05 ޑިސެމްބަރ 2016 - 06:32

ގަސް ވޭން ސޭންޓް 1995 ގައި ޑައިރެކްޓް ކުރި ކާމިޔާބު ކްރައިމް/ކޮމެޑީ ޑްރާމާ "ޓު ޑައި ފޯ" ގެ ބަތަލާގެ ރޯލަށް އާދޭސް ކުރި ކަމަށާއި އެއީ ކުޅެލަން ވަރަށް ބޮޑަށް ބޭނުންވި ރޯލެއް ކަމަށް، އެ ފިލްމުގެ ބަތަލާ ނިކޯލް ކިޑްމަން ބުނެފި އެވެ.
އޮސްކާ ވެސް ހާސިލްކޮށްފައިވާ ބަތަލާ ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ "ޓު ޑައި ފޯ" އުފެއްދި ޕްރޮޑަކްޝަން ހައުސް، ރޭންކިން އޮގަނައިޒޭޝަނުން އެ ފިލްމުގެ ބަތަލާގެ ރޯލް އޭނާ އަށް ދޭން ފުރަތަމަ ބޭނުން ނުވި ކަމަށެވެ.
އެ ފިލްމްގައި ކިޑްމަން ކުޅުނީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ކެރިއާ ބިނާ ކުރަން ހުވަފެން ދެކެމުން ދަނިކޮށް، ކައިވެނި ކުރުމުން ކެރިއާ ދޫކޮށްލައި، އާއިލާއެއް ފަށަން ފިރިމީހާ މަޖުބޫރު ކުރުމުން ދިމާވާ ސިއްރުން ފުރިގެންވާ ހާދިސާތަކެއް ދައްކުވައިދޭ ކެރެކްޓާއެކެވެ.
"އެ މީހުން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރޭ އެ ފިލްމްގައި އަހަރެން ކުޅުނު ސްޒޭން ސްޓޯންގެ ރޯލް އަހަންނަށް ކުޅެވޭނެ ކަމަކަށް. އެކަމަކު އެންމެ ފުރަތަމަ ފަހަރު ވެސް މީގެ ސްކްރިޕްޓް ކިޔާލާފައި މީގެ ތެރެއަށް ވަދެވި، އެ ރޯލަށް ވަރަށް ބޮޑަށް ދަހިވެތިވި،" އޮސްޓްރޭލިއާ އަށް އުފަން ކިޑްމަން ބުންޏެވެ. "އެހެންވެ ބޭނުންވި ކޮންމެ ގޮތެއް ހަދާފައި ވެސް މި ރޯލް ހޯދަން. އެކަމަކު އެހެން ބައެއް ބަތަލާއިންނަށް ވެސް އެ ރޯލް އޮފާ ކުރިކަން އެނގޭ. އެކަމާ ވަރަށް މާޔޫސްވި."
"އައިޒް ވައިޑް ޝަޓް"، "މޫލިން ރޫޖް" އަދި "ދި އަވާސް" ފަދަ ފިލްމްތައް ކުޅެފައިވާ ކިޑްމަން އަދި ބުނީ ސްޒޭންގެ ރޯލް ކުޅެން ބޭނުންވިލެއް ބޮޑުކަމުން ޑައިރެކްޓަރު ގަސް އަށް ގުޅައި، ބަތަލާގެ ރޯލް ދޭން އާދޭސް ކުރި ކަމަށެވެ.
"އަހަރެން އޭނަ އަށް ގުޅާފައި ފިލްމުން ފުރުސަތު ދޭން އާދޭސް ކުރިން. އެއްގޮތަކަށް ވެސް އެ ރޯލް ދޫކޮށްލާކަށް ބޭނުމެއް ނުވި،" މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒާ ކުރި ކައިވެނި ރޫޅި، މިހާރު މަޝްހޫރު ލަވަ ކިތުންތެރިޔާ ކެއިތު އާބަން އާ ކައިވެނިކޮށްގެން އުޅޭ ބަތަލާ ބުންޏެވެ.
ނިކޯލް، 49، އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި "ލަޔަން" އެވެ.