28 ސެޕްޓެމްބަރ 2021 - 10:05

ލަންޑަން (ސެޕްޓެމްބަރު 28) - އިނގިރޭސި ޕްރިމިއާލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ އެއްވަރުވެ، ލީގު ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ބްރައިޓަން އިން ނަގާލައިފި އެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެގެން މި ވަގުތު 14 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންްޓް އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބްރައިޓަން އަށް އޮތް ނަމަވެސް މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕެލަސް އިންނެވެ. ޕެލަސްގެ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އެ ޓީމުގެ ތަރި ވިލްފްރިއެޑް ޒަހާ އެވެ. މިއީ މި ސީޒަނުގައި ޗެލްސީން ލޯނު އުސޫލުން ޕެލަސް އަށް ކުޅެމުން އަންނަ ކޮނޯ ގަލޭގާއަށް އޭރިއާތެރެއިން ބްރައިޓަންގެ ޓްރޮސާޑް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ބްރައިޓަން ބަލި ނުވެ ސަލާމަތްވީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ފަސް މިނިޓުގެ ވެސް އެންމެ ފަހު ސިކުންތުކޮޅުގައި ނީލް މޯޕޭ ޕެލަސްގެ ކީޕަރު ބޯމަތިން ގޯލުތެރެއަށް ފުނުވާލި ބޯޅައިން ނަތީޖާ އެއްވަރުވުމުންނެވެ. މި ގޯލަށް ފަހު މޯޕޭ ވަނީ ޕެލަސް ސަޕޯޓަރުން ކުރިމަތީގައި ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.
އެއަށް ފަހު މޯޕޭ އާއި ޕެލަސް އަށް ލަނޑު ޖަހައިދިން ޒަހާއާ ދެމެދު ދެބަސްވުންތަކެއް ހިނގިއިރު މެޗު ނިމުމާއެކު ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ވެސް ދަނޑުމަތީގައި ދެބަސްވުންތައް ހޫނުވި އެވެ. އަދި ބްރައިޓަން ކުޅުންތެރިން ދަނޑުން ފައިބަން ދަނިކޮށް ޕެލަސްގެ ސަޕޯޓަރުންގެ ގުރޫޕަކުން ވަނީ ބްރައިޓަންގެ ކުޅުންތެރިންނާ ވެސް ދިމާކޮށްލައިފަ އެވެ.
މި ނަތީޖާއާއެކު ބްރައިޓަން އޮތީ ލިވަޕޫލްގެ ފަހަތުން 13 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަންއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން، ލަނޑުގެ ތަފާތުން ތާވަލުގެ ހަވަނައިގަ އެވެ.