ގައުމު އޮޔާ ދާއިރު ސިފައިން ހައްޕު ކިޔައިގެން ނުތިބޭނެ: ޖެނެރަލުން
ގައުމު އޮޔާ ދާއިރު ސިފައިން ހައްޕު ކިޔައިގެން ނުތިބޭނެ: ޖެނެރަލުން

ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އާންމު ރައްޔިތުން ހާލުގައި ޖެހިފައިވާއިރު ގައުމު އޮޔާ ދާން، ސޫދާނުގެ ސިފައިން ދޫކޮށްނުލާނެ ކަމަށް، އެ ގައުމުގައި ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުގެ ނައިބު ރައީސް، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމީދަތީ) އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތް ހިންގުމަށް އެކުލަވައިލާފައިވާ ސިޔާދަތީ މަޖިލީހުގައި ހިމެނޭ އަސްކަރީ މެންބަރުންނާއި މަދަނީ މެމްބަރުންގެ މެދުގައި ކިތަންމެ ބޮޑު ޚިޔާލު ތަފާތުވުންތަކެއް ހުރިކަމުގައި ވިޔަސް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވަމުން ދާ ނަމަ، އެކަމާ ބަސް ނުބުނެ ހިމޭނަކުން ނުތިބޭނެ އެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވި އިރު، ސިޔާދަތީ މަޖިލީހުގައި ހިމެނޭ މަދަނީ މެމްބަރުންނާއި އަސްކަރީ ޖެނެރަލުންނާ ދެމެދު ވަނީ ވަރަށް ބޮޑަށް ދެބަސްވުން އެފެދިފަ އެވެ.

ދެ ފަރާތުގެ މެދުގައި ދެބަސްވުން އުފެދުނީ، ދާދި ފަހުން ސޫދާނުގެ ސިފައިންގެ އޮފިސަރުންތަކެއް ގެންނަން އުޅުނު ނާކާމިޔާބު ބަގާވާތަކީ، ސިޔާސީ މަދަނީ މީހުން އަޑީގައި ތިބެގެން ކުރަން އުޅުނު ބަގާވާތެއް ކަމަށް، ސިޔާދަތީ މަޖިލީހުގެ ޖެނެރަލުން ތުހުމަތު ކުރެއްވުމުންނެވެ. ޖެނެރަލުން ވިދާޅުވާ ގޮތުގައި އެ ބަގާވާތް ނާކާމިޔާބުވުމުން އިތުރު ބަގާވާތަކުން، މިހާރު އޮތް ސިޔާދަތީ މަޖިލީހުގެ ބާރު ކަނޑުވައިލުމަށް އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސިފައިންގެ ރެޕިޑް ސަޕޯޓް ލަޝްކަރެއްގެ ދަސްވެނިވުމުގެ ހަފްލާގައި އިއްޔެ ވާހަކަ ދައްކަވަމުން ހަމީދަތީ ވިދާޅުވީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދިނުމަކީ، ވެރިކަން ކުރާ މަޖިލީހުގެ އެންމެ އިސް ޒިންމާ ކަމަށެވެ.

"ސިޔާދަތީ މަޖިލީހުގައި އަސްކަރީ ޖެނެރަލުން މިތިބެނީ ޝަރަފުވެރި މަގާމެއްގެ ގޮތުގައި. އަސްކަރީ ބައެއްގެ ހައިސިއްޔަތުން އަހަރެމެން ބޭނުންވަނީ މި ގައުމަށް ޑިމޮކްރެޓިކް ބަދަލުތަކެއް އަންނަން. އަހަރެމެން މަސައްކަތް މިކުރަނީ އެންމެންގެ ބައިވެރިވުމާ އެކު ގައުމުގެ މިސްރާބު އަލުން ސީދާ ކުރަން."

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ނާކާމިޔާބު ކޮށްލެވުނު އިންގިލާބުގެ ކަންތައް ފަޅާއެރީ، އެކަން ރާވަމުން އަންނަތާ 11 މަސްވެފައި ވަނިކޮށެވެ. އަދި ސޫދާނުގެ ދިފާއީ ލަޝްކަރު އެންމެ ކޮމާންޑަރެއްގެ ދަށުން މަސައްކަތް ކުރަމުން އަންނަނީ، ރައްކާތެރި އަދި ހަމަޖެހޭ ޑިމޮކްރެޓިކް މަރުހަލާއަކަށް ގައުމު ގެންދިއުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް އިންތިގާލީ ވެރިކަމުގެ މަރުހަލާގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ސިޔާސީ ދާއިރާގެ ބައިވެރިވުން މިހާރަށް ވުރެ ފުޅާކުރުމެވެ. އެހެން ނަމަވެސް، ކުރިން ވެރިކަން ކުރެއްވި އުމަރުލް ބަޝީރުގެ ޕާޓީ ބައިވެރިކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.