28 ސެޕްޓެމްބަރ 2021 - 21:33

ދުނިޔޭން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި ކުރިއެރުން ހޯދަން ކުރާ މަސައްކަތް ދެ ގުނަ ކުރަންޖެހޭ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ގޮވާލައްވައިފި އެވެ.
ނިއުކްލިއާ ހަތިޔާރު މުޅިންް ނައްތާލަން މަސައްކަތްކުރާ ދުވަސް ފާހަގަކުރަން އދ. ގެ އާއްމު މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ޕްލެނަރީ މީޓިން ފައްޓަވައިދެއްވުމުގެ ގޮތުން ކުރެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާއަށް އަމަލުކުރަން ފެށުމަކީ ވަރަށް އަވަހަށްް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެ މުއާހަދާ މިހާތަނަށް ތަސްދީގުކޮށްފައި ނުވާ ގައުމުތަކުން އަވަހަށް ތަސްދީގުކުރަން އޭނާ ގޮވައިލެއްވި އެވެ.
ކުރިއެރުންތައް ލިބެމުން ދިޔަ ނަމަވެސް އިތުރަަށް އެތައް މަސައްކަތެއް އަދިވެސް ކުރަން ޖެހޭ 15،000 ސަބަބު އެބަވޭ. ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި މާނަހުރި ކުރިއެރުމެއް ލިބޭކަން ކަށަވަރުކުރުމަށްޓަކައި، އަޅުގަނޑުމެން ކުރާ މަސައްކަތް ދެގުނަކުރަން ޖެހޭ... ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހުރި ކަމަށް ބެލެވޭ ނިއުކްލިއާ ހަތިޔާރުގެ އަދަދަށް ނިސްބަތް ކުރައްވައި ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމަށްޓަކައި ބައެއް ގައުމުތަކުން އަދިވެސް އިންވެސްޓްކުރަމުން ދަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކުރަން ކަމަށް ވިޔަސް ނަތީޖާ ނުކުންނަނީ އޭގެ އިދިކޮޅަށް ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 15،000 އަށް ވުރެ ގިނަ ނިއުކްލިއާ ހަތިޔާރު ހުރި އިރު އޭގެ ތެރެއިން ބައެއް ހަތިޔާރު ހުރީ ކޮންމެ ވަގުތަކުވެސް ބޭނުންކުރެވޭ ހާލަތުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"މިއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް. އަދި މިއީ ދުނިޔޭގެ ރައްކާތެރިކަން ކުޑަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ނުރައްކާތައް އދ.ގެ އާއްމު މަޖިލީހުން ދެނެގަތްތާ ގިނަ ޒަމާންތަކެއް ވެއްޖެ ކަމަށާއި ނިއުކްލިއަ ހަތިޔާރު މަނާކުރާ ފުރަތަމަ ގަރާރު ފާސްކުރީ 1946 ވަނަ އަހަރު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގަައި ނިއުކްލިއަ ހަތިޔާރު ނައްތައިލަން ކުރަން އޮތް މަސަައްކަތް އަދިވެސް އުނދަގުލެވެ.
ނިއުކްލިއަ ހަތިޔާރު ހުއްޓުވަން އދ. އިން ގިނަ ގަރާރުތަކެއް ފާސްކޮށް، ގިނަ މުއާހަދާތަކެއް އެކުލަވައިލި ނަމަވެސް އެ ބާވަތުގެ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހުރި ގައުމުތަކުުން އެއަށް އަމަލެއް ނުުކުރެ އެވެ. އެކަމަކު ނިިއުކްލިއަ ހަތިޔާރު މަނާކުރަން އެންމެ ފަހުން އެކުލަވާލި މުއާހަދާއަށް މިއަހަރުގެ ޖެނުއަރީގައި އަމަލުކުރަން ފެށުމަކީ ކާމިޔާބީއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ނިއުކްލިއާ ހަތިޔާރު ކިތަންމެ ގައުމެއްގައި އުފެއްދި ނަމަވެސް، ބަޔަކަށް ހަމަލާ ދިނުމުގައި އެ ހަތިޔާރު މިހާތަނަށް ބޭނުންކުރި ހަމަ އެކަނި ގައުމަކީ އެމެރިކާ އެވެ. އެއީ 1945 ވަނަ އަހަރު ޖަޕާނުގެ ހިރޯޝީމާ އާއި ނަގާސާކީއަށް ދިން ހަމަލާ ގަ އެވެ. އެ ދެ ހަމަލާގައި 300،000 މީހުން މަރުވި އެވެ. މިރޭގެ ތަގުރީރު ފައްޓަވަމުން އެ ދެ ހަމަލާގެ ހަނދާން ޝާހިދު އާކުރެއްވި އެވެ.