އީރާންގެ ރައީސްގެ "ނަސޭހަތް" އިނގިރޭސި ސަފީރަށް
އީރާންގެ ރައީސްގެ "ނަސޭހަތް" އިނގިރޭސި ސަފީރަށް

އާންމު ގޮތެއްގައި އެއް ގައުމަކުން އަނެއް ގައުމަކަށް ކަނޑައަޅާ ސަފީރު، ގައުމެއްގެ އެންމެ މަތީ ވެރިޔާ އަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަކީ، ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން ބާއްވާ ވަރަށް ޝަރަފުވެރި ރަސްމިއްޔާތެކެވެ. އެ ރަސްމިއްޔާތުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ވެސް، ދެ ގައުމުގެ ގުޅުމާ މެދު ތައުރީފުކުރުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވާހަކަކޮޅެއް ދައްކައިލުމެވެ.

ނަމަވެސް އިނގިރޭސި ވިލާތުން އީރާނަށް ކަނޑައެޅި އާ ސަފީރު ޝިމޯން ޝާކްލިފް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް އެރުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ދިޔައީ އެފަދަ މާހައުލެއްގައެއް ނޫނެވެ. ސަފީރުގެ ފަތްކޮޅާ ހަވާލުވެވަޑައިގަތުމަށް ފަހު، އީރާންގެ ރައީސް އިބްރާހީމް ރައީސީ، އިނގިރޭސި ސަފީރަށް ނަންގަވައިދެއްވީ ޑިޕްލޮމެސީގެ ފިލާވަޅެކެވެ.

ރައީސީ ވިދާޅުވި ގޮތުގައި ހައްގު ބަހާއި ސައްހަ ވާހަކަތައް ނޫން އެއްޗެއް އީރާނުން ގަބޫލެއް ނުކުރާނެ އެވެ.
"އީރާންގެ ރައްޔިތުންނަކީ އެމީހުންގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގައި ވަރަށް ވަރުގަދަ އަށް ހިފަހައްޓައިގެން ތިބި ބައެއް. އަނެއް ފަރާތުން ބޭނުންވާ ގޮތަށް އީރާން ލައްވައި ގަދަބާރުން ކަންތައް ކުރަން އުޅޭކަން އަދި ގަނާކުރާކަން އިހްސާސްވާ ނަމަ، އެކަންކަމަށް އީރާން ބޮލެއް ނުލަނބާނެ. އަދި އެކަމާ ދެކޮޅަށް ވަރަށް އަވަހަށް ގޮތް ވެސް ނިންމާނެ،" ރައީސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނަކީ ކޮން ކަހަލަ ގައުމެއްކަން ވިލާތުގެ ގައުމުތަކަށް މިހާރު އޮންނާނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފަ އެވެ. އެ ގޮތުން ކުރެވުނު ތަޖުރިބާ އިން ވިލާތުގެ ގައުމުތަކަށް ސާބިތުވެފައި އޮންނާނީ، އީރާނަކީ ކޮންމެ ކަމެއްގައި ވެސް މިނިވަން މުސްތަގިއްލު ރައުޔެއް ގެންގުޅޭ ގައުމެއް ކަމަށް، ރައީސީ ވިދާޅުވި އެވެ.

"އަހަރެމެން ދީނީ ގޮތުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި އަހަރެމެން ގަބޫލުކުރާ ހަމަތަކާއި އަސާސްތައް އަހަރެމެންގެ މައްޗަށް މަޖުބޫރު އެބަކުރޭ، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން. ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އިންސާނީ ހައްގުތައް ނަގަހައްޓާ ކަމަށް އެބުނާ ގައުމުތަކުން، އެ ގައުމުތަކުގެ ރައްޔިތުންނާ މެދު އަމަލުކުރަމުން އެދާ ގޮތް."

ރައީސީ ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުގެ ކުރިމަތީގައި އިންސާނީ ހައްގުތަކަކީ، އެހެން ގައުމުތަކަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަން ގެންގުޅޭ ވަސީލަތަކަށް މިހާރު ވެއްޖެ އެވެ. ނަމަވެސް އެފަދަ ފިއްތުންތަކަށް އީރާން ބޯނުލަނބާނެ ކަމަށް ރައީސީ ވިދާޅުވި އެވެ.

"އީރާނުން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހަގީގަތްތައް، އޭގެ ރަނގަޅު ފުރިހަމަ ސިފައިގައި ތިޔަ ބޭފުޅުންގެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ. އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމުގެ އަސާސްގެ މަތިން އަންނަ ކޮންމެ ގައުމަކާ އެކުގައި އެއްބާރުލުމުގެ ގުޅުން ބަދަހިކުރަން އީރާން އަބަދުވެސް މަރުހަބާ ކިޔާނެ،" އީރާންގެ ރައީސް އިބްރާހީމް ރައީސީ، އިނގިރޭސި ސަފީރަށް ވިދާޅުވި އެވެ.

ފަތްކޮޅު އެރުވުމުގެ ބައްދަލުވުމުގައި އިނގިރޭސި ސަފީރު ވިދާޅުވީ އީރާނާ ބެހޭ ގޮތުން ވަރަށް ރަނގަޅު މައުލޫމާތު އެބަހުރި ކަމަށާއި، އޭނާގެ މައިގަނޑު އަމާޒަކީ، އީޖާބީ އަދި ބިނާކުރަނިވި ގޮތެއްގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. އަދި އީރާނާއި އިނގިރޭސި ވިލާތާ އެކުގައި ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.