27 ސެޕްޓެމްބަރ 2021 - 14:17

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދަށް ދަތުރުކުރާ ޕިކަޕް ދަތުރުތަކުގެ އަގުބޮޑުވެ އާންމުންގެ ޝަކުވާ ބޮޑުވެފައި އޮއްވައި، މީހަކު އޭނާގެ ޕިކަޕްގައި 200ރ. އަށް ދަތުރެއް ކޮށްދޭން ފަށައިފި އެވެ.

އާންމު ގޮތެއްގައި ކުޑަ ޕިކަޕަކުން 300ރ. އާއި 400ރ. އާ ދެމެދުގެ އަގެއް ނަގާ އިރު ބޮޑު ޕިކަޕަކުން 600ރ. އާއި 700ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ. މި އަގުތައް މިހެން ހުއްޓާ، ކޮޅަކަށް 200ރ. ގެ މަގުން ކުޑަ ޕިކަޕެއްގައި ދަތުރުކޮށްދޭން ފެށުމުން ޝާހުލް ޔަހްޔާ (ޝާހް) އަށް ވަނީ އާންމުންގެ ތައުރީފު އޮހެން ފަށައިފަ އެވެ.
މާލެ އަށް އުފަން، 30 އަހަރުގެ ޝާހު ބުނީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ތަކެތި އުފުލައިދޭން ނިންމީ އެ މީހުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް ވެދިނުމުގެ ބޭނުމުގައި ކަމަށެވެ. މިހާރު ދަތުރުތައް އެ އަގުގައި ފެށުމުން ގިނަ ބަޔަކު އޭނާއަށް ގުޅަ އެވެ.
"ވަރަށް ގިނަ މީހުން ގުޅާ. ކުރިން 1،500ރ. ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޖެހޭނީ. މިހާރު 2،500ރ. ވެސް ދުވާލެއްގެ މައްޗަށް ޖެހޭ."
އޭނާ މިހާރު ދުވާލެއްގެ މައްޗަށް ވިއްސަކަށް ދަތުރުކުރަން ޖެހެ އެވެ. މީހުން ގުޅާ ވަރަށް ދަތުރުތައް ނުކުރެވިގެން ޕިކަޕް ދުއްވާ އެހެން ބައެއް މީހުންގެ އެހީތެރިކަން ވެސް މިހާރު އޭނާ ހޯދަ އެވެ. ޝާހުގެ ޕިކަޕަށް އޮތް ޑިމާންޑް ފެނި އޭނާ ދެ އެކުވެރިން ވެސް މިހާރު ހަމަ އެ އަގުގައި ދެވަނަ ފިޔަވައްސަށް ޕިކަޕް ދަތުރުކޮށްދެ އެވެ.
"އާންމުކޮށް އަޅުގަނޑު ޕިކަޕަށް އަރަނީ ހެނދުނު. ރޭގަނޑަށް ދެން ދަތުރުތައް ހުއްޓާލަން. އެކަމަކު މިހާރު ދަންވަރު ވެސް ދަތުރުކޮށްދޭން ޖެހޭ. ރޭ ވެސް ދަތުރުތައް ކޮށް ނިމުނީ މެންދަމު 3:00 ހާ އިރު،" އޭނާ ބުންޏެވެ.
އޭނާ ޕިކަޕް ދުއްވަން ފެށީ މީގެ ހަ މަސް ކުރިންނެވެ. އޭގެ ކުރިން އޭނާ އަކީ މާލޭގައި މޯބައިލް ފިހާރައެއް ހިންގި މީހެކެވެ. ކޮވިޑާ ގުޅިގެން ވިޔަފާރި ބަނގުރޫޓްވުމުން ކުރިން ގަނެފައި އޮތް ޕިކަޕެއް ދުއްވަން ފެށީ އެވެ.
ކުޑަ އަގެއްގައި ހިޔާ ފްލެޓްތަކަށް ތަކެތި އުފުލާ ދޭތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ޝާހަށް ވަރަށް ތައުރީފްކުރި އެވެ. ގިނަ ބަޔަކު މިކަން ދެކެނީ އޭނާ ކޮށްދޭ ވަރަށް ވެސް ހެޔޮ ކަމެއްގެ ގޮތުގަ އެވެ.
"ހީވެސް ނުކުރަން އެހާ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމަކަށް. ވަރަށް އުފާވޭ ގިނަ ބަޔަކު މިކަން ބަލައިގަތީމަ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ވެސް ދެވަނަ ފިޔަވައްސަށް ދަތުރު ކުރާނީ މި އަގުގައި ކަމަށެވެ.