ޓެލެގްރާމުގައި ބަރަހަނާ ފޮޓޯތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި މީހަކަށް 11 ދައުވާ
ޓެލެގްރާމުގައި ބަރަހަނާ ފޮޓޯތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި މީހަކަށް 11 ދައުވާ

ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، ގެ މައްޗަށް 11 ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ، އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގަ އެވެ.

- އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ

- އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ

- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ

- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ

- އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ

- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ

- އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ

އެފަދަ މައްސަލައެއްގެ ތުހުމަތުގައި މީގެ ކުރިން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެގޮތުން، މަސާއިދުގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނެފައިވަނީ އޭނާ ގެންގުޅުނު ހާޑުޑްރައިވަކުން މިލިއަނެއްހާ ފޮޓޯ ފެނިފައިވާ ކަމަށެވެ. އެއީ ގެއިން ފެނުނު ހަތް ހާޑްޑްރައިވާއި އޮފީހުގައި ބޭނުންކުރި ސިސްޓަމުގެ ހާޑްޑްރައިވާއި އޮފީހުގެ ވަތްގަނޑަކުން ފެނުނު ދެ ހާޑް ޑްރައިވް އެވެ.

ޓެލެގްރާމުގައި އެކި ނަންނަމުގައި ޗެނަލްތައް ހަދައިގެން އަންހެން ކުދިންގެ ފޮޓޯއާ ވީޑިއޯ އާއްމުކުރުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވި އެވެ. އޭގެ ތެރެއިން ބައެއް ޗެނަލްތައް ވަނީ ޑިލީޓުކޮށްފަ އެވެ.