26 ސެޕްޓެމްބަރ 2021 - 22:19

ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާއި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ބާކީކޮށް, އަންނަ މަހު ރާއްޖޭގައި ފަށާ 13 ވަނަ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ 24 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުްލާން ކޮށްފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމު ގަތަރުގައި ފަރިތަކުރަމުން ދިޔައީ 29 ކުޅުންތެރިންގެ ވަގުތީ ސްކޮޑަކާއެކު އެވެ. މާޒިޔާގެ ލިލީ އާއި ދަ ގްރާންޑޭއަށް ކުޅުނު މުލަކޭގެ އިތުރުން ފައިނަލް ސްކޮޑުން ޖާގަ ނުލިބެނީ މާޒިޔާގެ ފަހަތަށް ކުޅޭ މޫސާ ޔާމީން (ޔާމްބެ) އާއި ޓީސީގެ އަލީ ޝާމިސް (ތޮއްޕޭ) އަދި ގްރީން ސްޓްރީޓްސްގެ ޒުވާން ފޯވަޑް ހަސަން ނަޒީމް (ޗޯޓު) އެވެ.
މިފަހަރުގެ ސްކޮޑުން އަލަށް ޖާގަ ހޯދީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާއި ކީޕަރު އަލީ ނާޖިހް (ނާޖީ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ އިތުރުން ގާސިމް ސައްމާމް (ސަންމޭ) އެވެ.
ފަސް ޓީމާއެކު އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އެރޭ ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާ ދެކޮޅަށެވެ. ލީގު އުސޫލުން ކުރިޔަށްދާ މިއަހަރުގެ މުބާރާތުގެ ފައިނަލަށް ހޮވޭނީ ލީގު ބުރުގެ ކުޅުން ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 16 ވަނަ ދުވަހުގެ ރެއެވެ.
ގަތަރު ޓްރޭނިން ކޭމްޕް ނިންމައި ޓީމު ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ.
މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، އަސަދުﷲ އަބްދުﷲ (އަސައްކޮ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހުސައިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)
އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، މުހައްމަދު ނާއިމް، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)
ވެލެންސިއާ: މުހައްމަދު ޝަފީއު (ޗެކް)، އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، މުހައްމަދު ފައިސަލް
ޔުނައިޓެޑް ވިކްޓަރީ: އަލީ ނާޖިހު (ނާޖީ)، އިސްމާއިލް އީސަ (މެސީ)، އަލީ ހައިސަމް (ޗުމްޕު)
ދަ ގްރާންޑޭ: ގާސިމް ސައްމާމް (ސަންމޭ)