29 ސެޕްޓެމްބަރ 2021 - 11:28

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަަކުރަން މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބޭ ގޮތަށް، ހެއްކާ ބެހޭ ބިލުގައި އޮތް މާއްދާ އާ މެދު އިތުރަށް ވިސްނަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
ހެއްކާ ބެހޭ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އިންތި ވިދާޅުވީ މަސްދަރު ހާމަކުރުމާ ބެހޭ މާއްދާއާ މެދު އަލުން ވިސްނަން ޖެހެނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން ކަމަށެވެ. ރާއްޖޭގެ ކޯޓުތަކުގައި ބައެއް ފަހަރު ކަންތައްތައް ނިންމާ ގޮތަކީ ވެސް،، އޭނާ ވިދާޅުވިގޮތުގައި އެ މާއްދާއާ މެދު އަލުން ވިސްނަން ޖެހޭ ސަބަބެކެވެ. އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ކިރިޔާ ވެސް ހުރަހެއް އެޅިދާނެ ފުރުސަތެއް އޮވެދާނެތީ އެ މާއްދާއާ މެދު އިތުރަށް ވިސްނަން ޖެހޭ ކަމަށެވެ.
"މި މާއްދާއާ މެދު އޮތް ކަންބޮޑުވުންތަކެއް ނޫސްވެރިން ވެސް ފާހަގަކުރައްވާކަން އަޅުގަނޑު ވެސް ފާހަގަކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތައި މި ބިލަށް ފުޅާމިނެއްގައި މަޝްވަރާކުރެވިގެން ކޮމިޓީ މަރުހަލާ ދިޔައިމާ [ރަނގަޅުވާނެ]،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލު ފާސްވާއިރު ނޫސްވެރިންގެ މިނިވަންކަން ކަށަވަރުވާނެ، އަދި ނޫސްވެރިން ހިތްހަަމަ ޖެހޭ ބަދަލެއް އެ މާއްދާ އަށް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެ މާއްދާ އަށް ބަދަލު ގެންނަން ޖެހޭ އެއް ސަބަކީ އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގެ ކޯޓްތަކަށް ނޫސްވެރިންގެ އިތުބާރު ނެތުމެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވީ މާ ބޮޑަށް ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވާ ގައުމުތަކުގައި އޮންނަވަރަށް ބައެއް ހަަމަތައް އެޅީމާ ރާއްޖޭގެ ނޫސްވެރިން ކަންބޮޑު ވެސް ވެދާނެ ކަމަށެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ލިބުނީ ވެސް ވަރަށް ފަހުން ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިން އަމިއްލަ އަށް ވެސް އެ މީހުންގެ މިނިވަންކަން ނަގައިލާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ބައެއް މީޑިއާތަކަށް ވެސް އިންތި ފާޑުވިދާޅުވި އެވެ. އެގޮތަަށް މިނިވަންކަން އެ ދޫކޮށްްލަނީ ވަަރަށް ބޮޑަށް ހިފަހައްޓާފައި އޮތުމަށް ފަހު ދޫކޮށްލުމުން "އާފްޓަމާތު ޝޮކެއްގައި" ތިބީމާ ކަންތައް ވާ ގޮތަކަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ބައިވަރު ރެސްޓްރިކްޝަންސް ނާޅައި މިނިވަންކަން ވީހާ ވެސްް ބޮޑަކަށް ދޫކޮށްލާފައި ބޭއްވުން އަދި މި ވަގުތު ރަނގަޅު ކަމަށް ވާތީ، މި ދެންނެެވި މާއްދާ އާ މެދު އަޅުގަނޑު މި ދެންނެވީ ވިސްނައިލުން ބުއްދިވެރިއޭ،" އިންތި ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި އެމްޖޭއޭ އާއި ބްރިޓިޝް ހައިކޮމިޝަން ގުޅިގެން މިދިޔަ މަހު ނެރުނު ރިޕޯޓަކާ ހަވާލާދީ އިންތި ވިދާޅުވީ ނޫސްވެރިންނަށް ދައްކާ ފިޒިކަލް ބިރު މިހާރު ނެތަސް އެހެން ގޮތް ގޮތަށް ސަރުކާރުންނާއި ސރުކާރުގެ ކުންފުނިތަކުން ނޫސްވެރިންނަަށް ބިރު ދައްކާ ކަަމަށެވެ.