26 ސެޕްޓެމްބަރ 2021 - 15:18

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާ ގުޅިގެން ޗަލްޑްހުޑް ކެންސާ ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފި އެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން 2018 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު މަހު ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސާ އެވެއާނެސް ކެމްޕެއިން" ގައި ކުރިން ވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި އަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސާ އަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފްސާނީ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ އެވެ.
އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ކުޑަކުދިންނަށް ކެންސަރު ޖެހޭ ވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ރިޕޯޓްތަކުން ދައްކާ ގޮތުގައި، ކެންސަރުގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައިވަނީ އޭޝިއާ އިންނެވެ.
ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން އެއް ޕަސެންޓެވެ. ރާއްޖޭގެ ނިސްބަތުން ކެންސަރު ޖެހޭ މީހުންގެ ގާތްގަނޑަކަށް 6-7 ޕަސެންޓް ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިންނެވެ.
މި އަހަރުގެ މި ކެމްޕެއިން ފެށުމުގެ ގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑް ހުޑް ކެންސަރުގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލައިފަ އެވެ.
މި އަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ވީޑިއޯ ސީރީސްއެއް ނެރޭނެ އެވެ. މި ސީރީސްގެ ދަށުން ރާއްޖޭގެ ހާލަތާއި މި ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތައް ގެނެސްދޭނެ އެވެ.
ދިރާގުގެ ޑިރެކްޓާ އޮފް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވި ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
"ކެންސަ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕޭނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން، ޖުވޭރިޔާ ސައީދު ވިދާޅުވީ، މި އަހަރުގެ ކެމްޕެއިންގައި ކެންސަރު ބަލިން ރަނގަޅުވެގެން އަނބުރާ ސްކޫލަށް ނުކުންނަ ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
"މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނަން. ދިރާގުން ޗަލްޑް ހުޑް ކެންސާ އެވެއާނަސް ކެމްޕެއިނަށް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ މެއިން ޕާޓްނަރެއްގެ ގޮތުގައި އެހީތެރިވަމުން،" އޭނާ ވިދާޅުވި އެވެ.