27 ސެޕްޓެމްބަރ 2021 - 13:50

ޓިއުރިން (ސެޕްޓެމްބަރު 27) - ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި މިސީޒަނުގައި ދަށް ފެށުމަކުން ފެށި ޔުވެންޓަސް އިން ލީގުގައި ޖެހިޖެހިގެން ހޯދި ދެވަނަ މޮޅާއެކު އެޓީމުން އިތުބާރު ހޯދައިފި އެވެ.
ޔުވެންޓަސްގެ ކޯޗުކަމާ މަސިމޯ އެލެގްރީ އަލުން ހަވާލުވުމަށް ފަހު މިސީޒަނުގެ ލީގު ފުރަތަމަ މެޗުގައި ރޮނާލްޑޯ ކުޅެން އެރުވީ 60 ވަނަ މިނިޓުގަ އެވެ. އެމެޗު އެއްވަރުވާން ދަނިކޮށް އެންމެ ފަހު ސިކުންތުކޮޅުގައި ރޮނާލްޑޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. އެއަށް ފަހު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގު ދޫކޮށް އެނބުރި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ގުޅިފަ އެވެ.
އެއަށް ފަހު ރޮނާލްޑޯ ނުލައި ލީގުގައި ކުޅުނު ތިން މެޗުގައި ވެސް މޮޅެއް ނުހޯދުނުއިރު، ފުރަތަމަ މޮޅެއް ހޯދީ މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ކުޅެ ސްޕެޒިއާ ބަލިކޮށްގެންނެވެ.
އަމިއްލަ ދަނޑުގައި ރޭ ސަމްޑޯރިއާއާ ވާދަކޮށް ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި ޖެހީ ޕައޮލޯ ޑިބާލާ އެވެ. ނަމަވެސް އަނިޔާވެ، މެޗުގެ 22 ވަނަ މިނިޓުގައި ޑިބާލާ ވަނީ ބަދަލުކުރަން ޖެހިފަ އެވެ. ދެވަނަ ލަނޑު 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލިއޮނާޑޯ ބޮނޫޗީ ޖެހި ނަމަވެސް ޖަޕާނުގެ ޑިފެންޑަރު މާޔާ ޔޮޝީޑާ ވަނީ ބޮލުން ލަނޑެއް ޖަހައި ސަމްޑޯރިއާ އަށް ފަރަގު ކުޑަކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހައިދިނީ މިސީޒަނުގައި ސަސުއޯލޯ އިން ލޯނު އުސޫލުން އެޓީމަށް ގެންދިޔަ މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ އެވެ. މިއީ އޭނާ ޔުވެންޓަސް އަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މެޗް ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ސަމްޑޯރިއާގެ ދެވަނަ ލަނޑު ޖަހައިދިނީ ކުރިން ޔުވެންޓަސް އަށް ވެސް ކުޅުނު 24 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ އެވެ.
މި މެޗަކީ ސެރީ އާގައި ކޯޗެއްގެ ގޮތުގައި އެލެގްރީ ނުކުތް 400 ވަނަ މެޗެވެ.
މެޗުގައި ޑިބާލާ އަށް ލިބުނު އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި މިހަފްތާގައި ޔުވެންޓަސް، ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި ދެން ޓޮރީނޯއާ ދެކޮޅަށް ކުޅޭ މެޗު އޭނާއަށް ގެއްލޭނެ ކަމަށް އެޓީމުގެ ކޯޗު މަސިމޯ އެލެގްރީ ވަނީ މެޗަަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފަ އެވެ.
"ދިބާލާ އަށް ހަމަ ޔަގީނުން ވެސް ޗެލްސީ އާއި ޓޮރީނޯއާ ދެކޮޅަށް ނުކުޅެވޭނެ. އުންމީދު ކުރަނީ އަންނަ އިންޓަނޭޝަނަލް ބްރޭކަށް ފަހު އަހަރެމެންނަށް އޭނާ އަލުން ލިބޭނެކަމަށް."
ދިބާލާގެ އިތުރުން ރޭގެ މެޗުގައި އަނިޔާވި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަލްވަރޯ މޮރާޓާއަށް ވެސް ޔުވެންޓަސްގެ ކުރިޔަށް އޮތް ދެމެޗް ގެއްލޭނެކަމަށް އެލެގްރީ ބުންޏެވެ.
ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ޔުވެންޓަސް މިވަގުތު އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.