28 ސެޕްޓެމްބަރ 2021 - 21:11

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން، ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކު ސްރީ ލަންކާއަށް ދާ ނަމަ އަލުން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ސްރީ ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ މި އުސޫލަށް މިރޭ ދަންވަރު 12:00 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
އެހެން ގައުމުތަކުން ލަންކާއަށް އެތެރެވޭ އެ ގައުމުގެ މީހުންނާއި އެހެން ގައުމުތަކުގެ މީހުންނަށް ވެސް މި އުސޫލު ހިނގާނެ އެވެ.
ވެކްސިން ފުރިހަމަނުކޮށް ލަންކާއަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުންނަށް އެ މީހަކު ހުންނަ ހޮޓަލަކާ ހިސާބަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދީ އެ ހޮޓަލަކުން ޓެސްޓުކުރެވޭނެ ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު ވެކްސިން ފުރިހަމަ ނުކުރާ ލަންކާ މީހުން ގައުމަށް އެތެރެވުމާ އެކު އެއާޕޯޓުން ނުވަތަ ހޮޓަލުން ޕީސީއާރް ޓެސްޓް ހަދައިދޭނެ އެވެ. އަދި ޓެސްޓްގެ ނަތީޖާ ނެގެޓިވް ނަމަ ގޭގައި ކަރަންޓީނު ވެވޭނެ އެވެ. ކަރަންޓީނުން ދޫކޮށްލާނީ 12 ދުވަސް ފަހުން އަލުން ޓެސްޓުކޮށް ނެގެޓިވް ނަމަ އެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ލަންކާ އިން ވަނީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕީސީއާރް ޓެސްޓްކުރެވޭނެ ބޮޑު ލެބެއް ހަދައިފަ އެވެ. އެތަނުން ތިން ގަޑިއިރު ތެރޭ ނަތީޖާ ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ގަޑިއަކު 500 އަދި ކޮންމެ ދުވަހަކު 7،000 ޓެސްޓް ހެދޭ ލެބެކެވެ. މިތަނުން ޓެސްޓުކޮށްދެނީ 40 ޑޮލަރަށެވެ.