ރޮނާލްޑޯ، މޮރީނިއޯ އަދި އޮޒިލް ޓެކްސްއަށް މަކަރުހެދި ކަމުގެ ތުހުމަތުތަކެއް!
ރޮނާލްޑޯ، މޮރީނިއޯ އަދި އޮޒިލް ޓެކްސްއަށް މަކަރުހެދި ކަމުގެ ތުހުމަތުތަކެއް!

ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަދި އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް ވެސް ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަަށް ބުނާ މީޑިއާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.

ރޮނާލްޑޯ، މޮރީނިއޯ އަދި އޮޒިލް ޓެކްސްއަށް މަކަރުހެދި ކަމުގެ ތުހުމަތުތަކެއް!
ރޮނާލްޑޯ، މޮރީނިއޯ އަދި އޮޒިލް ޓެކްސްއަށް މަކަރުހެދި ކަމުގެ ތުހުމަތުތަކެއް!

"ފުޓްބޯލް ލީކްސް"ގެ ނަމުގައި އާއްމުކޮށްފައިވާ މި މި މައުލޫމާތު ޖަރުމަނުގެ "ޑާ ސްޕީޖެލް" އިން ރިޕޯޓްކޮށްފައިވާއިރު އޭގައި ބުނެފައިވާ ގޮތުގައި މޮރީނިއޯ އާއި ރޮނާލްޑޯ ވަނީ އޭޖެންޓް ޖޯޖް މެންޑޭސްގެ ހިއްސާ އޮންނަ ކުންފުނިތަކެއް މެދުވެރިކޮށް މިލިއަނުން ޓެކްސް އަށް މަކަރު ހަދައިފަ އެވެ.

އެގޮތުން ކުޑަ ޓެކްސްއެއް ދައްކަން ޖެހޭ ބްރިޓިޝް ވާޖިން އައިލެންޑާއި ސްވިޒަލެންޑުގައި ހުންނަ މެންޑޭސްގެ ކުންފުނިތައް މެދުވެރިކޮށް ރޮނާލްޑޯ 150 މިލިއަން ޔޫރޯ އިން ޓެކްސް އަށް މަކަރު ހަދައިފާ ކަމަށް ބުނެފައިވެ އެވެ. އަދި މޮރީނިއޯ ވެސް 48 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދަކަށް ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އާސެނަލްގެ ތަރި އޮޒިލް ރެއާލުގައި ހުރި ދުވަސްވަރު ޓެކްސް އަށް މަކަރު ހަދާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް ވަކި އަދަދެއް އަދި ހާމަކޮށްފައިނުވެ އެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ރޮނާލްޑޯ އާއި މޮރީނިއޯ އަދި އޮޒިލް ވެސް މީޑިއާގައި ވާހަކަ ދައްކާފައިނުވާއިރު، ރޮނާލްޑޯ އާއި މޮރީނިއޯގެ އެޖެންޓް މެންޑޭސްގެ ކުންފުނި ގެސްޓިފިއުޓުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

ގެސްޓިފިއުޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނީގެ މެންބަރުންގެ ހުރިހާ ކަންތައްތައް ހަމަޖައްސާފައިވާނީ އެ ގައުމެއްގައި އޮންނަ ގާނޫނަކާ އެއްގޮތަށް ކަމަށާއި އެއްވެސް ކަމެއްގައި މަކަރެއް ހަދާފައިނުވާނެ ކަމަށެވެ.

މޮރީނިއޯ އާއި ރޮނާލްޑޯގެ އަގުވައްޓާލުމަށް މީޑިއާ އިން މި ފަދަ ކެމްޕެއިންތަކެއް ކުރިއަށްގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް އެ ކުންފުނިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ގެސްޓިފިއުޓްގެ ނޫސްބަޔާނުގައިވެ އެވެ.

މީގެ އިތުރުން ގެސްޓިފިއުޓުން ބުނީ ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ އެއްވެސް މެންބަރަކާ ދެކޮޅަށް ރަސްމީ ފަރާތަކުން ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކޮށްފައިނުވާއިރު، މީޑިއާ އަށް މިފަދަ މައުލޫމާތެއް ލިބުނު ގޮތެއް ހޯދުން މުހިއްމު ކަމަށާއި މީޑިއާ އިން ގެންގުޅޭ އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.

"ފުޓްބޯލް ލީކްސް" އަކީ މި އަހަރުގެ މާޗް މަހު 16 ވަނަ ދުވަހު ކުޅިވަރު ކުންފުނިތަކަށް އައި ސައިބައެޓޭކެއްގައި އެ ކުންފުނިތަކުގެ އޮންލައިން ސިސްޓަމް ހެކްކޮށްގެން ލީކުވި ލިޔުންތަކެއްގެ މައްޗަށް ބަލައިގެން ތައްޔާރުކުރަމުން އަންނަ ރިޕޯޓްތަކެކެވެ. މި ސައިބައެޓޭކާ ގުޅިގެން ގިނަ ކުޅިވަރު ކުންފުނިތަކުން ވަނީ ސްވިޒަލެންޑާއި ސްޕެއިނުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ މައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއްނުވި އެވެ.