27 ސެޕްޓެމްބަރ 2021 - 17:24

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިދުމަތް ދިނުމުގެ ކަންކަން ރަނގަޅު ކުރަން އެމްއޭސީއެލް އިން ކުރާ މަސައްކަތްތައް އެއާޕޯޓަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ބައްލަވައި، އެތަނުގައި ތިބި އެކި ފަންތީގެ މީހުންގެ ވާހަކަތައް އަޑުއައްސަވައިފި އެވެ.

އެ މަނިކުފާނު ވަނީ ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އެންމެ އިސްވެރިން ފެށިގެން އިއްޔެ މެންދުރު އެކި ތަންތަނަށް ފުރުމަށާއި ރާއްޖެ އަންނަ މީހުން ބަލައި ގޮސް ތިބި މީހުންނާ ވެސް ޓާމިނަލްގެ ބޭރުން ބައްދަލުކުރައްވައި އެއާޕޯޓުގައި ހުރި މައްސަލަތައް ބައްލަވައި އެ މީހުންގެ ޝަކުވާތައް ވެސް އަޑުއައްސަވައިފަ އެވެ. އޭގެ ތެރޭގައި ގެސްޓުން ބަލާ ގޮސް ތިބި ރެޕުންނާއި ޓުއާ ގައިޑުންނާއި ޓޫރިސްޓުން ވެސް ހިމެނެ އެވެ. އަދި ކަސްޓަމްސް އާއި އިމިގްރޭޝަންގެ ވެރިންނާ ވެސް ބައްދަލުކުރައްވައި އެއާޕޯޓުގައި ހިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ބެއްލެވި އެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި ވަނީ ދަތުރުވެރިން ހިދުމަތް ހޯދާ ހުރިހާ ތަނަކަށް ވަޑައިގެން މައްސަލަތައް ދެނެގަތުމަށްޓަކައި މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ. އަދި ދަތުރުވެރިންނަށް އެއާޕޯޓުން ހިދުމަތް ދޭ މީހުންގެ މަސައްކަތްތައް ވެސް ބެއްލެވި އެވެ. މީގެ އިތުރުން އެއާޕޯޓުން ދޭ ހިދުމަތް ރަނގަޅު ކުރަން އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތްތައް ވެސް އެ ކުންފުނީގެ އިސްވެރިންގެ ފަރާތުން ނައިބު ރައީސް އޮޅުން ފިލުއްވެވި އެވެ.
ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު، އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެ، އެއާޕޯޓުގެ ކައުންޓަރުތަކުގެ ކިޔޫތައް ދިގުވުމުން ނަންބަރު ދޫނުކޮށް ހިދުމަތް މެދުކަނޑާލަން ޖެހޭ ހާލަތުތައް ވެސް ކުރިމަތިވެފައިވެ އެވެ.
ފުރަންދާ މީހުން ޓާމިނަލްގެ އެތެރެއަށް ނުވައްދައި، ބޭރުގައި އެތައް އިރަކު މަޑުކޮށްގެން ތިބެން ވެސް ޖެހެ އެވެ.
ނަމަވެސް އެމްއޭސީއެލް އިން މިހާރު އަންނަނީ މައްސަލަތައް ހައްލ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެއާޕޯޓުގެ ތާށިކަން ބޮޑުވެ، ބައެއް އެއާލައިންތަކަށް އަލުން ދަތުރު ފެށުމަށް ވެސް ވަނީ އުނދަގުލާ ކުރިމަތިލާން ޖެހިފަ އެވެ. މިކަމަށް ހައްލެއް ހޯދަން އެމްއެމްއޭސީއެލްއާ އެކު ޓޫރިޒަމް މިނިސްޓްރީން ވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
އެއާޕޯޓުގެ ތާށިކަން ކުޑަކޮށް، މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ހިދުމަތް ދޭ ވަގުތު އަވަސް ކުރުމުގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބައެއް ފްލައިޓްތައް ޑައިވާޓް ކުރަން ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން އެމްއެއޭސީއެލް އިން ބުނީ، ހިދުމަތް ދިނުން އަވަސް ކުރަން ހިދުމަތްތަކަށް ގެވޭނެ ބަދަލުތައް ދެނެގަންނަމުން އަންނަ ކަމަށެވެ.