ފިރިމީހާގެ ޑްރަގް ފައިސާ ބޭނުންކުރި ކަމަށް ބުނެ އަނބިމީހާއަށް މަނީ ލޯންޑަރިންގެ ދައުވާ
ފިރިމީހާގެ ޑްރަގް ފައިސާ ބޭނުންކުރި ކަމަށް ބުނެ އަނބިމީހާއަށް މަނީ ލޯންޑަރިންގެ ދައުވާ

ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ އޭނާގެ އަނބިމީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

ފިރިމީހާގެ ޑްރަގް ފައިސާ ބޭނުންކުރި ކަމަށް ބުނެ އަނބިމީހާއަށް މަނީ ލޯންޑަރިންގެ ދައުވާ
ފިރިމީހާގެ ޑްރަގް ފައިސާ ބޭނުންކުރި ކަމަށް ބުނެ އަނބިމީހާއަށް މަނީ ލޯންޑަރިންގެ ދައުވާ

ގދ. ތިނަދޫ މީހެއް ކަމަށްވާ ރާމިޒާ އަލީގެ މައްޗަށް މި ދައުވާކުރީ، އޭނާގެ ފިރިމީހާ ހަސަން ލޫތު އާއި އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހަސަން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ފައިސާއިން މުއާމަލާތުކޮށްފައިވާތީ އެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވޭ ހާލަތުގައި ވެސް އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެއިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިން ކަމަށް ބެލެވޭނެ އެވެ.

ދައުލަތުން މިއަދު ރާމިޒާގެ މައްޗަށް ދައުވާ އިއްވަމުން ބުނީ، ހަސަން ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510ރ. އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170ރ. އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ. ޖަމާކޮށްފައި ވަނިކޮށް، އެ އެކައުންޓުތަކުގައި ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން ފުލުހުން ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000ރ. އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000ރ. ފެނިފައިވެ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޝައްކުކުރެވޭ ހާލަތު އުފެދެނީ ރާމިޒާގެ ފިރިމީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް، އެ ފައިސާއިން މުއާމަލާތުކޮށްފައިވާތީ ކަމަށެވެ. ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ ކަމާއި އެ މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ފައިސާ ވެސް އަތުލިކަން ރާމިޒާއަށް އޮތީ އެނގިފައި ކަމަށް ދައުލަތުން ބުންޏެވެ.

ދައުވާ އިއްވުމުން ދައުވާ ސާފުވެއްޖެތޯ ގާޒީ އަލީ އާދަމް ސުވާލު ކުރެއްވުމުން ރާމިޒާ ބުނީ ދައުވާ ސާފު ނުވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ ވާހަކަތަކެއް ދައުވާގައި އޮތަސް އެކަމަކީ އޭނާއަށް އެނގޭ ކަމެއް ނޫން ކަމަށް ބުންޏެވެ.

"އަޅުގަނޑު ރަށުގައި ވެސް ނެތީސް ހިނގާފައިވާ ކަންތައްތަކެއް ތީގައި ތި އޮތީ،" ރާމިޒާ ބުންޏެވެ.

މި މައްސަލައިގައި ރާމިޒާގެ ވަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހު އެވެ. މި މައްސަލައިގައި ވެސް ޝާހު މިއަދު ފާހަގަކުރެއްވީ ޔާމީންގެ މައްސަލައިގައި ވެސް ފާހަގަކުރާ ކަންކަމެވެ.

އެގޮތުން، ކުށް ކުރި ވަގުތު ދައުވާއިން އެނގޭކަށް ނެތް ކަމަށް ޝާހު ވިދާޅުވި އެވެ. ކުށް ފެށުނު ހިސާބަކީ އަދި ނިމުނު ހިސާބަކީ ކޮބައިކަމެއް ނެތް ކަމަށާއި ކުށް ކުރުމުގެ ނިޔަތް ރާމިޒާގެ އޮތްކަން ދެނެގަތް ގޮތެއް ވެސް އެނގެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި ޝައްކު ކުރެވޭ ހާލަތު ދެނެގަނެފައިވާ މިންގަނޑު ވެސް ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ. ކުށް ފެށީ ކާކުތޯ ވެސް ކޮން ތާރީހެއްގައިތޯ ވެސް ސުވާލު ކުރެއްވި އެވެ. ލޯންޑާ ކުރީ ސީދާ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ލޯންޑާ ކުރުމަށް ކުރި އަމަލަކީ ކޮބައިކަމެއް ވެސް އެނގެން ނެތް ކަމަށް ޝާހު ވިދާޅުވި އެެވެ.

ހަސަން ލޫތު ފައިސާ ޖަމާކޮށްގެން ރާމިޒާގެ މައްޗަށް ދައުވާ ކުރެވޭނީ ކިހިނެއްތޯ ޝާހު ސުވާލު ކުރެއްވި އެވެ. ފިރިމީހާ އަނބިމީހާގެ އެކައުންޓަށް ޖަމާކުރާ ފައިސާ ބޭނުން ކުރުމަކީ ހުއްދަ ކަމެއް ކަމަށާއި، ފިރިމީހާއަށް ނޭނގި އެ ފައިސާ ނެގުމަކީ ވެސް އިސްލާމީ ޝަރީއަތުގައި މައްސަލަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، ރާމިޒާގެ ފިރިމީހާ އަކީ ލޯންޗު އޮޕަރޭޓްކޮށްގެންނާއި ގޯތި ކުއްޔަށް ދީގެންނާއި އެހެނިހެން މަސައްކަތް ކޮށްގެން ފައިސާ ހޯދާ މީހެއް ކަމަށެވެ. ރާމިޒާ އަކީ ވެސް ގުރުއާން ކްލާސް ހިންގައި އަދި ރާއްޖެއިން ބޭރުން ތަކެތި ގެނެސްގެން ވިޔަފާރިކުރާ މީހެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މަސްތުވާތަކެތީގެ ފައިސާގެ ބޭނުންކުރި ކަމަށް ބުނާ އިރު އެ މީހުންގެ އަތުގައި ހުރި ފައިސާގެ ތެރެއިން ގޯސް ފައިސާ އަކީ ކޮބައިކަން ބުނެދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ހަގީގީ މަނީ ލޯންޑަރިން އަކީ ކަޅު ފައިސާ ދޮވުން ކަމަށާއި އާންމު ޒަރޫރީ ބޭނުމަށް ފިރިމީހާ ދިން ފައިސާއެއް ބޭނުންކުރުމަކީ މަނީ ލޯންޑަރިން ކަމަށް ބަލާނީ ކިހިނެއްތޯ ޝާހު ސުވާލު އުފެއްދެވި އެވެ. މިފަދަ ދައުވާތައް ކޮށް ކުރިއަށް ގެންގޮސްފި ނަމަ "ކުށްވެރި ނުވާ އެކަކު ވެސް ނުހުންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލޫތު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ކިތައް ފަހަރުތޯ ސުވާލުކުރައްވައި އެ ހުރިހާ ފަހަރަކު ވެސް އެކައުންޓުގައި ހުރި ފައިސާ ރާމިޒާ ބޭނުން ކުރުމުން އޭނާ އަށް ދައުވާ ނުކުރީ ކީއްވެތޯ ވެސް ޝާހު ސުވާލު ކުރެއްވި އެވެ.

ދައުވާ ސާފު ނުވާ ކަމަށް ރާމިޒާ ކުރިން ބުނި ނަމަވެސް، ދައުވާގައިވާ ކަންކަން ސާފުވި ކަމަށް ފަހުން އޭނާ ބުންޏެވެ. އަދި ދައުވާއަށް އިންކާރު ކުރާ ކަމަށް ބުންޏެވެ. އޭނާ ބުނީ، އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދި ފައިސާ ކަމެއް އެނގިފައި ނުވާ ކަމަށެވެ.

"މި ދައުވާއަށް އަޅުގަނޑު ކަނޑައެޅިގެން އިންކާރު ކުރަން،" ރާމިޒާ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވެ ނިމުމުން އަޑުއެހުން ނިންމާލީ ވަކީލު ޝާހު އެހެން އަޑުއެހުމަކަށް ވަޑައިގަންނަވަން ޖެހުމުންނެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ.

މި ދައުވާ އަކީ ރާއްޖޭގައި ޑްރަގް ފައިސާ ބޭނުންކޮށްގެން މީހަކަށް ކުރި އެންމެ ފުރަތަމަ މަނީ ލޯންޑަރިންގެ ދައުވާތަކުގެ ތެރޭގައި ހިމެނޭ ދައުވާއެކެވެ.

ރާއްޖޭގެ ފުރަތަމަ މަނީ ލޯންޑަރިންގެ ދައުވާ އަކީ ޔާމީންގެ މައްޗަށް ކުރި ދައުވާ އެވެ. އެ މައްސަލައިގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކުރި އިރު އެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދެ އެވެ.