ބާލިން މެރެތަންގައި މޯޑް، ދެކުނު އޭޝިއާގެ ގޯލްޑް މެޑަލިސްޓް ބަލިކޮށްފި
ބާލިން މެރެތަންގައި މޯޑް، ދެކުނު އޭޝިއާގެ ގޯލްޑް މެޑަލިސްޓް ބަލިކޮށްފި

ބާލިން މެރަތަންގައި މިއަދު ވާދަކުރި، ރާއްޖޭގެ ދިގު ރާސްތާ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް)، ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދި އެތުލީޓް، ގޯޕީ ޗަންދަރަ ޕާކީ ބަލިކޮށްފި އެވެ.

ޕާކީގެ އަމިއްލަ ގައުމު، ނޭޕާލްގައި 2019 ގައި ބޭއްވި އެސްއޭ ގޭމްސްގެ ފިރިހެނުންގެ 5،000 މީޓަރުގެ ރޭހުގައި ވާދަކޮށް އޭނާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭނާ އަކީ ނޭޕާލްގެ "ނާޕާލްގަންޖް މެރެތަން" ގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.

މިއަދު ބާލިން މެރަތަންގައި އޭނާ ދިޔާއީ، ރާއްޖޭގެ އެތުލީޓް މޯޑަށް ވުރެ ފަހަތަށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު މެރަތަންގައި ވާދަކޮށް މޯޑް ރޭސް ނިންމީ، 2:42:27 އިންނެވެ. މޯޑް ރޭސް ނިންމީ 93 ވަނައިގަ އެވެ. ޕާކީ ރޭސް ނިންމީ 2:46:29 އިންނެވެ. އޭނާ ރޭސް ނިންމީ 139 ވަނައިގަ އެވެ.

އެންމެ ގިނަ މެރަތަންގައި ވާދަކުރި ރާއްޖޭގެ ދުވުންތެރިޔާ، ނަސްރުﷲ އަހްމަދު (ނަސްރު) ގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ، މޯޑުގެ ޓާގެޓަކީ ޕާކިސްތާނަގައި 2023 ގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްއިން މެޑައްޔެއް ހޯދުމެވެ. ނަސްރު ވެސް ވަނީ މިއަދު މެރެތަން ފުރިހަމަ ކޮށްފަ އެވެ.

"މެރަތަންއެއްގައި ވެދާނެ ކޮންމެ ގޮތެއް ވެސް. މިއަދު އަޅުގަނޑު ނޭޕާލްގެ އެތުލީޓަށް ވުރެ ކުރިއަށް އަރައި ރޭސް ނިންމީ. އެކަމަކު މިއީ ސައުތު އޭޝިއަން ގޭމްސްގެ މެޑަލްއެއް ހޯދަން ޓާގެޓްކޮށްގެން މަސައްކަތް ކުރާއިރު ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" ބާލިންގައި ހުރެ ފޯނުން ވާހަކަ ދައްކަމުން މޯޑް ބުންޏެވެ.

މިއީ ބާލިން މެރަތަންގައި މޯޑް ވާދަކުރި ދެ ވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ވާދަކުރީ 2018 ގައި ބޭއްވި ބާލިން މެރެތަންގަ އެވެ. އޭރު ރޭސް ނިންމި ވަރަށް ވުރެ ދެ މިނެޓް އަވަހަށް މިފަހަރު އޭނާ ރޭސް ނިންމި އެވެ.

ދިގު ދުވުމަށް ބަލާއިރު ރާއްޖޭގައި ދެވަނަ ދުވުންތެރިޔަކީ މޯޑެވެ. ބާލިން މެރެތަން އަކީ އޭނާގެ 11 ވަނަ މެރެތަން އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 139 ގައުމުގެ ދުވުންތެރިން ވާދަ ކުރި، ބާލިން މެރަތަންގެ ފިރިހެނުންގެ ބައިން އެއްވަނަ ހޯދީ އިތިއޯޕިއާގެ އެތުލީޓް އެޑޯލާ ގައޭ އެވެ. އޭނާ ރޭސް ނިންމީ 2:05:45 އިންނެވެ. އެއްވަނަ ހޯދި އަންހެން އެތުލީޓަކީ އިތިއޯޕިއާގެ ގޮޓައިޓަމް ގެބްރިސްލޭސް އެވެ. އޭނާ ރޭސް ނިންމީ 2:20:09 އިންނެވެ.