ޝާހްރުކްގެ އާ ފިލްމަށް އިތުރު ބަތަލާއެއް
ޝާހްރުކްގެ އާ ފިލްމަށް އިތުރު ބަތަލާއެއް

ދާދި ފަހުން ޝޫޓިން ފެށި ޝާހްރުކް ޚާންގެ ފިލްމު "ލަޔަން" ގެ ކާސްޓަށް އަނެއްކާ ވެސް އިތުރު ބަތަލާއަކު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ފިލްމަށް އަލަށް ސޮއިކުރި ބަތަލާ އަކީ އާކަންކްޝާ ސިންގް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. ވަރުން ދަވަނާއި އާލިއާ ބަޓްގެ 2017 ގެ ފިލްމު "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ ރޯލެއް ކުޅުނު ޒުވާން ބަތަލާ އަކީ އަޖޭ ދޭވްގަންގެ ތިން ވަނަ ޑައިރެކްޝަން "މޭޑޭ" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ. ޖޭޕޫރަށް އުފަން 31 އަހަރުގެ އާކަންކްޝާ އަކީ ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ފިލްމުތަކެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ.

ރަސްމީކޮށް އަދި އިއުލާން ނުކުރާ ޝާހްރުކްގެ "ލަޔަން" ގެ ކާސްޓްގައި ހިމެނޭ ބަތަލާއިންގެ ތެރޭގައި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާއިން ކަމަށްވާ ނަޔަންތަރާ އާއި ޕްރިޔަމަނީ އާއި ރުތުޖާގެ އިތުރުން ބޮލީވުޑްގެ ބަތަލާ ސާނިއާ މަލްއުތުރާ ވެސް ހިމެނެ އެވެ.

ޝާހްރުކް ޑަބަލް ރޯލެއް ކުޅޭ ފިލްމުގެ ކާސްޓްގައި ސުނިލް ގްރޯވާ އާއި ރާނާ ދަގޫބަތީ ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. "ލަޔަން" ގެ ޝޫޓިން ޝެޑިއުލެއް މިދިޔަ މަހުގެ 27 އިން މި މަހުގެ 7 އަށް ޕޫނޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ.