27 ސެޕްޓެމްބަރ 2021 - 19:10

ސާފް ޗެމްޕިއަންޝިޕުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ ހަމަޖައްސައި، އިތުރު ތިން ފަރާތަކާއެކު އެފްއޭއެމުން ޕާޓްނާޝިޕް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ގަލޮޅު ރަސްމީ ދަނޑުގެ ޕްރެސް ރޫމުގަ އެވެ.
އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ސޮއިކުރެއްވިއިރު، އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ހަސަން ޝާހް އެވެ.
އެފްއޭއެމުން ވަނީ މުބާރާތުގެ ލޯކަލް އޯގަނައިޒާސް ކިޓް ޕާޓްނަރަކާއި އިންޝުއަރެންސް ޕާޓްނަރެއްގެ އިތުރުން ބެވެރޭޖް ޕާޓްނަރެއް ވެސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ހަމަޖެއްސިއިރު އެފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަފާޒް އެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ހަމަޖެއްސި ކޮކާކޯލާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް ސޭލްސް މެނޭޖާ ސްރިކާންތު ގުންޑެމޮނީ އެވެ.
މި ހަތަރު އެއްބަސްވުމެއްގައި ވެސް އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ކުޅިވަރު ކިޓް ތައްޔާރުކުރާ ރާއްޖޭގެ ލޯކަލް ބްރޭންޑެއް ކަމަށްވާ "ކެޕްޓަން މޯލްޑިވްސް" އާއެކު ވެވުނު އެއްބަސްވުމުގައި ކެޕްޓަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މުހައްމަދު އާސިމް އެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އެވެ.
މި ޕާޓްނާޝިޕް އެއްވަސްވުމުގެ ދަށުން ސާފް ޗެމްޕިއަންޝިޕަށް މުބާރާތް އޯގަނައިޒްކުރާ ފަރާތުގެ އިތުރުން ބޯލްބޯއިޒްގެ ކިޓްތައް ފޯރު ކޮށްދޭނެ އެވެ.
މީގެ ކުރިން މުބާރާތުގެ ޓައިޓްލް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ވަނީ ހަމަޖައްސައިފަ އެވެ.