28 ސެޕްޓެމްބަރ 2021 - 07:48

ބެލުންތެރިންގެ މަގުބޫލު، ނެޓްފްލިކްސްގެ ސީރީޒް "ދަ ވިޗާ" ގެ ދެވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަރުވަމުން އަންނަ އިރު އޭގެ ތިން ވަނަ ސީޒަނެއް ވެސް ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
ސީރީޒްގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ބުނީ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް މައިގަނޑު ރޯލުން ފެންނަ ސީރީޒްގެ ތިން ވަނަ ސީޒަންގެ އިތުރުން "ދަ ވިޗާ" ޔުނިވާސްގެ ވާހަތަކެއް ކިޔައިދޭ އިތުރު ފީޗާ ފިލްމަކާއި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ހާއްސަކޮށްގެން ސީރީޒް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެ އެވެ.
އެޑަލްޓް އެނިމޭޓެޑް ޑާކް ފެންޓަސީއެއްގެ ގޮތުގައި މިދިޔަ މަހު "ދަ ވިޗާ: ނައިޓްމެއާ އޮފް ދަ ވުލްފް" ގެ ނަމުގައި ނެޓްފްލިކްސް އިން ފިލްމެއް ގެނެސް ދީފައިވެ އެވެ. އޭގެ ޑައިރެކްޓަރަކީ ވޭންގް 2 ހަން އެވެ.
ފެންޓަސީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ދަ ވިޗާ" ގެ ފުރަތަމަ ސީޒަން 8 އެޕިސޯޑާ އެކު ގެނެސްދިނީ 2019 ގެ ޑިސެމްބަރު މަހު އެވެ. ދެވަނަ ސީޒަން އަންނަ ޑިސެމްބަރު 17 ގައި ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އާ ސީޒަނުގައި ވެސް 8 އެޕިސޯޑް ހިމެނޭނެ އެވެ.
ބޮޑު ކާސްޓެއް ވެސް ހިމެނޭ "ދަ ވިޗާ" އަކީ ލޯރެން ޝްމިޓް ހިރިޝްގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ އެއްޗެކެވެ.
މި ސީރީޒަކީ ޕޮލެންޑްގެ ލިޔުންތެރިޔާ އެންޑްރޭ ސަޕޯސްކީގެ "ދަ ވިޗާ" ވާހަކަ އަށް ސީރީޒަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ.