެން ފުރޭ ގޮތް ނުވެ ލަަސްވެފައިވެ އެވެ.