އެއްލައްކަ ކަޕް ހުޅުވައިދޭނީ ބްލެކްޒީނޯ އާއި ހީވެސްނުވޭ
އެއްލައްކަ ކަޕް ހުޅުވައިދޭނީ ބްލެކްޒީނޯ އާއި ހީވެސްނުވޭ

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ހއ. ދިއްދޫ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތް އަންނަ އަންގާރަ ދުވަހު ހުޅުވައިދޭނީ މުބާރާތުގެ ތަށި އެންމެ ފުރަތަމަ އުފުލާލި ބްލެކްޒީނޯ ސްޕޯޓްސް ކްލަބާއި ހީވެސްނުވޭ ޓީމެވެ.

އެއްލައްކަ ކަޕް ހުޅުވައިދޭނީ ބްލެކްޒީނޯ އާއި ހީވެސްނުވޭ
އެއްލައްކަ ކަޕް ހުޅުވައިދޭނީ ބްލެކްޒީނޯ އާއި ހީވެސްނުވޭ

ޑިސެމްބަރު 6-17 އަށް ބާއްވާ މުބާރާތުގެ ގުރުއަތުނެގުން ރޭ އެފްއޭއެމް ހައުސްގައި ވަނީ ބާއްވައިފަ އެވެ.

މުބާރާތުގައި ވާދަކުރަނީ މި ދެ ޓީމުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޓީނޭޖާއި އައްސޭރި ޓީމާއި ނާޑު ސްޕޯޓްސް ކްލަބް އަދި މިޑްލް ސްޕޯޓްސް އެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު ބަލިވާ ޓީމަކަށް ޖެހޭނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެ ރަށުގައި ކުރިއަށްގެންދަވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ރަށުން ބޭރުގެ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.

ސެމީ ފައިނަލުން ފެށިގެން މެޗުތައް ޓީވީން ދެއްކުމަށް މަސައްކަތްކުރަމުން އަންނައިރު ލަތީފް ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމައެއް މުބާރާތައް ވާނެ ކަމަށާއި މުބާރާތުގެ މެޗުތައް ވެސް ވަރަށް ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

"ވީހާ ވެސް ގިނަ ކުޅުންތެރިންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތުދީ އަދި މުބާރާތުގެ މެޗުތައް ބެލުމާއި އެހެނިހެން ކަންކަމުގައި ވެސް ގިނަ ބަޔެއްގެ ބައިވެރިވުން ބާއްވަން ބޭނުންވޭ. މިއީ އިޖްތިމާއީ ބޮޑު ހަރަކާތެއް. މުބާރާތުގެ މެޗުތައް ބަލަން ރަށްރަށުން ވެސް މީހުން ޒިޔާރަތްކުރާނެ،" ލަތީފް ވިދާޅުވި އެވެ.

ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީ ވަނީ ދިއްދޫގައި އެއް ވަނަ އަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް ބާއްވަވައިފަ އެވެ. އަދި އެ ރަށަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ގެންގޮސް ފުޓްބޯޅައިގެ ބޮޑު ހަރަކާތްތެއް އިންތިޒާމްކުރެއްވި އެވެ.