29 ސެޕްޓެމްބަރ 2021 - 07:00

އެސްޓްރާޒެނެކާ ކުންފުނިން ސަރުކާރަށް ގަންނަ ކޮވިޑް ވެކްސިންތަކުގެ އަގު ސިއްރުކުރަން ޖެހޭ ސަބަބެއް އަދި ނުވިސްނޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން ގަތުމަށް ހެދި އެއްވެސް އެއްބަސްވުމެއްގެ ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކި ގައުމުތަކަށް އެކި އަގުގައި ވެކްސިން ވިއްކާއިރު އެ މައުލޫމާތު ހާމަނުކުރަން ކުންފުނިން އޮންނަނީ ޝަރުތުކޮށްފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގަތް އާހިދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބައެއް ހާލަތްތަކުގައި ވިޔަފާރީގެ ސިއްރުތައް ހާމަނުކޮށް ހިފެހެއްޓުން ގާނޫނުން ތަން ދިނަސް އެއީ އެކަމުގެ ސަބަބުން ކުންފުންޏަށް ނުވަތަ ރައްޔިތުންތަކަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެ ސިއްރުތައް ކަމަށެވެ.
އެފަދަ ހާލަތެއް ނެތް ނަމަ، ކުންފުންޏަކާ އެކު ހަދާ އެއްބަސްވުމެއްގައި ވަކި ބައެއް ސިއްރުކުރަން ޖެހޭނެ ކަމަށް ބުންޏަސް، ދައުލަތުން އެއްބަސްވުން ހާމަކުރަން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"އެންމެ މުހިންމު މައުލޫމާތުތައް ހާމަކުރެވެން ޖެހޭނެ. ވެކްސިންގެ ނުވަތަ އެކަހަލަ އެހެން ކަމެއްގައި ވިޔަސް އަގު ހާމަކޮށްގެން މައްސަލައަކަށްވާ ކަމަށް ވަންޏާ އެ ފަރާތުން ވަރަށް ރަނގަޅާށް ޕްރޫވް ކޮށްދޭން ޖެހޭ،" އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެކްސިންގެ މައްސަލާގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ޕެންޑަމިކް ތެރޭގައި ވެންޓިލޭޓަރު މައްސަލަ ފަދަ ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވުމުން އުފެދިފައިވާ ޝައްކުތައް ކަމަށެވެ.
އެހެންވެ ދައުލަތުން އެކަންކަން ރަނގަޅަށް ހާމަކުރަން ޖެހޭނެ ކަމަށާއި ނުވަތަ ނުކުރެވޭ ސަބަބު ރައްޔިތުންގެ ހިތުގައި ޝައްކެއް ނޯންނާނެ މިންވަރަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"މިސާލަކަށް ސަރުކާރުން ބުނަން ޖެހޭނެ މިވެނި އެއްޗެހިތަކެއް ގަތީ މާކެޓް ޕްރައިޒްއަށް ވުރެ ބޮޑު އަގުގައެއް ނޫނޭ. ނުވަތަ މިއަކު ނެތޭ އެއްވެސް ފަސާދައިގެ އަމަލެއް. ހަގީގަތުގައި ވެކްސިންގެ އަގު ސިއްރު ކުރަން ޖެހޭ ސަބަބެއް އަދިއެއް ނުވިސްނޭ. އެ ފަރާތުން ވަރަށް ސާފުކޮށް ކިޔާދޭން ޖެހޭ،" އާހިދު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއާ ކުންފުނިން ހަތް ލައްކަ ޑޯޒް ވެކްސިން ގަނެފަ އެވެ. އޭގެ ތެރެއިން މިހާތަނަށް އައީ ފުރަތަމަ ޝިޕްމަންޓް އެކަންޏެވެ. އޭގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެހެން ބައެއް ގައުމުތަކުގައި ވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން ގަތް އިރު، އަގު ހާމަނުކުރަން ކުންފުނިތަކުން ޝަރުތުކޮށްފައި އޮތުމުން ފާޑުކިޔުން އަމާޒުވި އެވެ.