28 ސެޕްޓެމްބަރ 2021 - 14:39

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނީ ފަސް ޕަސެންޓުން ފެށިގެން 20 ޕަސެންޓާ ހަމައަށް ކަމަށެވެ. ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ އަށް 20 ޕަސެންޓް އިތުރުކޮށްދޭއިރު ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް އިތުރުކޮށްދޭނީ ފަސް ޕަސެންޓް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އައި ނަމަވެސް ސީނިއާ މަގާމުތަކުގައި ތިބޭ ބޭރުގެ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެތަނުން ބުންޏެވެ.
މުސާރަ އަށް ގެންނަ މި ބަދަލަކީ ކޮވިޑް-19ގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ. އަދި މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން މުވައްޒަފުންގެ މުސާރަ ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ގެންނަން ޖެހޭ މުހިންމު ބަދަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މުސާރައިގެ އިތުރުން އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސާއި ހިލޭ ދަތުރުފަތުރާއި ހިލޭ ޕާކިން އާއި ސްޓާފް ލޯން ސްކީމާއި ސްޓާފް ޗިލްޑްރެން ލޯން ސްކީމާއި ސްޓާފް ޑެވެލޮޕްމަންޓް ސްކީމް ފަދަ ފައިދާތައް ލިބޭނެ އެވެ.