28 ސެޕްޓެމްބަރ 2021 - 12:14

ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުން ދޫކޮށްލަން އެ ރަށު މެޖިސްޓްރޭޓު ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
އުމުރުން 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާ ކުރި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އެ ރަށު މާތުނޑި، މުއާޒް އަލީ އާއި އެ ރަށު، ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށެވެ.
މުއާޒު އަލީ އާއި މުހައްމަދު އާދަމް ހައްޔަރުކޮށް އެ މީހުންގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް، ޝަރީއަތް ނިމެންދެން ބަންދު ކުރަން އެންމެ ފަހުން އެދުމުން ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުން ނިންމީ އެ ދެ މީހުން ދޫކޮށްލާށެވެ.
ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ މީހުން ބަންދުކުރަން ދައުލަތުން އެދުނަސް އެ ކޯޓަށް ފެނުނީ އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ އިތުރު ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، ޝަރުތުކޮށްފައި އެ މީހުން ދޫކޮށްލީ އެވެ.
މި މައްސަލައިގައި ދައުލަތުގެ ކަންބޮޑުވުމަކަށްވީ، ތުހުމަތުކުރެވޭ މީހުންނަކީ ހެކިބަސް ދޭން ތިބި މީހުންނާ އެއް މާހައުލެއްގައި އުޅޭ ބަޔަކަށް ވެފައި ވަރަށް ފަސޭހައިން އެ މީހުންނަށް ހެކިވެރިންނަށް ނުފޫޒު ފޯރުވިދާނެތީ އެވެ. އެކަމަކު، މުއާޒު އަލީ އާއި މުހައްމަދު އާދަމްގެ ފަރާތުން ބުނެފައި ވަނީ ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ކުޅުދުއްފުށީ ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ހުކުމް ކުރީ ކުޅުދުއްފުށީ ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ފާހަގަ ކުރީ އެ ދެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅީ ކިހިނެއް ކަމެއް ކުޅުދުއްފުށީ ކޯޓުގެ އަމުރުގައި ބަޔާން ނުކުރާ ކަމެވެ. އެފަދަ އަމުރެއް ނެރޭ އިރު އެ ސަބަބެއް ބަޔާން ކުރަން ޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަކަން ވެސް ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރިން އެ މީހުންގެ ބަންދު އިތުރު ކުރަމުން ދިޔައީ، އެ މީހުންގެ މައްޗަށް ތުހުމަތެއް އުފެދޭ ވަރަށް ހެކި ހުރި ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް އަދި ޝަރީއަތަށް ނުފޫޒު ފޯރުފާނެ ކަމަށް ގަބޫލު ކުރެވޭކަން ހައި ކޯޓުން ފާހަގަކުރި އެވެ. އެ ސަބަބުތަކުގެ މައްޗަށް ކުރިން ބަންދު ކުރަމުން ދިޔުމަށް ފަހު، ފަހުން އެ ހާލަތްތަކަށް ބަދަލެއް އައި ގޮތެއް މެޖިސްޓްރޭޓު ކޯޓުން ބަޔާން ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ މީހުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިއްތިފާގުން ހުކުމް ކުރިޔަސް، ފަހުން ބަންދު މުރާޖައާގެ ކަންކަމުގައި ދިމާވެދާނެ ދަތިތަކާ ހެދި އޭނާ ޝަަރީއަތް ނިމެންދެން ބަންދު ކުރަން ހައި ކޯޓަކުން ނުނިންމަ އެވެ.
އެ ކޯޓުގެ ހުކުމުގައި ބަޔާން ކުރީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދި ތިން ދުވަސް ތެރޭގައި ދައުލަތުން އަލުން ކުޅުދުއްފުށީ ކޯޓަށް މައްސަލަ ހުށަހަޅައިފި ނަމަ އެ ކޯޓުން ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
މުއާޒު އަލީ އާއި މުހައްމަދު އާދަމްގެ މައްޗަށް ތުހުމަތު ކުރެވެނީ ރަހީނުކޮށްގެން ކާރަކަށް އަރުވައިގެން ގެންދިޔައީ އެހެން މީހުން ވެސް ތިބި އާންމު ތަނެއްގައި ހުއްޓައި ދަގަނޑުބުރިތަކެއް ހިފައިގެން ކާރެއްގައި ގޮސް، އޭނާ ކާރަށް އަރުވައިގެން ގެންގޮހެވެ. އެ މީހާ ދޫކޮށްލީ ބޮލަށާއި ގައިގެ އެކި ތަންތަނަށް ސީރިއަސް އަނިޔާތަކެއް ދިނުމަށްފަހު އެވެ.