29 ސެޕްޓެމްބަރ 2021 - 14:49

ރާއްޖޭގެ ޓޫރިޒަމްގެ އަހަރީ ދުވަހާ ދިމާކޮށް، ގދ. ހޯޑެއްދޫގައި އެ ރަށު ކައުންސިލާއި ބައެއް ޖަމިއްޔާތަކާއި ގެސްޓް ހައުސްތައް ގުޅިގެން ވަނީ މުރަކަ އިންދުމުގެ ޕްރޮގުރާމެއް ފަށައިފަ އެވެ؛ މި ޕްރޮގްރާމު ފެށުމުގެ ގޮތުން އެ ރަށުގެ ދެކުނު ފަރާތު ފަޅުގެ ވިލު ތެރޭގައި "މުރަކައިގެ ބަގީޗާއެއް" އާލާކުރަން، މިދިޔަ ހޯމަ ދުވަހު ވަނީ މުރަކަ އިންދައިފަ އެވެ.

މިއީ ހޯޑެއްދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އިސްވެ ފެށި ކަމެކެވެ. މިއީ އެ ކައުންސިލްގެ މެނިފެސްޓޯގައި ވެސް ހިމަނާފައި އޮތް ކަމެކެވެ.

އެ ރަށާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި އޮންނަ "ކޯމަހަށްލީ" ވިލުގައި މިހާރު ވަނީ 500 މުރަކޮޅު ހިމެނޭ ސްޓްރަކްޗާއެއް ބަހައްޓައިފަ އެވެ. އެ ވިލުގެ 100 ފޫޓުގެ ސަރަހައްދެއް މުރަކަ އިންދަން ހާއްސަ ކޮށްފައިވާ އިރު، ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު ތެރޭ އެތަނުގައި މުރަކަ އިންދާ އެއްކޮށް ފުރާލުމެވެ.

"މުސްތަގުބަލުގައި މި 'ކޮރަލް ގާޑަން' އަކީ ޓޫރިސްޓުން ޒިޔާރަތްކުރާ މަގުބޫލު ސަރަހައްދަކަށް ހަދަން ބޭނުންވަނީ،" ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވި އެވެ.
ވާރިޝް ވިދާޅުވީ މުރަކަ އިންދުމުގެ ކަންކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.
މި މަސައްކަތުގެ ދެ ވަނަ ފިޔަވަހީގައި މުރަކަ އިންދަން ގެންދާނީ ސްކޫލް ކުދިންނެވެ. މި ތަނަކީ ދަރިވަރުންނަށް ކިޔެވުމުގައި ވެސް ބޭނުންކުރެވޭ ސަރަހައްދަކަށް ހެދުމަކީ ކައުންސިލްގެ އަމާޒެކެވެ.
"މިހާރު މި އިންދާ މުރަކަތައް ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭގައި ދެ ފޫޓަށް ބޮޑުވާނެ ކަމަށް ބެލެވޭ،" ވާރިޝް ވިދާޅުވި އެވެ.
އެ ސަރަހައްދު ބޭނުންކުރެވޭ އުސޫލެއް ވެސް ކައުންސިލުން ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުރަކަ އިންދާ ސަރަހައްދުގެ ވަށައިގެން ހަތަރު ބޮއި އަޅާއި މަސްވެރިކަން ކުރުމާއި ވެލި ނެގުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
މީގެ ކުރިން ވެސް ހޯޑެއްދޫގައި އަމިއްލަ ޖަމިއްޔާއަކުން ވަނީ މުރަކަ އިންދުމުގެ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބު ކަމާ އެކު ކުރިއަށް ގޮސްފައި ވާތީ، ކައުންސިލުން އުއްމީދުކުރަނީ މި ޕްރޮގްރާމް ވެސް އެހާ ކާމިޔާބު ވާނެ ކަމަށެވެ.