27 ސެޕްޓެމްބަރ 2021 - 11:08

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބުކުރި އިރު އޭރުގެ ކޯޗިން ޓީމުގައި ހިމެނުނު އެއް ނަމަކީ، ޖޯޖިއާ އަށް ނިސްބަތްވާ އެސިސްޓެންޓް ކޯޗް ގެލާ ޝެކިލާޒޭ އެވެ. ކުރީގެ ކޯޗު ޕީޓާ ޝެގަޓް ޖޯޖިއާގެ ޓެކްނިކަލް ޑައިރެކްޓަރަކަށް މަސައްކަތް ކުރި އިރު އޭނާގެ އެހީތެރިޔެއްގެ ގޮތުގައި އޭރު ވެސް ޝެކިލާޒޭ މަސައްކަތް ކުރި އެވެ. އޭރު އުފެދުނު ބަދަހިކަން އަފްގާނިސްތާންގެ ގައުމީ ޓީމާއި ރާއްޖޭގެ ގައުމީ ޓީމާ ހަމައަށް ވެސް އައީ އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޭނާ ފުރަތަމަ ރާއްޖެ އައީ ސާފް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކަށެވެ. ޝެކިލާޒޭ މަޝްހޫރުވެފައި ވަނީ އިދިކޮޅު ޓީމުގެ ކުޅުން ބަލައިގެން ގޭމް ރާވާ އެކްސްޕާޓެއްގެ ގޮތުގަ އެވެ. އޭނާގެ އަތުގައި ވަރަށް ގިނަ ޓީމުތަކުގެ މެޗުތަކުގެ ވީޑިއޯތައް ހުރެ އެވެ. މަޑު މައިތިރި މިޒާޖުގެ ޝެކިލާޒޭގެ އެންމެ މުހިންމު ސިފަ އަކީ މަސައްކަތުގައި އޭނާގެ ގެންގުޅޭ ޕްރޮފެޝަނަލް ގިންތި އެވެ. އޭނާ ހުށަހަޅާ ވިސްނުމާ އެއްގޮތަށް ޓީމު ބައްޓަން ނުކުރިޔަސް އޭނާގެ ފަރާތުން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާތަން ފެނެ އެވެ. ޝެކިލާޒޭ ހުށަހަޅާ ގޮތަށް ހެޑް ކޯޗުގެ ނިންމުން ނައި ކަމުގައި ވިއަސް ހުރިހާ ހާލަތެއްގައި އޭނާ ޓީމާއެކު ދެމި ހުރެ އެވެ. ޓީމު ތެރޭގައި މައްސަލައެއް އުފެއްދޭނެ ބާގަނޑުތައް އޭނާ ބަންދު ކުރެ އެވެ.

އޭގެއިން އެއް ހާދިސާ އަކީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗާއިނާއާ ދެކޮޅަށް ރާއްޖެއިން މާލޭގައި ކުޅުނު މެޗެވެ. އެ މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) އަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރުސަތު ދޭން، ޝެކިލާޒޭ، ހެޑް ކޯޗް ޝެގަޓް އަށް ލަފާ ދިނެވެ. އެއީ ގާތްގަނޑަކަށް ދޮޅު އަހަރުގެ މެދުކެނޑުމަކަށް ފަހު އަޝްފާގު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް ޝެގަޓް ނިންމުން ނިންމީ ޝެކިލާޒޭ ދިން ހިޔާލާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ 11 އިން އޭނާ އަޝްފާގަށް ފުރުސަތު ދިނެވެ. އެ ދުވަހު މެޗު ބެލި ރާއްޖޭގެ ތަޖުރިބާކާރު އެންމެން ވެސް ބުނެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަޝްފާގަށް އެ މެޗުގައި ފުރުސަތު ދިން ނަމަ ރަނގަޅުވީސް ކަމަށެވެ. އެއީ ގައުމީ ޓީމާއެކު މެޗެއް ނުކުޅެ އެހާ ދުވަހު ހުރެ ކުޅޭ އިރު ބެންޗުން ފެށުން ރނގަޅު ކަމަށް ފެންނާތީ އެވެ.

ޝެކިލާޒޭ ހުށަހެޅި ގޮތާ ހިލާފަށް ނިންމުން އައި ނަމަވެސް އެކަމުގެ ސަބަބުން ޓީމުގެ އެތޭރޭގައި މައްސަލަ ޖެހޭނެ ހާލަތެއް އުފެދުނަކަ ނުދިނެވެ. ނިންމުމާމެދު ހިތްހަމަ ނުޖެހި އެ ވާހަކަ އޭނާ ނުދައްކަ އެވެ. އެ ހާލަތުގައި ވެސް އޭނާގެ ފަރާތުން ދެއްކީ ޕްރޮފެޝަނަލް ސިފަތަކެވެ.

އަފްގާނިސްތާނާއެކު 2015 ގެ ސާފް ޗެމްޕިއަންޝިޕް ފައިނަލަށް އޭނާ ދަތުރު ކުރި އެވެ. އިންޑިއާގައި ބޭއްވި އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުގައި އަފްގާނިސްތާން އިން ރާއްޖެއާ ދެކޮޅަށް ކުޅުނެވެ. ޓްރިވަންޑްރަމްގައި ކުޅުނު މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތަކަށް އައިސް އޭނާ ދަނޑުގައި އިނދެގެން ރާއްޖޭގެ މެޗު ބެލި އެވެ. ޝެކިލާޒޭ އަށް ފާހަގަ ކުރެވުނީ ރާއްޖޭގެ ސްޕީޑެވެ. އަދި ވިންގުން ވަދެގެން އެޓޭކިން ތާޑްގައި ނުރައްކާ އުފައްދާ ޓީމެއްގެ ގޮތުގައި އޭނާ ރާއްޖެ ފާހަގަކުރި އެވެ.
ފައިނަލްގައި ކުޅެން ޖެހުނު އިންޑިއާގެ މެޗުތައް ބަލައި އޭނާ ވިސްނުންތަކެއް ނެރުނެވެ. އެ ވިސްނުމާ އެއްގޮތަށް އަފްގާނިސްތާންގެ ކުޅުން ބައްޓަން ކުރަން އޭނާ ލަފާ ދިނެވެ. އެއީ އޭރު ސެންޓްރަލް އޭޝިއާ ފުޓްބޯޅަ އެސޯސިއޭޝަން އުފައްދައި، އެ އެސޯސިއޭޝަންގެ މެންބަރަކަށް އަފްގާނިސްތާން ވީފަހުން، ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމުގެ ފަހު މުބާރާތެވެ. ތައްޓާއެކު ސާފް އިން ރަސްމީކޮށް ވަކި ވުމަށް އަފްގާނިސްތާން ކުރި އުންމީދު ކާމިޔާބެއް ނުވި އެވެ.
ޖެހިގެން އައި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއެކު މަސައްކަތް ކުރަން އޭނާ އަށް ފުރުސަތު ލިބުނެވެ. ގުރޫޕް ސްޓޭޖުގައި އެއް ވެސް މެޗަކުން މޮޅު ނުވެ، ހުރިހާ ގޮތަކުން ވެސް ލަންކާއާ އެއްވަރު ވުމުން، ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައަޅަން ޖެހުނީ ގުރު ލައިގެންނެވެ. ޓޮސްގައި ރާއްޖެއަށް ގުރު ދިމާވި އެވެ.
ނަސީބު އެހީ ވިޔަސް ރާއްޖެއަށް ޕްރެޝަރު ބޮޑު ވެއްޖެ އެވެ. އާންމުންނާއި މީޑިއާތަކުގެ ޕްރެޝަރު ރާއްޖެ ޓީމަށް ކުރިމަތިވި އެވެ. ރާއްޖޭގެ ކޯޗިން ޓީމަށް އާދަޔާ ހިލާފް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. އެ ޕްރެޝަރުގައި ރާއްޖެއިން އިތުރަށް މަސައްކަތް ކުރަން މަޖުބޫރުވި އެވެ.
ސެމީ ފައިނަލުގައި ރާއްޖެ ނޭޕާލް އަތުން މޮޅުވީ ކުޅުންތެރިންގެ ހިތްވަރުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އިންޑިއާއިން ޒުވާން ޓީމެއް ނެރުނަސް ގުރޫޕް ސްޓޭޖުގައި އެ ޓީމުން 2-0 އިން ރާއްޖެ ބަލި ކުރި އެވެ.
ސެމީގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޝެކިލާޒޭ ހޮޓެލް އަށް ނުގޮސް ސްޓޭޑިއަމްގައި މަޑު ކުރި އެވެ. އޭނާ ބޭނުންވީ ސެމީ ފައިނަލުގައި އިންޑިއާ އާއި ޕާކިސްތާން ކުޅޭ މެޗު ބަލާށެވެ. ރާއްޖެއާ ދެކޮޅަށް ފައިނަލުގައި ޖެހޭނެ ޓީމެއްގެ ކުޅުން ދެނެގަނެ މެޗު އެނަލައިޒް ކުރުމަށް އޭނާ މަޑު ކުރީ އެވެ.
ފައިނަލުގައި ވާދަކުރަން އޮތް ދުވަހުގެ ކުރީ ރެއަކީ ޝެކިލާޒޭ އަށް އެންމެ ބުރަ ރެ އެވެ. ސެމީ ފައިނަލުގައި އިންޑިއާ، ޕާކިސްތާން ކުޅުނު މެޗުގެ ވީޑިއޯ އެނަލިސިސް ހަދަން އޭނާ އެތައް އިރެއް ވަންދެން ހޭލާ ހުއްޓެވެ. އިންޑިއާގެ މެޗުން އޭނާ އަށް ފާހަގަ ކުރެވުނީ އެ ޓީމުގެ ފޯވާޑް މަންވީރް ސިންހް އާއި ސްމީޓް ޕާސީ އެވެ.
"އަހަރެން މާ ބޮޑު އެއްޗެއް އަހަރެމެންގެ (ރާއްޖޭގެ) ކުޅުންތެރިންގެ ގާތު ނުބުނަން. އަހަރެން ބުނީ އިންޑިއާގެ ޖޯޒީ ނަންބަރު 9 (ސްމީޓް ޕާސީ) މާކު ކުރާއިރު ޓައިޓް މާކިންއެއް ނުދޭށޭ،" ޖޯޖިއާގައި ހުރެ ފޯނުން "މިހާރު" އަށް ޝެކިލާޒޭ ކިޔައި ދިނެވެ.
"އެއީ ޓައިޓް މާކިންއެއް އޭނާ އަށް ދީފިއްޔާ އިދިކޮޅު ކުޅުންތެރިޔާ އަށް ލަނޑު ދީފައި އޭނާ ބޯޅަ ވިން ކުރާނެ. ޕާކިސްތާން މެޗުގައި ވެސް ވެފައި ހުރީ އެހެން. މިއީ އަހަރެން ކުޅުންތެރިން ކައިރީ ބުނި ވާހަކަ އަކީ."
އެކަމަކު އެއީ މެޗު ކާމިޔާބު ކުރަން ކުޑަ ޕަސެންޓެކެވެ. ކާމިޔާބުގެ ބޮޑު ހިއްސާއަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތެވެ. އަދި ޓީމެއްގެ ގޮތުގައި އެކުވެރި ކަމާއެކު ކުރި މަސައްކަތް އޭނާ ފާހަގަ ކުރެ އެވެ.
"ޓޮސް ދިމާވެގެން އަހަރެމެން ސެމީ ފައިނަލަށް ދިޔަ ހިސާބުން އަހަންނަށް ފާހަގަ ކުރެވުނު މުޅި ޓީމުގެ ތެރޭގައި ވަރަށް ވަރުގަދަ އެކުވެރިކަމެއް އުފެދުނުކަން. އެއީ ރާއްޖެއަށް ކާމިޔާބުވުމުގެ އަސްލަކީ."
ހެޑް ކޯޗް ޝެގަޓް އެހީ ވުމުގައި ޝެކިލާޒޭގެ އިތުރުން ދެން ތިބީ ރާއްޖޭގެ ޒުވާން ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) އާއި އިރާގުގެ ގައުމީ ޓީމުގެ މިހާރުގެ ފިޓްނަސް ކޯޗް، މޮންޓަނީގުރޯގެ ވަލްޑިމިއާ ކްރުނިޗް އާއި ގޯލްކީޕަރު ކޯޗް އަސްލަމް އަބްދު ރަހީމް އެވެ.
"ކޮންމެ މީހަކު ވެސް އެމީހެއްގެ މަސައްކަތް ވަރަށް ފުރިހަމަ އަށް ކޮށް ނިންމާލި. ޓީމު ޓްރޭނިންތަކުގައި ޝާކީ (ޝާކިއްޓޭ) ދައުރު ވަރަށް ބޮޑު. ފިޓްނަސް ޓްރޭނިންތަކުގައި ލާޑޯ (ވަލްޑިމިއާ ކްރުނިޗް). ކީޕަރު ޓްރޭނިންތަކުގައި އަސްލަމް. އަސްލަމް ކުރީ އާދަޔާ ހިލާފް މަސައްކަތެއް. މެޑިކަލްގައި ރާފީ (އަބްދުއް ރާފިއު [ރާއްޕެ]). ދެން އަހަރެން. އަހަރެމެން އެންމެންގެ މަސައްކަތް ކޮމްބައިންކޮށް ކުރީމަ ޕްރީ މެޗުގެ ކުރިން އޮންނަ ޓްރޭނިންތައް ޕީޓާ (ޝެގަޓް) ރާވަނީ،" ޝެކިލާޒޭ ކިޔައި ދިނެވެ.
"މީގައި ފާހަގަ ކުރަން ޖެހޭނެ ޓީމު މެނޭޖަރު މޯ (މުހައްމަދު އީސާ) ކީޓް މެނޭޖަރުގެ މަސައްކަތް ވެސް. އެކަމަކު އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނީ ކުޅުންތެރިންނަށް.
"އަހަރެމެންނަށް ކާމިޔާބު ލިބުނީމަ އަހަރެމެން ހުރިހާ ސްޓާފުންނަށް ވެސް އިހްސާސް ކުރެވުނު ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމުގެ އިހްސާސް. ރާއްޖެ އަށް ކާމިޔާބު ލިބުނީ މި ހުރިހާ ކަމެއް އެއްވެގެން. އެކުވެރިކަމާއެކު އެންމެން ކުރި މަސައްކަތުން."
އޭނާ ބުނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ވެސް ރާއްޖެ އަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އެ ފެންވަރު ރާއްޖޭގެ ފުޓްބޯޅައިގައި އެބަހުރި ކަމަށެވެ.