27 ސެޕްޓެމްބަރ 2021 - 12:37

ފިރިހެނުންގެ ތުނބުޅި ބާލައިދީ ތުނބުޅި ކުރުކޮށްދީގެން ނުވާނެ ކަމަށް، އެ ގައުމުގައި ބޯކޮށުމުގެ ހިދުމަތް ދޭ ތަންތަނަށް ތާލިބާނުން އަންގަން ފަށައިފި އެވެ.
ހެލްމަންދު ޕްރޮވިންސް އާއި ވެރިރަށް ކާބުލްގައި ތިބި ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި، ބޯކޮށައިދޭ ތަންތަނަށް ތާލިބާނުންގެ ހަނގުރާމަވެރިން ވަދެ، އެތަންތަނުން ދޭ ހިދުމަތްތައް މިހާރު އަންނަނީ ބަލަމުންނެވެ. އެ ތަންތަނުން ބޯކޮށުމުގެ ހިދުމަތް ދިން ކަމުގައި ވިޔަސް، ތުނބުޅި ބާލައިދީ، ނުވަތަ ޓްރިމަރު ފަދަ ތަކެތިން މާ ބޮޑަށް ތުނބުޅި ތުނިކޮށްދީގެން ނުވާނެ ކަމަށް، ތާލިބާނުން އަންނަނީ އަންގަމުންނެވެ.
ތުނބުޅި ބޭލުމާއި ތުނބުޅި ތުނި ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ބުނެ، އެގޮތަށް ހިދުމަތް ދޭ ތަންތަން ބަންދުކޮށް، ތުނބުޅި ބާލައިދީ އަދި ތުނިކޮށްދޭ މީހުންނަށް އަދަބު ދޭނެ ކަމަށް ތާލިބާނުން މިހާރު އަންނަނީ އަންގަމުންނެވެ. ބޯކޮށުމުގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމަށް، އެ ތަންތަނަށް ވަންނަނީ، ތާލިބާނުން މިހާރު އުފައްދާފައި އޮންނަ، ދީނީ ޝިއާރުތައް ތަންފީޒުކުރާ ފުލުހުންގެ ފަރާތުންނެވެ.
ހެލްމަންދު ޕްރޮވިންސްގައި ހުންނަ ބޯކޮށާ ހިދުމަތް ދޭ ތަންތަނުގައި މިހާރު ވަނީ ތާލިބާނުންގެ ފަރާތުން އިއުލާނު ތަތްކޮށް އެންމެންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފަ އެވެ. އެ އިއުލާންތަކުގައި ބުނެފައިވަނީ، ބޯކޮށުމާއި ތުނބުޅި ހެދުމުގެ ހިދުމަތް ދޭއިރު ވެސް، އިސްލާމީ ޝަރީއާގެ އުސޫލުތަކަށް އަމަލުކުރަން ވާނެ ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ޝަކުވާކުރުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ ކަމަށް ވެސް އެ އިއުލާނުގައި ލިޔެފައިވެ އެވެ.
ކާބުލްގައި ބޯކޮށުމުގެ ހިދުމަތް ދޭ ތަނެއްގެ މުވައްޒަފަކު ބުނި ގޮތުގައި، ތާލިބާނުންގެ ހަނގުރާމަވެރިން އެތަނަށް ވަދެ އެ ތަނުގައި ދޭ ހިދުމަތްތައް އޮޅުން ފިލުވި އެވެ. އަދި މީގެ ފަހުން ހިދުމަތް ދެވޭނެ ގޮތްތައް އެންގުމަށް ފަހު، އެގޮތާ ހިލާފުވޭތޯ ބެލުމަށް، ސިއްރު ފުލުހުން ފޮނުވާނެ ކަމަށް ވެސް ތާލިބާނުން އެންގި ކަމަށް އޭނާ ބުންޏެވެ.
ކާބުލްގައި ހުންނަ އެންމެ ބޮޑު އެއް ސެލޫންގެ ވެރިޔާ ބުނި ގޮތުގައި، ސަރުކާރުގެ އޮފީހަކުން ކަމަށް ބުނެ އޭނާ އަށް އައީ ފޯން ކޯލެކެވެ. އެ ކޯލްގައި ވާހަކަ ދެއްކި މީހާ އެންގީ، "އެމެރިކާ މީހުންގެ ސްޓައިލަށް ބޮލުގެ އިސްތަށިގަނޑު ހެދުމާއި ތުނބުޅި ހެދުން ހުއްޓައިލުމަށް" ކަމަށް އޭނާ ބުންޏެވެ.
ބޯކޮށާ ތަންތަން ހިންގާ މީހުން ބުނި ގޮތުގައި، ތާލިބާނުންގެ މި ނިންމުމާ ގުޅިގެން، އެ ތަންތަނުގެ ވިޔަފާރި ވަރަށް ދަށަށް ދާނެ އެވެ. ސަބަބަކީ މީގެ ފަހުން އެއްވެސް މީހަކު ތުނބުޅި ބާލަން ނުވަތަ ތުނބުޅި ތުނިކުރަން ނާންނާނެތީ އެވެ. އޭގެ ބަދަލުގައި އެތަންތަނުން ހިދުމަތް ހޯދާނީ ބޯކޮށާ މީހުން އެކަންޏެވެ.
ހުސްވި އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު ބުނެފައިވަނީ، މިހާރުގެ ތާލިބާނުންނަކީ 1996-2001 އަށް އެ ގައުމުގައި ވެރިކަން ކުރި ތާލިބާނުން ނޫން ކަމަށެވެ. އަދި އޭރު އަމަލުކުރި ގޮތްތަކުން ވަރަށް ގިނަ ފިލާވަޅުތައް ލިބިއްޖެ ކަމަށް ބުނެ، އޭރު މަނާކުރި ވަރަށް ގިނަ ކަންތައް މިފަހަރު މަނާ ނުކުރާނެ ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ.
ނަމަވެސް، ވެރިކަމަށް އެއް މަސް ފުރިގެން ދިއުމާއެކު މިހާރު ތާލިބާނުންގެ ފަރާތުން ފެންނަމުން އަންނަނީ، ކުރިން ވެރިކަން ކުރި ދުވަސްވަރު ވެސް އަމަލު ކުރި ފަދަ ހަރުކަށި އުސޫލުތަކެކެވެ. އެ ގޮތުން ގްރޭޑް ހަތަކުން ފެށިގެން މަތީގެ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާ ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ސަރުކާރުގެ އިދާރާތަކުގައި ވަޒީފާ އަދާކުރަމުން އައި ގިނަ އަދަދެއްގެ އަންހެނުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވައިލުން ހިމެނެ އެވެ. އަދި ޝަރުއީ ކޯޓުތަކުގައި ތިބި ހުރިހާ އަންހެން ފަނޑިޔާރުން ވެސް މިހާރު ވަނީ މަގާމުން ވަކިކޮށް ގެއަށް ފޮނުވާލައިފަ އެވެ.