މަޝްވަރާގެ ދޮރު ބަންދުވެއްޖެ، ދެން އޮތީ އަޒުލުކުރުން
މަޝްވަރާގެ ދޮރު ބަންދުވެއްޖެ، ދެން އޮތީ އަޒުލުކުރުން

ތޫނިސްގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް އެ ގައުމުގެ ރައީސް ގައިސް ސައީދު އަށް ލިބިވަޑައިގެންނެވި ފުރުސަތު އޭނާ އަމިއްލަ އަށް ދޫކޮށްލައްވާފައިވާ ކަމަށާއި، މިހާރު އޮތް ހަމައެކަނި ގޮތަކީ، ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް އޭނާ މަގާމުން އަޒުލުކުރުން ކަމަށް، ތޫނިސްގެ މޫވްމަންޓް ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ލަމްޔާ އަލް ޚުމައިރީ ވިދާޅުވި ގޮތުގައި ގައުމުގެ ދުސްތޫރީ ބާރުތައް އަމިއްލަ ކުރެއްވުމަށް ރައީސް ގައިސް ސައީދު ނެރުއްވި ރިއާސީ ގަރާރަކީ، ގާނޫނުއަސާސީއާ ދެކޮޅަށް ގެނައި އިންގިލާބެކެވެ. އެހެންކަމުން ރައީސް ގައިސް މިހާރު ހުންނެވީ ރައީސްކަމުގެ މަގާމު އަދާކުރެއްވުމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ގައިސް ސައީދު ވަނީ އެ ގައުމުގައި އޮތް ސަރުކާރު އުވާލައްވައި ބޮޑުވަޒީރު މަގާމުން ދުރުކުރައްވައި، ގާނޫނު ހަދާ މަޖިލިސް ބަންދުކޮށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތައް ހިފަހައްޓަވައިފަ އެވެ. ރިއާސީ ގަރާރަކުން އެ ހުރިހާ ކަމެއް ކުރެއްވުމަށް ފަހު، ދައުލަތާއި ސަރުކާރުގެ ހުރިހާ ބާރުތަކެއް އޭނާ ވަނީ އަމިއްލަ ކުރައްވައިފަ އެވެ.

އޭގެ ފަހުން ދެ މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް ގައުމުގެ ސިޔާސީ މަސްރަހަށް ހަމަޖެހުމެއް ނާދެ އެވެ. ސަރުކާރު އުވައިލެއްވުމަށް ފަހު ހޭދަވެގެން ދިޔަ ދެ މަސް ތެރޭގައި ގައުމަށް ލިބުނީ ހީވެސް ނުކުރާ ވަރުގެ އިގްތިސާދީ ގެއްލުންތަކެއް ކަމަށް ލަމްޔާ ވިދާޅުވި އެވެ.

އެހެންކަމުން ތޫނިސްގެ ސިޔާސީ މަސްރަހަށް މިހާރު އޮތް ހަމައެކަނި ހައްލަކީ، ރައީސް ގައިސް ސައީދު މަގާމުން އަޒުލުކުރުމަށް ފަހު، އަވަސް މުއްދަތެއްގައި ރިއާސީ އިންތިހާބަކާއި އާންމު އިންތިހާބެއް ބޭއްވުމަށް ކަމަށް އެ ޕާޓީން ބުނެ އެވެ. ރައީސް ގައިސް އަމަލު ކުރައްވާ ގޮތަށް ބަލާއިރު، އޭނާއަކީ ގައުމުގެ ކުރިމަގަށް ހުރި ނުރައްކަލެއް ކަމަށާއި، އޭނާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

ރައީސް ގައިސް ސައީދުގެ ނިންމުންތަކާ ދެކޮޅަށް، ތޫނިސްގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ކުރަމުން ދިޔަ ނަމަވެސް، ރައީސް ގައިސް އެކަމަށް ފަރުވާލެއް ނުބަހައްޓަވަ އެވެ. ރައީސް ގައިސް އިސްތިއުފާ ދެއްވުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ސަރުކާރު އުވާލައި ގާނޫނު ހަދާ މަޖިލިސް ބަންދުކުރުމަށް، މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ނެރުއްވި ގަރާރުގެ މުއްދަތު މިދިޔަ ހަފުތާގައި ވަނީ އިތުރުކޮށްފަ އެވެ. ރައީސްގެ އެ ނިންމެވުމާ ދެކޮޅު ހެދުމުގެ ގޮތުން، ތޫނިސްގެ އެންމެ ބޮޑު ހަތަރު ސިޔާސީ ޕާޓީ މިހާރު ވަނީ، "ޑިމޮކްރެޓިކް ފްރަންޓު"ގެ ނަމުގައި އިއްތިހާދެއް ހަދައިފަ އެވެ.

އެއީ ޕީޕަލްސް ރިޕަބްލިކަން ޔޫނިއަން އާއި ޕީޕަލްސް ވިލް ޕާޓީގެ އިތުރުން ވަފާ ޕާޓީ އެވެ. މި ހަތަރު ޕާޓީން ބުނި ގޮތުގައި، ތޫނިސްގެ ރައްޔިތުންނާއި ގާނޫނުއަސާސީ އަދި ގައުމުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި، ރައީސް ގައިސް ސައީދު މަގާމުން ދުރުކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ރައީސް ގައިސްގެ އިންގިލާބާ ދެކޮޅަށް އާންމު ރައްޔިތުން ތެދުވެގެން ކަމަށް ވެސް އެ ޕާޓީތަކުން ބުނެ އެވެ.

ރައީސް ގައިސް ސައީދުގެ ވެރިކަމާ ދެކޮޅަށް އެހެން ފަސް ޕާޓީއެއް ވެސް މިހާރު ވަނީ އިއްތިހާދެއް ހަދައިފަ އެވެ. އެއީ ޑިމޮކްރެޓިކް ކަރަންޓް އާއި އާފާގު ތޫނިސް އާއި ޑިމޮކްރެޓިކް ބްލޮކް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަލްއަމަލް ޕާޓީ އެވެ. މި ފަސް ޕާޓީން ވެސް ބުނީ، ރައީސް ގައިސް ސައީދު ވެރިކަމުގައި ހުންނެވުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ.