ރިތިކްގެ "ގާބިލް" ރިލީޒްކުރުން އެއްދުވަސް އަވަސްކޮށްފި
ރިތިކްގެ "ގާބިލް" ރިލީޒްކުރުން އެއްދުވަސް އަވަސްކޮށްފި

އަންނަ އަހަރު ފެށޭއިރު ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާން އޮތް ދެ ފިލްމުގެ ތެރެއިން ރިތިކް ރޯޝަންގެ "ގާބިލް" ރިލިޒްކުރުން އެއް ދުވަސް އަވަސް ކޮށްފި އެވެ. ރިތިކްގެ ފިލްމާ 26 ޖެނުއަރީ 2017 ގައި ވާދަކުރަން ހަމަޖެހިފައި އޮތީ ޝާހްރުކް ޚާންގެ "ރައީސް" އެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ރިތިކްގެ ރިލްމު ރިލީޒްކުރާނީ ޖެނުއަރީ 25 ގަ އެވެ. ޝާހްރުކްގެ ފިލްމު ޖެނުއަރީ 26 ގަ އެވެ.

އެއް ދުވަހު ބޮޑު ދެ ފިލްމެއް ރިލިޒްކުރުމުން ދެ ފިލްމަށް ވެސް ފުދޭވަރަކަށް ގެއްލުންވާކަން ސާބިތުވެފައި ވެއެވެ. އެހެންވެ "ގާބިލް" އުފައްދާ ފަރާތުން ފިލްމު އެއް ދުވަސް ކުރިއަށް ޖައްސާލަން ނިންމީ އެވެ.

ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ވަނީ "ރައީސް" އަށް ވުރެ އެއް ދުވަސް ކުރިން "ގާބިލް" ރިލީޒްކުރަން ނިންމާފައި ކަމަށާއި ޖެނުއަރީ 25 ވަނަ ދުވަހުގެ އިރުއޮއްސި 6.00ން ފެށިގެން "ގާބިލް"ގެ ޝޯތައް ދައްކަން ފަށާނެ ކަމަށެވެ.

މިއީ މީގެ ކުރިން އެއްވެސް ފިލްމަކުން ކަންތައް ކޮށްފައިވާ ގޮތެއް ނޫނެވެ. އާއްމުކޮށް ބޮލީވުޑްގެ ހުރިހާ ފިލްމެއްހެން ރިލިޒްކުރަނީ ހުކުރު ދުވަހު އެވެ. ސަބަބަކީ ޖެހިގެން އަންނަ ދެ ދުވަހަކީ އިންޑިއާގައި ރަސްމީ ބަންދު ދުވަސްތަކަށް ވާތީ ފިލްމުތަކުގެ ވިޔަފާރި ރަނގަޅުވާނެތީ އެވެ.

"ގާބިލް" އަކީ އެކްޝަން ތުރިލާ އެކެވެ. މި ފިލްމުގައި ރިތިކް އާއި ބަތަލާ ޔާމީ ގޯތަމް އަކީ ލޯފަން ދެ މީހުންނެވެ. ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަންގެ ފިލްމް ކްރާފްޓްސް ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން އުފައްދާ މި ފިލްމުގައި ރޯނިތު ރޯއީ އާއި ރޯހިތު ރޯއީގެ ދެބެން ނުބައިބައި ކުޅެފައި ވެއެވެ.

އަނެއްކޮޅުން ޝާހްރުކް ޚާންގެ "ރައީސް" އަކީ ވެސް އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ބަތަލާއަކީ ޕާކިސްތާން އެކްޓަރެއް ކަމަށްވާ މާހިރާ ޚާން އެވެ. މިއީ ނުބައިބައި ޑޮންއެއްގެ ރޯލުން ޝާހްރުކް ފެނިގެން ދާނެ ފިލްމެކެވެ.