ގައުމީ ޓީމު ރާއްޖެ އަތުވެއްޖެ، ކޭމްޕް ކުރީ ޖެން ހޮޓަލުގައި
ގައުމީ ޓީމު ރާއްޖެ އަތުވެއްޖެ، ކޭމްޕް ކުރީ ޖެން ހޮޓަލުގައި

އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ފުރިހަމަކުރި ތަމްރީނުތަކަށް ފަހު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މިއަދު ރާއްޖެ އައިސް، މާލޭގެ ހޮޓެލް ޖެން ގައި ކޭމްޕް ކޮށްފި އެވެ.

ރާއްޖޭގައި ބޭއްވި ފަރިތަކުރުންތަކަށް ފަހު، 29 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު ގައުމީ ޓީމު ގަތަރަށް ފުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޓީމު ފުރިއިރު، ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޓީމާއެކު ފުރޭ ގޮތް ނުވި ނަމަވެސް، ބަލިން ރަނގަޅުވެ ސުޒޭން ޓީމާ ގުޅެން ދޯހާއަށް ފުރީ މީގެ ހަފުތާއެއް ކުރިން މި މަހުގެ 20 ގަ އެވެ.

ގަތަރުގެ ތަމްރީނުތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ވަނީ އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ދެ ޓީމަކާ ދެކޮޅަށް އެކުވެރި ކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ކްލަބު ލުސައިލް ސްޕޯޓްސް ބަލިކުރިއިރު، ދެވަނަ މެޗުގައި އާމީ ކުލަބާ ދެކޮޅަށް ކުޅެ ވީ އެއްވަރެވެ.

ސުޒޭން، ދޯހާ އިން ޓީމާ ހަވާލު ވަންދެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުންނެވެ.

ގަތަރުގެ ކޭމްޕް ނިންމައި ރާއްޖޭގެ ޓީމުން ވަނީ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނެ ފައިނަލް ސްކޮޑް ވެސް ރޭ އިއުލާން ކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރަށް ނޭޕާލް ޓީމު ވަނީ މާލެ އައިސްފަ އެވެ. އިންޑިއާ އާއި އިތުރުން ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ގައުމީ ޓީމް ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގަ އެވެ.

މުބާރާތުގައި ވާދަކުރާ ގައުމުތަކުން ކޭމްޕް ކުރާނެ ހޮޓާތައް ކަނޑައެޅީ ދެކުނު އޭޝިއާގެ ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިންނެވެ.

ރާއްޖޭގެ އިތުރުން ބަންގްލަދޭޝްގެ ގައުމީ ޓީމު ވެސް ކޭމްޕް ކުރާނީ ހޮޓެލް ޖެންގަ އެވެ. ލަންކާގެ ގައުމީ ޓީމު ތިބުމަށް ހަމަޖެހިފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގަ އެވެ. ނޭޕާލް ގައުމީ ޓީމު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އަދި އިންޑިއާ ގައުމީ ޓީމް ތިބޭނީ ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ.