ހިމޭޝްގެ މިއުޒިކް އަލްބަމްގައި ސަލްމާންގެ ލޯބިވެރިޔާ އިއުލިއާގެ ލަވައެއް
ހިމޭޝްގެ މިއުޒިކް އަލްބަމްގައި ސަލްމާންގެ ލޯބިވެރިޔާ އިއުލިއާގެ ލަވައެއް

ސަލްމާން ޚާންގެ ރޫމޭނިޔާ ލޯބިވެރިޔާ އިއުލިއާ ވަންތޫރު ބޮލީވުޑަށް ވެއްދުމުގެ ފުރިހަމަ ތައްޔާރީތައް ސަލްމާން ފަށައިފި އެވެ. އިއުލިއާ އަކީ ވަރަށް ރީތިކޮށް ލަވަކިޔާ މީހަކަށް ވާތީ ފުރަތަމަ ކަމަކަށް ސަލްމާން ބޭނުންވީ ލަވަ ކިޔުންތެރިއެއްގެ ގޮތުގައި އިއުލިއާ ތައާރަފްކުރުމަށެވެ.

އެގޮތުން މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމްޔާގެ މިއުޒިކް އަލްބަމް "އާޕް ސޭ މޯސިގީ" އަށް އިއުލިއާ ވަނީ ހިންދީ އަދި އިނގިރޭސި ލިރިކްސް ހިމެނޭ "އެވްރި ނައިޓް އެންޑް ޑޭ" ކިޔާ ލަވައެއް ރެކޯޑްކޮށްފަ އެވެ.

ހިމޭޝްގެ އަލްބަމްގެ ބައެއް ލަވަތައް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ނަމަވެސް އިއުލިއާ ކިޔާފައިވާ ލަަވަ ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ. މި ލަވައިގެ ވީޑިއޯ އަންނަ މަހު ޝޫޓް ކުރަން ހަމަޖެހިފައިވާއިރު އެ ވީޑިއޯގައި ވެސް އިއުލިއާ ހަރަކާތްތެރިވާތަން ފެންނާނެ އެވެ.

ސަލްމާން ބޭނުންވަނީ އޭނާގެ ލޯބިވެރިޔާ ހަމައެކަނި ލަވައެއްގައި ބައިވެރި ކުރުމަކަށް ނޫނެވެ. އެއަށް ވުރެ ބޮޑެތި ޕްލޭންތަކެއް އޭނާގެ އެބަހުއްޓެވެ.

އެގޮތުން ހަ ޓްރެކް ހިމެނޭ މިއުޒިކް އަލްބަމަކާއެކު ޕޮޕް ސްޓާރެއްގެ ގޮތުގައި އިއުލިއާ އިންޑިޔާއަށް ތައާރަފްކުރުމުގެ ތައްޔާރީތައް ވެސް ސަލްމާން މިހާރު ވަނީ ފަށާފަ އެވެ. އަދި މިކަމަށްޓަކައި ބޮލީވުޑްގައި މިހާރު ތިބި އެންމެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އަމާލް މަލިކް، މީޓް ބްރޯސް، ޕްރީތަމް އަދި ސަޗިން-ޖިގަރް ފަދަ މީހުންނާ ސަލްމާން ވަނީ ގުޅާފަ އެވެ. މި ހުރިހާ މިއުޒިކް ޑައިރެކްޓަރުން ވެސް އިއުލިއާ އާއެކު ލަވަ ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އިއުލިއާ އަކީ ރޫމޭނިޔާގެ ޓެލެވިޒަން އެކްޓަރެކެވެ. އަދި ޓީވީ ޕްރެޒެންޓަރެކެވެ. މުމްބައިގައި ފާއިތުވީ އަހަރެއްހާ ދުވަސް ހޭދަކޮށްފައިވާ އިއުލިއާ ވަނީ ހިންދީ ލަވަތައް ކިޔުމުގެ އަށް މަސް ދުވަހުގެ ތަމްރީނު ހޯދާފަ އެވެ.

ހިމޭޝް ރޭޝަމްޔާ ފަދަ ބޮލީވުޑްގެ ގިނަ މިއުޒިކް ޑައިރެކްޓަރުންނަކީ ސަލްމާންގެ މަދަދަކާއެކު ފިލްމު އިންޑަސްޓްރީގައި ކުރިޔަށް ދެވިފައި ތިބި ބަޔަކަށް ވާތީ އިއުލިއާ އަށް މިއުޒިކްގެ ދުނިޔޭން މަގާމެއް ހޯދައިދިނުމުގައި މި މީހުންގެ އެހީތެރިކަން ހޯދާކަށް ސަލްމާނަކަށް އުނދަގުލެއް ނުވާނެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސަލްމާންގެ އާއިލާއާއެކު ދިރިއުޅުމަށްފަހު އިއުލިއާ ދާދިފަހުން އެނބުރި ރޫމޭނިޔާއަށް ދިއުމުން ސަލްމާނާ އޭނާ ރުޅިވީ ކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން ވަނީ ސާބިތު ވެފަ އެވެ. ސަލްމާނާއި އިއުލިއާގެ ގުޅުން ކުރިއެކޭ ވެސް އެއްގޮތަށް އެބައޮތްކަން ޔަގީންވީ އިއުލިއާ އެނބުރި މުމްބައި އަށް އައިސް އަނެއްކާވެސް ސަލްމާނާއެކު އުޅޭތީ އެވެ.