ކަނޑުހުޅުދޫގެ ރޭޕްގެ މައްސަލަ: ހެކިބަސް ނަގައި ނިމެނީ
ކަނޑުހުޅުދޫގެ ރޭޕްގެ މައްސަލަ: ހެކިބަސް ނަގައި ނިމެނީ

ގއ. ކަނޑުހުޅުދޫގައި ދެ މީހަކު ވެގެން އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ދައުވާ ކުރި ދެ މީހުންގެ ޝަރީއަތުގައި ހެކިބަސް ނަގައި ނިމެން ކައިރި ވެއްޖެ އެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުވާ ކުރީ އެ ކުއްޖާގެ ކާފަ، އެ ރަށު ރިހިވެލި، އިބްރާހީމް ދީދީ އާއި މުނި ކާފަ އަންނާރުމާގެ، ހަސަން މޫސާދީދީގެ މައްޗަށެވެ. އެ ދެ މީހުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އެއްކޮށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި، އެ މައްސަލައިގައި މިހާރު އޮތީ ބާކީ ދެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެކަމަށް މި މަހުގެ 28 ވަނަ ދުވަހަށް އަޑުއެހުމެއް ވަނީ ތާވަލު ކޮށްފަ އެވެ.

ހެކިބަސް ނަގައި ނިންމައި، ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާ ކަމަށް ވާއިރު، ހުކުމް ކުރާނީ އެ އަށް ފަހު އެވެ. ގާނޫނުގައި އޮންނަ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 83 އަހަރުގެ ހަސަން މޫސާ ދީދީ މުސްކުޅިވެ، ސިއްހީ ހާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭނާ ކޯޓަށް ގެންދަނީ ވެސް ފުރޮޅުލީ ގޮނޑިއެއްގަ އެވެ. ކޯޓަށް ގެންދާއިރު އޭނާ ކުޑަކަމުދަނީ ވެސް ގޮނޑީގައި ޖަހާފައި ހުންނަ ޔޫރިން ބޭގަކަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި އޭނާގެ ނަފުސާނީ ހާލަތު ބެލުމަށް ހެދި އެސެސްމެންޓުން ދެއްކީ އޭނާގެ މައްޗަށް ޝަރީއަތް ހިންގޭނެ ވަރަށް ނަފްސާނީ ހާލަތު ރަނގަޅު ކަމަށެވެ.

ކުއްޖާގެ ބައްޕަ އާއި މަންމަގެ މައްޗަށް ކުރީ ކުށް ރިޕޯޓު ނުކުރުމާއި އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ކުއްޖާގެ ބައްޕަ އަށް ތުހުމަތު ކުރި ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭނާ އެ ކުއްޖާ އަށް ޖިންސީ ގޯނާއެއް ނުކުރެ އެވެ. ބައްޕަ ހައްޔަރު ނުކޮށްގެން ހުޅުމާލޭ ފްލެޓެއްގެ ބޭރުގައި ގިނަ ބަޔަކު މުޒާހަރާކޮށް ހަމަނުޖެހުން ވެސް ހިންގި އެވެ.

މި މައްސަލަ ފެންމަތިވެ، ދައުލަތުގެ އިދާރާތަކަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް، ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފްތަރެއް ވެސް އެކުލަވާލައި ގަވައިދުން މޮނިޓާ ކުރަން ރައްޔިތުންގެ މަޖިލީހުން ޖެންޑާ މިނިސްޓްރީ އަށް އެންގި އެވެ.

އޭގެ އިތުރުން، ކޯޓުތަކުގައި ހުރި ޖިންސީ ގޯނާގެ މައްސަލަތައް ކޮންމެ 48 ގަޑިއިރަކުން ތާވަލުކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ވެސް ޑީޖޭއޭ އިން ކޯޓުތަކަށް އޭރު އިރުޝާދު ދިނެވެ. އެކަމަކު، ކަނޑުހުޅުދޫގެ މި މައްސަލަ އަށް މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް އިސްތިއުފާ ދެއްވީ، މި މައްސަލައިގައި މިނިސްޓްރީގެ އިހުމާލުގެ އޮތް ކަމަށް ތުހުމަތުކޮށް، އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މި މައްސަލައާއެކު، އެ ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު ހަސަން ދީދީގެ ޖިންސީ ގޯނާގެ މައްސަލަ ވެސް ފެންމަތިވި އެވެ. ދައުވާ ކުރި ދެ މީހުންނާ އާއިލީ ގުޅުން އޮންނަ ހަސަން ދީދީ ވަކި ކުރަން މަޖިލީހަށް ފޮނުވަން ނިންމާފައި އޮއްވައި އޭނާ މަގާމުުން އިސްތިއުފާ ދެއްވީ އެވެ.