27 ސެޕްޓެމްބަރ 2021 - 08:41

މިދިޔަ އާދީއްތަ ވިލޭރޭ އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ބައެއް ރަށްތަކަށް އަރައި ދިން އުދުވާނީ ހަމަލާތަކުގައި ޝަހީދު ކޮށްލި ފަލަސްތީނުގެ ފަސް މީހުންގެ މަރުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފުމަށް، ހަމާސް ޖަމާއަތުން ވައުދުވެއްޖެ އެވެ.

އިޒްރޭލުގެ އުދުވާނާ ގުޅިގެން އިޒްރޭލަށް އިންޒާރު ދެއްވަމުން ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ނައިބު ރައީސް ސާލިހުލް އާރޫރީ އިއްޔެ ވިދާޅުވީ ޝަހީދުންގެ ލެއަކީ އަގެއް ނެތް އެއްޗެއް ކަމުގައި ވެގެން ނުދާނެ ކަމަށެވެ. ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޝަހީދުވި ބަތަލުންގެ ލެއިން އަދާކުރެވޭނެ އެންމެ ބޮޑު އަގަކީ، ފަލަސްތީނާއި ގުދުސާއި އަގްސާ މިސްކިތް މިނިވަންވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނީން އާއި ރާމަﷲގެ ބައެއް އަވަށްތަކަށް ވަދެގަނެ ހިންގި އުދުވާނުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވި އެވެ. ޝަހީދުވި މީހުންގެ ތެރެއިން ތިން މީހަކީ، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އިއްޒުންދީނުލް ގައްސާމް ބްރީގޭޑްގެ ތިން ހަނގުރާމަވެރިންނެވެ. އޭގެ ތެރޭގައި މައިދާނީ ކޮމާންޑަރެއް ވެސް ހިމެނެ އެވެ.
އަލްގައްސާމް ބްރިގޭޑުން ބުނި ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އެ ޖަމާއަތުގެ ތިން ހަނގުރާމަވެރިން ވެސް ޝަހީދުވީ ގުދުސްގެ ފަރުބަދަމަތީ ސަރަހައްދެއްގައި، އިޒްރޭލު ސިފައިންނާ ދެމެދު ހިނގި ބަޑީގެ ކުރިމަތިލުންތަކެއްގަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމިކް ޖިހާދު ޖަމާއަތުން ބުނި ގޮތުގައި، އާދީއްތަ ވިލޭރޭގެ އުދުވާނުގައި ޝަހީދުވި ފަސް މީހުންގެ ތެރޭގައި، އެޖަމާއަތުގެ އަސްކަރީ ގޮފި، ގުދުސް ބްރިގޭޑްގެ ހަނގުރާމަވެރިއަކު ވެސް ހިމެނެ އެވެ. އޭނާ ވެސް ޝަހީދުވީ އިޒްރޭލު ސިފައިންނާ ދެމެދު ހިނގި ބަޑީގެ ކުރިމަތިލުންތަކެއްގައި ކަމަށް ގުދުސް ބްރިގޭޑުން ބުންޏެވެ.
އޭގެ އިތުރުން، ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން 16 އަހަރުގެ ޒުވާނަކު ވެސް ހިމެނެ އެވެ. ޔޫސުފް މުހައްމަދު ސުބްހު ކިޔާ އެ ޒުވާނާ ޝަހީދުވީ، ޖެނީންގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގަ އެވެ.
އާދީއްތަ ވިލޭރޭ އިޒްރޭލު ސިފައިން ހިންގި އުދުވާނީ އަމަލުތަކަށް، އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ އައްސަރިބަސް ދެއްވައިފަ އެވެ. އަދި އަބަދުވެސް އިޒްރޭލު ސިފައިންނަށް ސަރުކާރުގެ ފުރިހަމަ މަދަދު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ޖެނީން އާއި ރާމަﷲގައި އިޒްރޭލު ސިފައިން ހިންގި އުދުވާން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ހިފާފައިވާ ބިންތަކުގައި އިޒްރޭލުގެ އުދުވާންތައް ހުއްޓާނުލައި ކުރިއަށް ދާ ނަމަ، ހިފާފައިވާ ބިންތަކުގެ މައްސަލަ ހައްދުން ނެއްޓިދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.